އިރާޤުގައި ހުންނަ އެމެރިކާ އެމްބަސީއަށް ރޮކެޓް ޙަމަލާތަކެއް ދީފިއެވެ.
އިރާޤުގެ ވެރި ރަށް ބަޤްދާދުގައި ހުންނަ އެ އެމްބަސީއަށް ޙަމަލާދީފައި ވަނީ އިއްޔެއެވެ. އެމެރިކާ އެމްބަސީ ހުންނަނީ ބަޤްދާދުގެ ގްރީން ޒޯންގައެވެ.
އެމެރިކާއ އެމްބަސީއަށް ޙަމަލާ ދީފައި މިވަނީ އިސްރާއީލުގެ ފައުޖުތަކުން ފަލަސްޠީނުގެ ޣައްޒާގައި ހިންގަމުންދާ ލާއިންސާނީ ޢަމަލުތަކަށް އެމެރިކާއިން ފުރިހަމައަށް ތާޢީދުކޮށް އެކަމަށް ވާގިވެރިވަމުން އަންނަ ދަނޑިވަޅެއްގައެވެ.
އެމެރިކާއާއި އިރާގުގެ އަސްކަރީ އޮފިޝަލުންނާ ހަވާލާދީ ނިއުސް އެޖެންސީތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި ރޮކެޓް ޙަމަލާތައް ދީފައި ވަނީ ހުކުރު ދުވަހު ފަތިހުއެވެ.
އިރާޤުގެ ސަލާމަތީ އޮފިޝަލަކު ވިދާޅުވި ގޮތުން އެމްބަސީއަށް ވަނީ 14 ރޮކެޓް ޙަމަލާ އަމާޒުވެފައެވެ. ނަމަވެސް އެ ޙަމަލާތަކުގެ ސަބަބުން އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައެއްނުވެއެވެ.
ރޮކެޓް ޙަމަލާތައް ދީފައި ވަނީ ޢީރާނާ ގުޅިފައިވާ ހަތިޔާރު އެޅި މުޖާހިދުން ކަމަށް އެމެރިކާއިން ތުޙުމަތުކުރެއެވެ. ދެ ޤައުމުގެ ދެމެދުގައި އޮތް ޚާރިޖީ ގުޅުން ޙިމާޔަތް ކުރުމަށް އިރާޤަށް އޮތް ހުރިހާ ބާރެއް ބޭނުންކޮށްގެން މަސައްކަތް ކުރުމަށްވެސް އެމެރިކާއިން ވަނީ އިރާޤަށް ގޮވައިލައިފައެވެ.
އެމްބަސީއަށް ދިން ޙަމަލާއާ ގުޅިގެން އިރާޤުގެ ބޮޑުވަޒީރު މުހައްމަދު ޝިޔާ އަލް ސުދާނީ ނެރުއްވި ބަޔާނެއްގައި ވިދާޅުވީ އެ ޙަމަލާއަކީ އެ ޤައުމުގެ ހަމަޖެހުމާއި އެތެރޭގެ ސަލާމަތާއި ސިޔާސީ އަބުރަށް ބުރޫއަރާ ޓެރަރިޒަމްގެ ޢަމަލެކެވެ. އަދި އެ ޙަމަލާގެ ފަހަތުގައި ތިބި މީހުން ހޯދުމަށް ޝިޔާ ވަނީ އިރާޤުގެ ސަލާމަތީ ބާރުތަކަށް ގޮވައިލައިފައެވެ.
ޣައްޒާގައި އިސްރާއީލުން ހިންގަމުންދާ ޖަރީމާތަކުގެ ސަބަބުން ޔަހޫދީންނަށް ވާގިވެރިވާ އެމެރިކާއާ ދެކޮޅަށް ބަދަލު ހިފުމުގެ ޙަމަލާތައް ދޭނެ ކަމަށް ފަލަސްޠީނަށް ތާއީދުކުރާ އިރާޤުގެ ޖަމާއަތްތަކުން ވަނީ މީގެކުރިން ބުނެފައެވެ.
އެމެރިކާގެ އަސްކަރީ މަރުކަޒު، ޕެންޓަގަން އިން ބުނާ ގޮތުގައި އޮކްޓޯބަރު މަހުގެ ހަތް ވަނަ ދުވަހު ޣައްޒާގައި އިސްރާއީލުން ހަނގުރާމަ ފެށި ފަހުން އިރާޤާއި ސޫރިއާގައި ޙަރަކާތްތެރިވި އެމެރިކާ ސިފައިންނަށް މަދުވެގެން 66 ފަހަރު ހަމަލާދީ 60 އަށް ވުރެ ގިނަ މީހުންނަށް އަނިޔާވެފައިވެއެވެ.
އެ ޙަމަލާތައް ދިނުމަށް ހަތިޔާރު އެޅި ޖަމާޢަތަކަށް ހަތިޔާރު ފޯރުކޮށްދެނީ ޢީރާނުން ކަމަށް އެމެރިކާއިން ތުޙުމަތު ކުރެއެވެ.
ޢިރާނުގެ ޚާރިޖީ ވަޒީރު ޙުސެއިން އަމީރުޢަބްދުالله ވިދާޅުވީ އެ ސަރަޙައްދުގައި ދެކޮޅުވެރިކަން އުފެދޭ ފަދަ އެއްވެސް ކަމެއް ކުރުމަށް ޢަމުރު ނުކުރާ ކަމަށެވެ. އަދި ވަކި ކަމެއް ނުކުރުމަށްވެސް ޖަމާޢަތްތަތަކަށް އަންގާފައި ނުވާ ކަމަށާއި އެ މީހުންގެ އަމިއްލަ ޤައުމުގެ އެމީހުން ބޭނުން ގޮތަކަށް ކަންކަން ނިންމޭނެ ކަމަށެވެ.
ހުކުރު ދުވަހުން އެ ޙަމަލާގެ އެއްވެސް ޖަމާޢަތަކުން ނަގާފައެއްނުވެއެވެ.