މިފްކޯއަށް 9 މިލިއަން ރުފިޔާ ނުދެވި، ބުނަނީ ދޭނެ ގޮތެއް އަދި ނެތްކަމަށް

29 އޭޕްރީލް 2022، މާލެ މަސް މާރުކޭޓުގައި މަސްވެރިން މަސް ކަނޑަނީ -- ސަން ފޮޓޯ/ މުހައްމަދު ހައްޔާން

މަސް ކިރުމަށްފަހު އަދި މިހާތަނަށް ނުދެވި ޕެންޑިން ޕޭމަންޓުތަކުގެ ގޮތުގައި ނުވަ މިލިއަން ރުފިޔާ އެބައޮތް ކަމަށާއި، މި ވަގުތު ފައިސާ ދޭނެ ގޮތެއް އަދި ނެތްކަމަށް ސަރުކާރުގެ މަސް ކުންފުނި މިފްކޯއިން މިއަދު ބުނެފިއެވެ.

މިފްކޯއިން މިއަދު އާންމުކުރި ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި ނުދެވި ވަނީ ޖުމްލަ 9،155،491.79 ރުފިޔާއެވެ. އެއީ 331 ދޯންޏަކަށް ދޭންޖެހޭ ފައިސާގެ އަދަދެވެ.

އެ ޖުމްލަ އަދަދުގެ ތެރެއިން 3،590،838.62 މިލިއަން ރުފިޔާއަކީ ފެލިވަރަށް ކިރި މަހުން ދައްކަންޖެހޭ ފައިސާއެވެ. 5،451،481.27 ރުފިޔާއަކީ ކޫއްޑޫއަށް މަސް ކިރައި، މިފްކޯއިން ދޭން ޖެހިފައިވާ އަދަދެވެ. 113،171.90 ރުފިޔާއަކީ އައްޑުއަށް މަސް ކިރުމުން ދޭންހުރި ފައިސާއެވެ.

އެ ކުންފުނިން ބުނީ މި ދުވަސްވަރަކީ މަސްވެރިކަން ދަށް ދުވަސްވަރެއް ކަމަށްވުމާއެކު ކުންފުނީގެ މާލީ ހާލަތު ވެސް އޮތީ ވަރަށް ދަށްކޮށް ކަމަށެވެ.

އެހެންކަމުން މިހާރު ކިރައިފައިވާ މަހަށް ނުދެވި ހުރި ފައިސާ ދެވޭނެ ވަކި ތާރީޚެއް ހާމަކުރަން ދަތި ކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ. ނަމަވެސް ކުރިން ވެސް ކަންކުރާ ގޮތަށް ސަރުކާރާއެކު މަޝްވަރާކޮށް ގޮތެއް ހޯދުމަށް މަސައްކަތްކުރަމުން އަންނަކަމަށް ވަނީ ބުނެފައެވެ.

އަދި އުންމީދަކީ ވީ އެންމެ އަވަހަށް ނުދެވިވާ ފައިސާ ޚަލާސްކުރުންކަމށް މިފްކޯއިން ވަނީ ބުނެފައެވެ.

އެ ކުންފުނީގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުން މިދިޔަ އަހަރުގެ ނޮވެމްބަރު 17 އިން މި އަހަރުގެ ސެޕްޓެމްބަރު މަހާ ހަމައަށް ދިޔައިރު ކުންފުނިން ވަނީ މަސްވެރިންނަށް ނުދެވި ހުރި ފައިސާގެ ތެރެއިން 862.3 މިލިއަން ރުފިޔާ ދައްކައިފައެވެ.

އެއާއެކު ނުދެވި ހުރި އަދަދު 6.1 މިލިއަން ރުފިޔާއަށް މަދުވި ނަމަވެސް މިހާރު އެއަށް ގާތްގަނޑަކަށް ތިން މިލިއަން ރުފިޔާ މި ވަނީ އިތުރުވެފައެވެ.

މިފްކޯއަކީ ސަރުކާރުން ބޮޑު ހޭދައެއްކޮށްގެން ކޭޝްފްލޯ މެނޭޖުކުރާ ކުންފުންޏެކެވެ. ގެއްލުމުގައި ހިންގާ ކުންފުންޏެއްގެ ގޮތުގައި މިފްކޯ އޮތްއިރު ކިރާ މަހަށް ފައިސާ ވަގުތުން ނުދެވޭތީ ވެސް މަސްވެރިންގެ ނުރުހުން އެ ކުންފުންޏަށް އަމާޒުވެއެވެ.

comment ކޮމެންޓް