ދަރީންގެ ފުށުން މައިންބަފައިންގެ ހިތްތަކަށް ފިނިކަން ލިބޭނީ އަޤީދާ ކިޔަވައިދީގެން: ޚުތުބާ

މާލޭ މިސްކިތެއްގެ ހުކުރު ނަމާދުގެ ތެރެއިން: މިއަދުގެ ހުކުރު ޚުތުބާގައި ވަނީ ދަރީންގެ ފުށުން ފޮނިމީރުކަން ލިބޭނީ އަގީދާ ކިޔަވައިދީގެން ކަމަށް ބުނެފައި -- ސަން ފޮޓޯ/ މުޙައްމަދު ހައްޔާން

ދަރީންގެ ފުށުން މައިންބަފައިންގެ ހިތްތަކަށް ފިނިކަން ލިބޭނީ، އިސްލާމީ އަގީދާ ކިޔަވައިދީގެން ކަމަށް މިއަދުގެ ހުކުރު ޚުތުބާގައި ބުނެފިއެވެ.

މިއަދުގެ ޚުތުބާގައި ބުނީ، ދަރިންނަށް އިސްލާމީ އަގީދާ ކިޔަވައިދިނުމަކީ އަހަރެމެންގެ ކޮނޑުގައި އެޅިފައިވާ އެންމެ މުހިންމު މަސްއޫލިއްޔަތު ކަމަށެވެ. އަދި، މި މަސްއޫލިއްޔަތު އަދަކުރުމުގައި ބެލެނިވެރިންނާއި ތައުލީމީ މުއައްސަސާތަކުން ފަރުވާ ކުޑަކޮށްގެން ނުވާނެ ކަމަށް ޚުތުބާގައި ބުންޏެވެ.

ހެޔޮމިންވަރާއި ނުބައި މިންވަރަށް ފުރިހަމައަށް އީމާންނުވާ މީހުން އަބަދު ވެސް ބަލާނީ އެ މީހުންގެ އަމިއްލަ މަސްލަހަތަށް ކަމަށް ޚުތުބާގައި ބުންޏެވެ. އެހެން އަމަލު ކުރުމަކީ އެހެން މީހުންނަށް ގެއްލުން ލިބޭ ކަމެއްކަމުގައި ވީނަމަވެސް އެއްވެސް ފަރުވާލެއް ނުބަހައްޓާނެ ކަމަށާއި ބައެއް މީހުން އެ މީހުންގެ އަމިއްލަ ނަފުސަށް ގެއްލުންދީ، ނުރައްކަލުގެ ތެރެއަށް ފުރާނަ ހުށަހެޅޭ ކަންކަމަށް އަރައިގަންނަމުން ދަނީ ވެސް މިންވަރަށް އީމާން ނުވެވޭތީ ކަމަށް ޚުތުބާގައި ބުންޏެވެ.

މީގެ އިތުރުން، ޚުތުބާގައި ބުނީ، އިސްލާމް ދީން ބިނާވެގެން ވަނީ އަޤީދާއާއި އަމަލުގެ މައްޗަށް ކަމަށެވެ. އަޤީދާ ސައްހަނުވެ އެއްވެސް އަމަލެއް ސައްހަ ނުވާނެ ކަމަށާއި އަގީދާއަކައިނުލާ ކުރާ އެއްވެސް ކަމަކުން މަންފާއެއް ނުކުރާނެ ކަމަށެވެ.

"މިހެންކަމުން ދަރިވަރުންނަށް ސައްހަ އަޤީދާގެ މައުލޫމާތު އުނގަންނައިދިނުމަށް ހާއްސަ ސަމާލުކަމެއް ދޭންޖެހޭ،" ޚުތުބާގައި ބުންޏެވެ.

ޅަދަރީންގެ ހިތްތަކުގައި އިސްލާމީ އަގީދާ ވަރުގަދައަށް ބިންވަޅު ނެގިފައި ނުވާނަމަ، އެ ދަރިން އިސްލާމްދީނާ ޚިލާފު އެކިއެކި އޮއެވަރުުތަކުގައި ޖެހިގެން ހައްގުމަގުން އެއްކިބާވެގެން ދިއުމަކީ ގާތުގައިވާ ކަމެއްކަމަށް ޚުތުބާގައި ބުންޏެވެ.

"މީސްމީޑިއާގެ އެކިއެކި ވަސީލަތްތައް ބޭނުންކުރުން އާންމުވެފައިވާ މިފަދަ ޒަމާނެއްގައި، އަހަރެމެން ދަރިންނަކީ ދީނުގެ ފުރިހަމަ މައުލޫމާތު ލިބިފައިވާ އަދި ސައްހަ އަޤީދާގެ މަތީގައިވާ ދަރީންކަމުގައިވާނަމަ އެފަދަ ވަސީލަތްތަކުގެ ޒަރީއާއިން އެ ކުދިންގެ ސިކުނޑިތަކާ ކުޅެލުމުކީ ފަސޭހަ ކަމަކަށް ނުވާނެ،" ޚުތުބާގައި ބުންޏެވެ.

comment ކޮމެންޓް