މިދިޔަ އަހަރު ރިލީޒްކޮށް ބޮކްސް އޮފީހުގައި ބޮޑު ކާމިޔާބީއެއް ހޯދި ކާތިކް އާރްޔަންގެ ފިލްމު "ބޫލް ބުލައްޔާ2"ގެ ތިންވަނަ ބައި ފެށޭ އަހަރު ރިލީޒްކުރުމަށް ނިންމައިފިއެވެ.
ކުރިއަށް އޮތް އަހަރު އިންޑިއާގައި ފާހަގަކުރާ ދިވާލީ ފެސްޓިވަލްއާ ދިމާކޮށް ފިލްމު ރިލީޒް ކުރުމަށް ނިންމީ ވީހާވެސް ގިނަ ބަޔަކަށް ފިލްމު ބެލުމުގެ ފުރުސަތު މަގުފަހިކޮށްދިނުމުގެ ގޮތުންނެވެ.
ޑައިރެކްޓަރު އަނީސް ބަޒްމީގެ ސައިކޮލޮޖިކަލް ހޮރޯ ޖޯންރާގެ ތިންވަނަ ބައިން ކުރިން ގެނެސްދެވުނު ދެ ފިލްމަށްވުރެ ދެ ގުނަ ޝައުގުވެރިވާނެ ކަމަށް އަނީސް ބަޒްމީއާ ޙަވާލާދީ ރިޕޯޓުތަކުން ވަނީ ބުނެފައެވެ. އިންޑިއާގައި ފާހަގަކުރާ ދިވާލީ ފެސްޓިވަލް ސީޒަންއަކީ ބަންދު ދުވަސްކޮޅަކަށްވުމާ އެކު އާއިލާ އަދި ރަޙްމަތްތެރިންނާ އެކު ފިލްމު ބަލާލުމުގެ ފުރުސަތު ގިނަ ބަޔަކަށް ލިބުމަކީ ފިލްމުގެ ވިޔަފާރިއަށް ވެސް ކުރިއެރުމެއް ލިބޭނެ ދުވަސްކޮޅެކެވެ.
ފިލްމު "ބޫލް ބުލައްޔާ"ގެ ދެވަނަ ބައިން ކާތިކާ އެކު ބަތަލާގެ ރޯލު ކުޅެފައިވަނީ ކިއާރާ އަދްވާނީއެވެ. އަދި، ފިލްމުގެ ވަރަށް މުހިއްމު ރޯލްއިން ބަތަލާ ތައްބޫ ވެސް ވަނީ ފެނިފައެވެ. ނަމަވެސް މި ފްރެންޗައިސްގެ ތިންވަނަ ބައިން ކާތިކާ އެކު ފެންނާނެ އިތުރު ތަރިންގެ މަޢުލޫމާތު އަދި ހާމައެއް ނުކުރެއެވެ.
ފިލްމު "ބޫލް ބުލައްޔާ"ގެ ފުރަތަމަ ބައި 2007ވަނަ އަހަރު ރިލީޒްކޮށްފައިވާއިރު އެ ފިލްމުގެ ލީޑު ރޯލު ކުޅެފައި ވަނީ އަކްޝޭ ކުމާރު އަދި ބަތަލާ ވިދްޔާ ބާލަންއެވެ.
ޓީ – ސީރީސްއިން ގެނެސްދޭ މި ފްރެންޗައިޒްއަކީ އެ ކުންފުނީގެ އެންމެ ކާމިޔާބު ފިލްމުތެރޭ ހިމެނޭ ފިލްމެކެވެ. ފިލްމު "ސަތްޔަޕްރޭމް ކީ ކަތާ"އިން އެންމެ ފަހުން ކާތިކް ފެނިފައިވާއިރު ޑައިރެކްޓަރު ކަބީރު ޚާންގެ ފިލްމު "ޗަންދޫ ޗެމްޕިއަން"ގައި ވެސް ކާތިކް އަންނަނީ މަސައްކަތް ކުރަމުންނެވެ. މި ފިލްމު ރިލީޒްކުރުމަށް ނިންމާފައި ވަނީ އަންނަ އަހަރުގެ ޖޫން މަހުގެ 14ވަނަ ދުވަހުއެވެ.