މިނެސޯޓާ ޓިމްބާވުލްވްސްއިން މެމްފިސް ގްރިޒްލީސް ބަލިކޮށްފި

ޓިމްބާވުލްވްސް އިން އަންނަނީ މިސީޒަންގައި މޮޅު ކުޅުމެއް ދައްކަމުން / ފޮޓޯ: ކެނިސް ހޫޕަސް

އެންބީއޭ ބާސްކެޓްބޯޅަ މުބާރާތުގައި މިނެސޯޓާ ޓިމްބާވުލްވްސް އާއި މެމްފިސް ގްރިޒްލީސް ބައްދަލުކުރި މެޗް ޓިމްބާވުލްވްސްއިން ކާމިޔާބު ކޮށްފިއެވެ.

މެމްފިސްގެ ފެޑްއެކްސް ފޯރަމްގައި ކުޅުނު މިމެޗް ވުލްވްސް ކާމިޔާބުކޮށްފައިވަނީ 127 ޕޮއިންޓް 103 ޕޮއިންޓުންނެވެ. މިމެޗްގައި ވުލްވްސްގެ ރޫޑީ ގޮބާޓްވަނީ 16 ޕޮއިންޓް ހޯދައިދީ 20 ރީބައުންޑް ނަގައިދީ އެއް އެސިސްޓް ކޮށްފައެވެ. އަދި ގްރިޒްލީސްއަށް އެންމެ ރަނގަޅު ކުޅުމެއް ދެއްކީ ނުވަ ޕޮއިންޓް ހޯދައިދީ 10 ރީބައުންޑް ނަގައިދީ ހަ އެސިސްޓް ދިން ސަންޓީ އަލްޑާމާއެވެ.

ވުލްވްސްއިން އަންނަނީ މިސީޒަންގައި އާދަޔާ ހިލާފު މޮޅު ކުޅުމެއް ދައްކަމުންނެވެ. މިގޮތުން އީސްޓަން އާއި ވެސްޓަން ކޮންފަރެންސްއަށް ބެލިކަމުގައިވީ ނަމަވެސް މިސީޒަންގައި މިހާތަނަށް އެންމެ ގިނަ މެޗް ކާމިޔާބު ކޮށްފައިވަނީ ވުލްވްސްއެވެ. އެއީ 17 މެޗެވެ.

ސޯޅަ މެޗާއެކު ދެވަަނައިގައި އުޅެނީ އީސްޓަންގެ އެއްވަނައިގައި އުޅޭ ބޮސްޓަން ސެލްޓިކްސްއެވެ. ސެލްޓިކްސްވަނީ ނިއުޔޯކް ނިކްސްއާ ރޭ ބައްދަލުކުރިމެޗް 133 ޕޮއިންޓް 123 ޕޮއިންޓުން ކާމިޔާބުކޮށްފައެވެ. މިމެޗްގައި ސެލްޓިކްސްގެ ޖޭސަން ޓެޓުމްވަނީ 25 ޕޮއިންޓް ހޯދައިދީ ހަ ރީބައުންޑް ނަގައިދީ ފަސް އެސިސްޓް ކޮށްފައެވެ. އަދި ނިކްސް އިން އެންމެ ރަނގަޅު ކުޅުމެއް ދެއްކީ 23 ޕޮއިންޓް ހޯދައިދީ ތިން ރީބައުންޑް ނަގައިދީ ތިން އެސިސްޓް ދިން އާރް ޖޭ ބެރަޓްއެވެ.

މީގެ އިތުރުން އޯލާންޑޯ މެޖިކް އާއި ޑެޓްރޮއިޓް ޕިސްޓަންސް ބައްދަލުކުރިމެޗް 123 ޕޮއިންޓް 91 ޕޮއިންޓުން ކާމިޔާބުކުރީ މެޖިކްއެވެ. މެޖިކްއަށް އެންމެ ރަނގަޅު ކުޅުމެއް ދެއްކީ 27 ޕޮއިންޓް ހޯދައިދީ ދެ ރީބައުންޑް ނަގައިދީ ތިން އެސިސްޓް ދިން ފްރާންޒް ވެގްނާއެވެ. އަދި ޕިސްޓަންސްއަށް އެންމެ ރަނގަޅު ކުޅުމެއް ދެއްކީ 21 ޕޮއިންޓް ހޯދައިދީ ތިން ރީބައުންޑް ނަގައިދީ ހަ އެސިސްޓް ދިން ކޭޑް ކަނިންހަމްއެވެ.

މިމުބާރާތުގައި ކުޅުނު އެހެން މެޗްތަކަށް ބަލައިލާއިރު ފިލަޑެލްފިއާ ސެވަންޓީ ސިކްސާސް އާއި އެޓްލާންޓާ ހޯކްސް ބައްދަލުކުރިމެޗް 125 ޕޮއިންޓް 114 ޕޮއިންޓުން ސެވަންޓީ ސިކްސާސް ކާމިޔާބު ކުރިއިރު ޗާލޮޓް ހޯނެޓްސް އާއި ޓޮރޮންޓޯ ރެޕްޓާސް ބައްދަލުކުރިމެޗް 119 ޕޮއިންޓް 116 ޕޮއިންޓުން ކާމިޔާބު ކުރީ ހޯނެޓްސްއެވެ. ބްރޫކްލިން ނެޓްސް އާއި ވޮޝިންޓަން ވިޒަޑްސް ބައްދަލުކުރި މެޗް 124 ޕޮއިންޓް 97 ޕޮއިންޓުން ނެޓްސް ކާމިޔާބު ކުރިއިރު އޮކްލޮހޯމާ ސިޓީ ތަންޑާ އާއި ގޯލްޑަން ސްޓޭޓް ވޮރިއާސް ބައްދަލުކުރިމެޗް 138 ޕޮއިންޓް 136 ޕޮއިންޓުން ކާމިޔާބުކުރީ ތަންޑާއެވެ.

ކްލީވްލަންޑް ކެވެލިއާސް އާއި މައޭމީ ހީޓް ބައްދަލުކުރި މެޗް 111 ޕޮއިންޓް 99 ޕޮއިންޓުން ކެވެލިއާސް ކާމިޔާބުކުރިއިރު ޝިކާގޯ ބުލްސް އާއި ސެން އެންޓޯނިއޯ ސްޕާސް ބައްދަލުކުރިމެޗް 121 ޕޮއިންޓް 112 ޕޮއިންޓުން ކާމިޔާބުކުރީ ބުލްސްއެވެ.

މީގެ އިތުރުން ސެކްރެމެންޓޯ ކިންގްސް އާއި ފީނިކްސް ސަންސް ބައްދަލުކުރި މެޗް 114 ޕޮއިންޓް 106 ޕޮއިންޓުން ކިންގްސް ކާމިޔާބު ކުރިއިރު ހިއުސްޓަން ރޮކެޓްސް އާއި ޑެންވާ ނަގެޓްސް ބައްދަލުކުރިމެޗް 114 ޕޮއިންޓް 106 ޕޮއިންޓުން ކާމިޔާބުކުރީ ރޮކެޓްސްއެވެ. އަދި ޑެލަސް މެވްރިކްސް އާއި ޕޯޓްލަންޑް ޓްރެއިލް ބްލޭޒާސް ބައްދަލުކުރިމެޗް 125 ޕޮއިންޓް 112 ޕޮއިންޓުން މެވްރިކްސް ކާމިޔާބު ކުރިއިރު ލޮސް އެންޖަލިސް ކްލިޕާސް އާއި ޔޫޓާ ޖޭޒް ބައްދަލުކުރިމެޗް 117 ޕޮއިންޓް 103 ޕޮއިންޓުން ކާމިޔާބުކުރީ ކްލިޕާސްއެވެ.

comment ކޮމެންޓް