މާދަމާ އިސްލާމީ މަރުކަޒުގައި ހުކުރު ނަމާދު ކުރާނީ ފިރުޒުލް

މާދަމާގެ ހުކުރު ނަމާދު އިސްލާމީ މަރުކަޒުގައި އިމާމުވެ ކުރައްވާނީ ފިރުޒުލް --

މާދަމާ އިސްލާމީ މަރުކަޒުގައި ހުކުރު ނަމާދު އިމާމުވެ ކުރައްވާނީ ރައީސް އޮފީހުގެ އަންޑަ ސެކެޓަރީ ފޯ ޕަބްލިކް ޕޮލިސީ މުހައްމަދު ފިރުޒުލް އަބްދުﷲ ޚަލީލް ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.

ހުކުރު ޚުތުބާ ވެސް ކިޔުއްވާނީ ފިރުޒުލްއެވެ. މާދަމާގެ ހުކުރު ޚުތުބާގެ މައުޟޫއަކީ "އިންސާނާގެ ހަޔާތުގައި ސައްޙަ އަގީދާގެ މުހިންމުކަން" މިއެވެ.

މި ކަމާ ގުޅިގެން އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ، ފިރުޒުލްއަކީ ތައުލީމީ ބޭފުޅެއް ކަމަށެވެ.

އަދި ގައުމީ ކަންކަމާއި، އިސްލާމީ ޚިދުމަތުގައި އިސް ސަފުން ޒުވާނުން ފެންނަންވާނެކަމަށް ޑރ. ޝަހީމް ވިދާޅުވިއެވެ.

ފިރުޒުލްއަކީ މިސްރުގެ އަލްއަޒްހަރު ޔުނިވާސިޓީގައި ކުއްލިއްޔަތުން ޝަރީއާ ވަލްގާނޫނުން ތައުލީމް ހާސިލްކުރައްވާފައިވާ ބޭފުޅެކެވެ. އޭނާ އަކީ ހާފިޘެއް ވެސް މެއެވެ.

ފިރުޒުލް ވަނީ އާ ސަރުކާރު ރަސްމީކޮށް ހަވާލުވުމާ ހަމައަށް އިންތިގާލީ މަރުހަލާގެ ތަރުޖަމާނުކަން ވެސް އަދައިކުރައްވައިފައެވެ.

މީގެ ކުރިން ވެސް ސަރުކާރުގައި އިސް މަގާމުތައް ފުރުއްވާ ބޭފުޅުން އިމާމުވެ ހުކުރު ނަމާދު ކުރައްވައިފައިވެއެވެ. އަދި އެހެން ޖަމާއަތްތަކުގައި ވެސް އިމާމުކަން ކުރައްވައެވެ.

comment ކޮމެންޓް