މަސްވެރިކަމުގެ ދުވަހާ ގުޅިގެން ދޭ މަސްވެރިކަމުގެ އެވޯޑުތަކަށް ކުރިމަތިލާން އެ ސިނާއަތާ ބެހޭ ވުޒާރާއިން މިއަދު ހުޅުވާލައިފިއެވެ.
މަސްވެރިންގެ ދުވަހުގެ ގޮތުގައި ރާއްޖޭގައި ފާހަގަކުރަނީ ޑިސެމްބަރު 10 ވަނަ ދުވަހެވެ. މި އަހަރަކީ އެ ދުވަސް ފާހަގަކުރާ 44 ވަނަ އަހަރެވެ.
މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން މިއަދު ކުރި އިއުލާނެއްގައި ވަނީ މި އަހަރުގެ މަސްވެރިންގެ ދުވަސް ފާހަގަކުރުމަށް ބާއްވާ ހަފުލާގައި ދޭ އެވޯޑުތަކަށް ނަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފައެވެ. އެ ގޮތުން، އެވޯޑްތަކަށް އެދި އަމިއްލަ ހައިސިއްޔަތުން ނުވަތަ އެހެން ފަރާތަކުން ވެސް ނަން ހުށަހެޅުމުގެ ފުރުސަތު އޮންނާނެއެވެ.
އެ ވުޒާރާއިން ވަނީ މިހާރު މަސްވެރިކަމުގައި އަމަލީ ގޮތުން އުޅޭ އަދި މަސްވެރިކަން ފިޔަވައި އާމްދަނީ ހޯދަން އެހެން މަސައްކަތެއްނުކުރާ އެންމެ ޚިދުމަތްތެރި ޒުވާން ކެޔޮޅު ހޮވަން ނިންމާފައެވެ. މި އެވޯޑަށް ކުރިމަތިލެވޭނީ އުމުރުން 35 އަހަރުން ދަށުގެ މަސްވެރިންނަށެވެ.
އަދި، މިހާރު މަސްވެރިކަމުގައި އުޅޭ، އާމްދަނީ ހޯދަން މަސްވެރިކަން ނޫން އިތުރު މަސައްކަތެއް ނުކާރާ އެންމެ ތަޖުރިބާކާރު ކެޔޮޅަށް ވެސް އެވޯޑް ދޭން ނިންމާފައިވާއިރު، އެ އެވޯޑަށް ނަން ހުށަހެޅޭނީ 35 އަހަރުން މަތީގެ މަސްވެރިންނަށެވެ.
އާމްދަނީ ހޯދުމަށް ކުރާ މައިގަނޑު މަސައްކަތަކަށް ފަރުމަސްވެރިކަން ކުރާ މަސްވެރިޔާއަށް އިނާމު ދިނުމަށް ވެސް އެ ވުޒާރާއިން ވަނީ ވަނީ ނިންމާފައެވެ.
މި ތިން އެވޯޑުގެ ތެރެއިން ކުރިމަތިލުމަށް ބޭނުންފުޅުވާ އެވޯޑަށް ޝަރުތު ހަމަވާ ފަރާތްތަކުން އެ ކަމަށް އެދޭ ފޯމު ފުރިހަމަކުރުމަށް ފަހު، އަންނަ މަހުގެ ހަތްވަނަ ދުވަސްވާ ބުރާސްފަތީގެ 14:00 ގެ ކުރިން ފޯމު ހުށަހެޅުމަށް އެ ވުޒާރާއިން ވަނީ އެދިފައެވެ.
އެވޯޑުތަކަށް ކުރިމަތިލާން ބޭނުންވާ ފޯމު އެ ވުޒާރާގެ ވެބްސައިޓުން ލިބެން ހުންނާނެއެވެ.