ސަރުކާރު ބައެއް ކުންފުނިތަކުގެ ބޯޑަށް ބަދަލެއް

ޕީސީބީ ބޯޑުތަކަށް ބައެއް މެމްބަރުން އައްޔަންކުރުން --

ސަރުކާރު ހިއްސާވާ ބައެއް ކުންފުނިތަކުގެ ޑިރެކްޓަރުންގެ ބޯޑަށް އިއްޔެ ބަދަލު ގެނެސްފިއެވެ.

ޕްރައިވެޓައިސޭޝަން އެންޑް ކޯޕަރަޓައިޒޭޝަން (ޕީސީބީ) އިން މިއަދު ކުރި އިއުލާނެއްގައި ބުނީ ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)، ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ)، ސްޓޭޓް ޓްރޭޑް އޮގަނައިޒޭޝަން (އެސްޓީއޯ) އަދި އާސަަންދައިގެ ބޯޑަށް ބަދަލުތަކެއް ގެނެސްފައިވާ ކަމަށެވެ.

އެގޮތުން އަށް މެންބަރުން ހިމެނޭ އެޗްޑީސީގެ ބޯޑު އެއްކޮށް އުވާލައި، މިހާރު ވަނީ އަލަށް ހަ މެންބަރުން އެކުލެވޭ ބޯޑަކަށް މެމްބަރުން އައްޔަންކޮށްފައެވެ.

އެ ބޯޑަށް އައްޔަނުކޮށްފައި ވަނީ:

  • އާރިފް އަބްދުއްސަމަދު، ދަފްތަރު ނަންބަރު ރސ9241
  • މުހައްމަދު ވިޝާމް، ވ. ވަސްމީރުފިޔަ
  • އުލާ މުހައްމަދު ރަޝީދު، ގ. ގަސްކަރަ
  • އިބްރާހިމް ޔޫސުފްފުޅު، ނ. ވެލިދޫ/ އަތިރީގެ
  • އަޒްހަރު އަބްދުﷲ ސައީދު، ގދ. މަޑަވެލި/ ސީނާޒް
  • މުހައްމަދު ވަހީދު، ހއ.ފިއްލަދޫ/ މަބުސްތާނުގެ

މީގެ އިތުރުން ގެނެސްފައިވާ ބަދަލުތަކުގެ ތެރޭގައި އެސްޓީއޯގެ ޗެއާމަންކަމުން ހާމިދު ނަޝީދު ވަކިކޮށް އާމިރު މަންސޫރު، މއ. މަނަސް، ވަނީ އައްޔަނުކޮށްފައެވެ. އަދި އެ ކުންފުނީގެ ހުސްވެފައިވާ ޑިރެކްޓަރުންގެ ބޯޑުގެ މެމްބަރުކަމަށް މުހައްމަދު މުރާދު ވަނީ އައްޔަނުކޮށްފައެވެ.

ހަމައެއާއެކު ހުސްވެފައިވާ އާސަންދަ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑަށް ގދ. ފިޔޯރީ، މަލަމަތި، ފައިސަލް އިބްރާހިމް ވަނީ އައްޔަނުކޮށްފައެވެ.

އާ ސަރުކާރު ހަވާލުވުމަށްފަހު ކެބިނެޓްގެ އިސް މަގާމުތަކުގެ އިތުރުން ކުންފުނިތަކުގެ އެމްޑީންނާއި ޑީއެމްޑީގެ އިތުރުން ކުންފުނިތަކުގެ ބޯޑުތަކަށް ވެސް އަންނަނީ ބަދަލުތައް ގެންނަމުންނެވެ.

comment ކޮމެންޓް