އަންނަ މަހު ސިނަމާތަކަށް އަންނާނެ ބެލުންތެރިންގެ އެންމެ ގިނަ ބަޔަކު އިންތިޒާރުކުރާ ފިލްމު "ފައިޓާ"ގެ ފުރަތަމަ ޓީޒާ ބެލުންތެރިންނަށް ދައްކާލައިފިއެވެ.
ބޮލީވުޑްގެ އެންމެ ވަރުގަދަ އެކްޝަން ފިލްމުތައް ޑައިރެކްޓް ކޮށްފައިވާ ސިދާތު އާނަންދުގެ މި ފިލްމަކީ، އަސްކަރީ ޕައިލެޓުންގެ މެދުގައި ހިނގާ ވަރުގަދަ ހަނގުރާމަ މަތީގެ މަންޒަރުތައް ބެލުންތެރިންނަށް ދައްކުވައިދޭނެ ފިލްމެކެވެ.
ރިތިކް ރޯޝަން އާއި ދިޕިކާ ޕަދުކޯން ފުރަތަމަ ފަހަރަށް ބޮޑު ސްކްރީނުން ފެންނަ މި ފިލްމުގެ ޓީޒާއިން ވެސް ބެލުންތެރިން ނޭވާ ހިފަހައްޓާލަންޖެހޭ ގިނަ މަންޒަރުތަކެއް ވަނީ ދައްކުވައިދީފިއެވެ.
މިދިޔަ ހަފުތާގެތެރޭ ފިލްމުގެ ލީޑް ރޯލް ކުޅޭ މި ދެތަރިންނާއެކު "ފައިޓާ"ގެ ވަރަށް ހާއްސަ ރޯލަކުން ފެންނަ އަނިލް ކަޕޫރުގެ ވެސް ކެރެކްޓާގެ ތަޢާރަފަކާއެކު ޕޯސްޓަރުތަކެއް ވަނީ އާއްމުކޮށްފައެވެ. މި ތިން ތަރިން ވެސް ފިލްމުގައި ފެންނަނީ ވައިގެ އަސްކަރިއްޔާގައި މަސައްކަތްކުރާ އޮފިސަރުންގެ ގޮތުގައެވެ. އެގޮތުން މި ތިން ތަރިން ވެސް އެ މީހުންގެ ފައިޓާ ޖެޓްތަކުގައި މިޝަނެއްގައި ކުރިއަށް ދާ މަންޒަރުތައް އިއްޔެ ރިލީޒްކޮށްފައިވާ ޓީޒާއިން ފެނިގެންދެއެވެ.
މި ފިލްމު ރިލީޒްކުރުމަށް ނިންމާފައި ވަނީ ޑައިރެކްޓަރު ސިދާތު އާނަންދުގެ ކާމިޔާބު ފިލްމު "ޕަތާން" ރިލީޒް ކުރިތާ އެއް އަހަރު ފަހުންނެވެ. އެއީ އިންޑިއާގެ ޖުމްހޫރީ ދުވަސްކަމަށްވާ ޖަނަވަރީ މަހުގެ 25ވަނަ ދުވަހުއެވެ. ފިލްމު "ފައިޓާ"އަކީ އިންޑިއާގެ ފުރަތަމަ އޭރިއަލް އެކްޝަން ފިލްމުގެ ގޮތުގައި ގިނަ ބަޔަކު ސިފަ ކުރަމުން އަންނައިރު މި ފިލްމަކީ ބޮކްސް އޮފީހުގައި ވިދާލާނެ ފިލްމަކަށް ވެގެންދާނެ ކަމަށް ރިޕޯޓުތަކުން އަންނަނީ ބުނަމުންނެވެ.