އައްމަޓީގެ ޕާސްޕޯޓް ދޫކޮށްލި މައްސަލަ އިސްތިއުނާފު ކޮށްފި

ސީލައިފްގެ އެމްޑީ މުހައްމަދު އަހުމަދު މޫސާ -- ފޮޓޯ/ އިންޓަޕޯލް

ފްލެޓު އެޅުމުގެ ނަމުގައި އެތައް ބައެއްގެ އަތުން މަކަރާއި ހީލަތުން ފައިސާ ނެގި މައްސަލާގައި ދައުވާ އުފުލާފައިވާ ސީލައިފް ގްލޯބަލްގެ މެނޭޖިން ޑިރެކްޓަރު އަޙްމަދު މޫސާ މުޙައްމަދު (އައްމަޓީ) ބޭސް ފަރުވާއަށް ރާއްޖޭން ބޭރަށް ފުރުމުގެ ހުއްދަ ކްރިމިނަލް ކޯޓުން އިއްޔެ ދިނުމުން ދައުލަތުގެ ފަރާތުން އެ މައްސަލަ ހައި ކޯޓުގައި އިސްތިއުނާފު ކޮށްފިއެވެ.

ކްރިމިނަލް ކޯޓުން އައްމަޓީގެ ޕާސްޕޯޓް ދޫކުރީ އޭނާގެ މައިބަދައިގެ އޮޕަރޭޝަނަކަށް ދާން އެދި ހުށަހެޅުމުންނެވެ. ކްރިމިނަލް ކޯޓުން ބުނީ އިއްޔެގެ ހަވީރު 5:00 އިން ފެށިގެން މި މަހުގެ 26 ވަނަ ދުވަހުގެ ރޭގަނޑު 23:00އާ ހަމައަށް އައްމަޓީގެ ޕާސްޕޯޓް ދޫކުރަން ނިންމާފައިވާ ކަމަށެވެ.

https://sun.mv/185760

ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން މިއަދު ބުނީ މި އަމުރު ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކުރުމަށް ނިންމައި, ޕާސްޕޯޓް ނުވަތަ ޓްރެވަލް ޑޮކިއުމަންޓް ހިފެހެއްޓުމުގެ ވަގުތީ އަމުރެއް ނެރެދެއްވުމަށް ދިވެހިރާއްޖޭގެ ހައި ކޯޓުގައި އެ އޮފީހުން ވާނީ އެދިފައި ކަމަށެވެ.

އިންޓަޕޯލް ރެޑް ނޯޓިސް ނެރެގެން 2021 ވަނަ އަހަރު ހައްޔަރުކޮށް ރާއްޖެ ގެނައި އައްމަޓީ ގިނަ ދުވަސްތަކެއް ވަންދެއް ޖަލުގައި ވަނީ ބަންދުކޮށްފައެވެ. އެއަށް ފަހު ކޯޓުން ދޫކޮށްލުމަށް ފަހު އަނެއްކާ ވެސް މަތީ ކޯޓަކުން އޭނާ ހައްޔަރު ކުރަން އަމުރު ކުރެއެވެ. އަދި ފުރުން މަނާކޮށް މިހާތަނަށް އޮތީ އޭނާގެ ޕާސްޕޯޓް ހިފަހައްޓައިފައެވެ.

އައްމަޓީގެ މައްޗަށް 42 ދައުވާ އުފުލާފައިވަނީ، ހައުސިން ޑިވަލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)އާއި ސީ-ލައިފް ގްލޯބަލް އިންކް ޕްރައިވެޓް ލިމިޓެޑާ ދެމެދުވެފައިވާ އެއްބަސްވުމެއްގެ ދަށުން ހުޅުމާލޭގައި 3000 ފްލެޓް އެޅުމަށް، ސީ-ލައިފް ގްލޯބަލް އިންކް ޕްރައިވެޓް ލިމިޓެޑާ ހަވާލުކުުރުމުން، އެ އެއްބަސްވުމުގައިވާ މުއްދަތުގައި ފްލެޓްތައް އެޅުމުގެ އަމަލީ މަސައްކަތް ފުރިހަމަނުކޮށް، މަކަރާއި ހީލަތުން އެކި މީހުންގެ އަތުން ބޮޑެތި އަދަދުތަކުން ފައިސާ ނަގައި، އެ ފައިސާއަށް ޚިޔާނާތްތެރިވި ކަމަށް ތުހުމަތު ކުރެވޭ މައްސަލައިގައެވެ.

މީގެ ކުރިން ބޭއްވި ދެ އަޑުއެހުން ހިމަނައިގެން މިއަދު ވަނީ އައްމަޓީގެ މައްޗަށް އުފުލާފައިވާ 42 ދައުވާ އިއްވާފައެވެ. އެ ދައުވާތަކަށް އައްމަޓީ އިންކާރު ކުރެއެވެ.

ސީލައިފް އެޕާޓްމަންޓް ގަތުމަށް ފައިސާދެއްކި މީހުންގެ ތެރެއިން އެޗްޑީސީއަށް ލިޔެކިޔުންތައް ހުށަހެޅި މީހުންނަށް ފައިސާ ރީފަންޑް ކޮށްދީފައިވާއިރު، އެމީހުންނަށް އެޗްޑީސީން ވަނީ ވިނަރެސް ފްލެޓުތަކުން އެޕާޓުމަންޓު ގަތުމުގެ ފުރުސަތު ދީފައެވެ.

އައްމަޓީގެ މައްޗަށް 42 ދައުވާއެއް އުފުލާފައިވާއިރު، އެ ދައުވާތައް ސާބިތުވެއްޖެނަމަ އޭނާގެ މައްޗަށް 65 އަހަރުގެ ޖަލު ހުކުމެއް ކަނޑައެޅޭނެ ކަމަށް ޕީޖީން ވަނީ މީގެކުރިން ބުނެފައެވެ.

comment ކޮމެންޓް