ނިއުކާސަލް ބަލިކޮށް، އެވަޓަން ރެލިގޭޝަން ޒޯނުން ބޭރަށް

އެވަޓަންގެ ކުޅުންތެރިން ލަނޑު ޖެހުމަށް ފަހު އުފާފާޅު ކުރަނީ -- ފޮޓޯ/ ޓީއެންޓީ ސްޕޯޓްސް

އިނގިރޭސި ޕްރިމިއާ ލީގުގައި ނިއުކާސްލް ޔުނައިޓެޑް ބަލިކޮށް، އެވަޓަންއިން ރެލިގޭޝަން ޒޯނުން ބޭރަށް ޖެހިލައި، ހިންދެމިލައިފިއެވެ.

އެވަޓަންގެ ދަނޑުގައި ކުޅުނު މިމެ ޗު އެ ޓީމުން ކާމިޔާބުކުރީ 3-0 ގެ ނަތީޖާއަކުންނެވެ. މެޗުގެ ފުރަތަމަ ހާފުގައި ލަނޑެއް ފެނިގެން ނުދިޔަ ނަމަވެސް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތު ދެ ޓީމަށް ވެސް ލިބިގެންދިޔައެވެ. ނަމަވެސް މިއިން އެއްވެސް ފުރުސަތެއްގެ ބޭނުން ދެ ޓީމުން ކުރެ އެއްވެސް ޓިމަކަށް ހިފޭގޮތެއް ނުވިއެވެ. މީގެ ތެރެއިން ވެސް އެވަޓަންގެ ޑޮމިނިކް ކެލްވާޓް ލުއިންއަށް ލިބިގެންދިޔަ ފުރުސަތު ފާހަގަ ކޮށްލެވެއެވެ.

މެޗުގެ ދެވަނަ ހާފުގައި ވެސް ދެ ޓީމަށް ލިބެންދިޔަ ފުރުސަތުތައް ބޭކާރު ވަމުން މެޗު ނިމެން ދަނިކޮށް މެޗަށް ދިރުން ލިބިގެންދިޔައީ މެޗުގެ 79 ވަނަ މިނެޓުގައި އެވަޓަންއިން ލަނޑެއް ޖަހައި ލީޑު ނެގުމުންނެވެ. މި ލަނޑު އެ ޓީމަށް ޖަހައިދިނީ ޑްވައިޓް މެކްނީލްއެވެ. އަދި، މެޗު ނިމެން ހަތަރު މިނެޓަށް ވެފައިވަނިކޮށް އަބްދުއްލާޔޭ ޑަކޫރޭ ޖަހައިދިން ލަނޑުން އެވަޓަންއިން މެޗުގެ ލީޑު ފުޅާކުރިއެވެ. މެޗުގައި އެވަޓަންގެ ފަހު ލަނޑު މެޗުގެ އިތުރު ވަގުތުގެ ހަވަނަ މިނެޓްގައި ޖަހައިދިނީ މި ސީޒަންގައި އެވަޓަންއާ އަލަށް ގުޅުނު ބޭޓޯއެވެ. މިއީ އޭނާ އެވަޓަންއަށް މިހާތަނަށް ކާމިޔާބުކޮށްދިން ފުރަތަމަ ލަނޑެވެ.

މި ނަތީޖާއާ އެކު އެވަޓަން މިހާރު ވަނީ ކުޅުނު 15 މެޗުން 10 ޕޮއިންޓް ހޯދައި ތާވަލުގެ 17 ވަނައަށް ކުރިއަށް ޖެހިލައިފައެވެ. އަދި، ނިއުކާސްލް އުޅެނީ 26 ޕޮއިންޓާ އެކު ތާވަލުގެ ހަތްވަނައިގައެވެ.

comment ކޮމެންޓް