18މަސް ތެރޭ މަހުގެ ސްޓޯރޭޖް ކެޕޭސިޓީއާއި އައިސްގެ މައްސަލަ ހައްލުކުރާނަން: ޝިޔާމް

މިނިސްޓަރު އަހްމަދު ޝިޔާމް -- ސަން ފޮޓޯ/ ފަޔާޒު މޫސާާ

މަސް ރައްކާކުރުމަށް ދިމާވެފައި އޮތް ސްޓޯރޭޖު ކެޕޭސިޓީ އާއި އައިސްގެ މައްސަލަ ކުރިއަށް އޮތް 18 މަސްދުވަސްތެރޭ އެއްކޮށް ހައްލުކުރައްވާނެކަމަށް ފިޝަރީޒް މިނިސްޓަރު އަހްމަދު ޝިޔާމް މިރޭ ވިދާޅުވެއްޖެއެވެ.

ޕީއެސްއެމްގެ 'ރާއްޖެ މިއަދު' ޕްރޮގްރާމްގައި ވާހަކަފުޅުދައްކަވަމުން މިރޭ ޝިޔާމް ވިދާޅުވީ، މަސް ރައްކާކުރުމުގެ ކެޕޭސިޓީ އިތުރުކުރުމުގެ ގޮތުން ކުރިން ހަވާލުކުރި ބައެއް މަޝްރޫތައް ފެށި، ނުނިމި އެބަހުރި ކަމަށެވެ.

އެގޮތުން މިފްކޯއާއި މިނިސްޓްރީ މެދުވެރިވެގެން މީގެ ކުރިން ފެނަކައަށް ދީފައި ހުރި ބައެއް އައިސްޕްލާންޓްތަކުގެ މަސައްކަތްތައް އަދިވެސް ހުރީ ނުނިމިކަމަށް ވިދާޅުވިއެވެ.

"އަައިސް ޕްލާންޓު ތަކުގެ މަސައްކަތްތައް ހުރީ ކުރިއަށް ނުގޮސް. ހަގީގަތުގައި އައިސްޕްލާންޓެއްގެ އިންސްޓޯލްކުރުމަށް އެހާ ގިނަ ދުވަސް ވާނެ ކަމަކަމަށް ގަބޫލެއް ނުކުރަން" ޝިޔާމް ވިދާޅުވިއެވެ.

ޝިޔާމް ވިދާޅުވީ ކެޕޭސިޓީ އިތުރުކުރުމަށް ޓަކައި ފެލިވަރުގައި ސްޓޯރޭޖް ކެޕޭސިޓީ އިތުރުކޮށްދެއްވާނެކަމަށެވެ. އަދި އިތުރު އައިސްޕްލާންޓުތައް ތަރައްގީކުރައްވާނެކަމަށް ވެސް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ މި މަސައްކަތް ލަސްކުރެވެން ނެތް ކަމަށާއި މަސައްކަތް ލަސްވެއްޖެ ނަމަ މަސްވެރިންނަށާއި މަސްވެރި އާއިލާތަކަށް ލިބޭ ގެއްލުމެއް ކަމަށް ޝިޔާމް ވިދާޅުވިއެވެ.

އެހެންކަމުން ކުރިއަށް ނުދާ މަސައްކަތްތަކުގެ ކޮންޓްރެކްޓު ބާތިލްކޮށް އެހެން ބަޔަކާ ހަވާލުކޮށްގެން ނަމަވެސް މަސައްކަތް ނިންމަވާނެކަމަށް ޝިޔާމް ވިދާޅުވިއެވެ.

"އަޅުގަނޑު ދަންނަވައިފިން ކުރިއަށް އޮތް 18 މަސް ދުވަހުގެ ތެރޭ އަޅުގަނޑުމެން ބޭނުންވަނީ ދިވެހިރާއްޖޭގެ މަހުގެ ސްޓޯރޭޖުގައި މިހިރަ އުނދަގޫ އެއްކޮށް ހައްލުކުރަން. ދިވެހިރާއްޖޭގެ މަސްވެރިން އައިސަށް ބޭނުންވެފައި އޮތް ޑިމާންޑު އެއްކޮށް މީޓުކުރަން،" ޝިޔާމް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ މައްސަލަތައް ހައްލުކުރުމުގެ މަސައްކަތް ސަރުކާރުން އަވަސް ދުވެލީގައި ކުރާނެކަމަށެވެ.

"އެންމެ ދުވަހެއް ލަސްވުމަކީ ވެސް މަސްވެރިންނަށް ބޮޑެތި ނޭދެވޭ އަސަރުތަކެއް ކުރާ ކަމަކަށް ވާތީ މި މަސައްކަތަށް އަވަސް ހައްލެއް ގެނައުމަށް މަސައްކަތް ކުރާނަން" ޝިޔާމް ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ 'ހަފުތާ14' ޕްލޭންގައިވާ ގޮތަށް ރާއްޖޭގެ މަސްވެރިންގެ ދަފްތަރެއް އެކުލަވައިލައި މަސްވެރިންނަކީ ދައުލަތް ބަލައިގަންނަ ބަޔަކަށް ހައްދަވާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

އެއާއެކު މަސްވެރިންނަށް އެކި ސްކީމްތަކުގައި ބައިވެރިވެވި ބޭންކުތަކުގެ ލޯނު ހޯދުމާއި އެ ނޫން ކަންކަމުގައި ލުއި ހޯދޭނެ މަގު ފަހިކޮށްދެއްވާނެކަމަށް ވެސް ވިދާޅުވިއެވެ. އެގޮތުން މި ދަފްތަރާއެކު ރަސްމީކޮށް މި މަސައްކަތް ކުރާ މަސްވެރިންގެ ވަކި ޕްރޮފައިލްއެއް ވެސް ހަދާނެއެވެ.

މަސްވެރިންނަށް ހުރި ދަތިތައް ހައްލުކުރުމަކީ ސަރުކާރުން އެންމެ އިސްކަން ދޭ އެއް ކަންކަމަށް މީގެ ކުރިން ވެސް މިނިސްޓަރު ވިދާޅުވިއެވެ. އެއާއެކު އެންމެ މުހިންމު އެއް ކަމެއްގެ ގޮތުން އިއްޔެ ސަރުކާރުންވަނީ، ސަރުކާރުން މަސްވެރިންނަށް ދޭންޖެހޭ ފައިސާގެ ތެރެއިން 106 މިލިއަން ރުފިޔާ ވެސް މަސްވެރިންގެ އެކައުންޓުތަކަށް ޖަމާކޮށްފައެވެ.

comment ކޮމެންޓް