ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ އައިޑެންޓިޓީ އާއި ވިސާ ޗެކް ކުރަނީ

ރާއްޖޭގައި ދިރިއުޅޭ ބިދޭސީން -- ސަން ފޮޓޯ/ އަހުމަދު އަވްޝަން އިލްޔާސް

ދިވެހިރާއްޖޭގައި ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަށް އަވަސް ހައްލެއް ހޯދުމުގެ ގޮތުން، އެގޮތަށް އުޅޭ ބިދޭސީންގެ އައިޑެންޓިޓީއާއި ވިސާ ޗެކު ކުރަން މިހާރު ނިންމައިފައިވާ ކަމަށް މޯލްޑިވްސް އިމިގްރޭޝަނުން ބުނެފިއެވެ.

އިމިގްރޭޝަނުން ބުނީ، އެ ގޮތަށް އައިޑެންޓިޓީއާއި ވިސާ ބެލުމަށްފަހު، އިމިގްރޭޝަނުގެ ގާނޫނާއި ޚިލާފުވާ ބިދޭސީންނަށް ފިޔަވަޅުއަޅާ، ބިދޭސީންގެ ގަވާއިދުގެ ތެރެއަށް ފެއްތުމުގެ އެންމެހާ މަސައްކަތްތައް ކުރާނެ ކަމަށެވެ.

މި އޮޕަރޭޝަން ހިންގުމުގެ މައިގަނޑު މަގުސަދަކީ، ރާއްޖޭގައި ގަވާއިދާ ޚިލާފަށް ދިރިއުޅޭ ބިދޭސީން މަދުކުރުމާއި، މަސައްކަތް ކުރުމަށް ރާއްޖޭގައި ދިރިއުޅޭ ބިދޭސީންގެ ކަންކަން ގަވައިދާ އެއްގޮތަށް ބެހެއްޓުން ކަމަށްވެސް އިމިގްރޭޝަނުން ވަނީ ބުނެފައެވެ.

މީގެ އިތުރުން މިގޮތަށް ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީން ގެންގުޅޭ ފަރާތްތަކާއި، ސަރުކާރުގެ ވުޒާރާތަކާއި، ބޭރުގެ އެމްބަސީތަކާއި، ރައްޔިތުންގެ އިތުރުން ކަމާ ގުޅުން ހުރި އެންމެހާ ފަރާތްތައް ޝާމިލު ކޮށްގެން ހަރުދަނާ ފިޔަވަޅުތަކެއް އެޅުމަކީ ވެސް މި އޮޕަރޭޝަންތައް ހިންގުމުގެ މަގުސަދެއް ކަން އިމިގްރޭޝަނުން ވަނީ ފާހަގަ ކޮށްފައެވެ.

އަދި އެ އިދާރާއިން ހިންގާ މި ހާއްސަ އޮޕަރޭޝަންތައް ކުރިއަށްދާއިރު، އިމިގްރޭޝަންގެ ގާނޫނާއި ޚިލާފަށް ރާއްޖޭގައި މަސައްކަތް ކުރާ މީހުންނަށް އިމިގްރޭޝަނުގެ ގާނޫނު ތަންފީޒު ކުރަމުންދާނެ ކަމަށްވެސް އިމިގްރޭޝަނުން ބުނެއެވެ.

comment ކޮމެންޓް