މިއީ ސިޓީއަށް އުނދަގޫ ދުވަސްތަކެއް، ހައްލު ހޯދަން ޖެހޭ: ގާޑިއޯލާ

މެންޗެސްޓާ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ -- ފޮޓޯ/ ގެޓީ

މިއީ މެންޗެސްޓާ ސިޓީއަށް އުނދަގޫ ދުވަސްތަކެއް ކަމަށާއި އެކަމަށް ހައްލެއް ހޯދަން ޖެހިފައިވާކަމަށް އެ ކްލަބުގެ ކޯޗު ޕެޕް ގާޑިއޯލާ ބުނެފިއެވެ.

އިނގިރޭސި ޕްރިމިއާ ލީގުގެ އެންމެ ފަހުގެ ޗެމްޕިއަން ސިޓީއަށް އެންމެ ފަހުން ކުޅުނު ހަތަރު ލީގު މެޗުން ވެސް މޮޅެއް ހޯދިފައެއް ނުވެއެވެ.

ޗެލްސީ، ލިވަޕޫލް އަދި ޓޮޓެންހަމް ހޮޓްސްޕާ އަތުން އެއްވަރުވިއިރު، އިއްޔެ އެސްޓަން ވިލާ އަތުން 1-0ގެ ނަތީޖާއަކުން ސިޓީ ވަނީ ބަލިވެފައެވެ.

އިއްޔެގެ މެޗުގައި ސިޓީއަށް ވިލާގެ ގޯލަށް ފޮނުވާލެވިފައިވަނީ އެންމެ ދެ ހަމަލާއެވެ.

އަނެއްކޮޅުން އެސްޓަން ވިލާއިން ސިޓީގެ ގޯލަށް 22 ހަމަލާ ފޮނުވާލިއިރު، އެ ޓީމުގެ ގޯލު ކާމިޔާބުކޮށްދިނީ ލިއޯން ބެއިލީއެވެ. ސިޓީގެ ހާލަތު ގޯސްވެފައިވާކަން ގާޑިއޯލާ ވެސް ވަނީ އެއްބަސްވެފައެވެ.

"މެޗުން ތިން ޕޮއިންޓް ހޯދީ މޮޅަށް ކުޅުނު ޓީމު. އަހަރެން ކުޅުންތެރިން ކައިރީ ބުނިން، މިއީ ފުޓުބޯޅައިގައި ވެދާނެ ގޮތެއްކަން. އަހަރެމެންގެ ނަތީޖާތައް މިހާރު ރަނގަޅެއް ނޫން. އަހަރެން އެކަމާ ޖެހޭނީ ވިސްނަން. މެޗުތައް ބަލައި، ކުޅުންތެރިން އިތުރަށް ކުރަން ޖެހޭނެ މަސައްކަތް ބަލާނަން. ހައްލު ވެސް ހޯދަން ޖެހޭނެ،" މެޗަށްފަހު ނޫސްވެރިންނާ ވާހަކަދައްކަމުން ސިޓީގެ ކޯޗު ކޯޗު ގާޑިއޯލާ ބުންޏެވެ.

ގާޑިއޯލާ ބުނީ އުނދަގޫ ހާލަތަކުން އަރައިގަތުމަށް ކުރަންޖެހޭ ކަންތައްތައް ކުރުމަކީ އޭނާގެ ޒިންމާއެއް ކަމަށާއި ކުރިއަށް ހުރި މެޗުތަކުގައި ބަދަލުތަކެއް ފެންނާނެ ކަމަށެވެ.

ޕްރިމިއާ ލީގުގެ ތާވަލުގެ އެއްވަނައިގައި އޮތް އާސެނަލާއި ހަތަރުވަނައިގައި އޮތް ސިޓީއާ ދެމެދު މިހާރު ހަ ޕޮއިންޓުގެ ފަރަގެއް އެބައޮތެވެ.

ލީގުގައި ސިޓީން އަންނަ އާދީއްތަ ދުވަހު ނުކުންނަން ޖެހޭނީ ލުޓޮން ޓައިންއާ ދެކޮޅަށެވެ.

comment ކޮމެންޓް