އޭސީސީގެ ދިރާސާ: 67 ޕަސެންޓް މީހުން ބުނަނީ ދައުލަތަށް ބަރޯސާ ނުވޭވެ ކަމަށް

ރައީސް ޑރ. މުޙައްމަދު މުއިއްޒާއި އޭސީސީގެ ރައީސް އާދަމް ޝާމިލް -- ސަން ފޮޓޯ: އިންފިނިޓް މޮމެންޓްސް/ މުޙައްމަދު މާވީ

ރާއްޖޭގެ ރައްޔިތުންނަށް ދިމާވެފައިވާ މައްސަލަތައް ހައްލުކޮށްދިނުމަށް ދައުލަތަށް ބަރޯސާ ނުވެވޭ ކަމަށް, 67 ޕަސެންޓް މީހުން ދެކޭ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން ކުރިއަށްގެންދިޔަ ދިރާސާއަކުން ދައްކައިފިއެވެ.

ބައިނަލްއަގުވާމީ އެންޓި ކޮރަޕްޝަން ދުވަސް ފާހަގަކުރުމަށް ދަރުބާރުގޭގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ވަނީ ކޮރަޕްޝަނާ މެދު އާންމުންދެކޭ ގޮތާއި އެކަމަށް ދިވެހިން ހޭލުންތެރިވެފައިވާ މިންވަރު ދެނެގަތުމަށް ޓަކައި ގައުމީ ފެންވަރުގައި ހަދާފައިވާ ދިރާސާއެއްގެ ނަތީޖާ އާންމުކޮށްފައެވެ.

އެ ދިރާސާގައި ކޮމްޕިއުޓަރުތައް މެދުވެރިކޮށް 722 މީހެއްގެ ފޯން އިންޓަވިއު ނަގައިފައިވާއިރު އޭގެ ތެރެއިން 51 ޕަސެންޓަކީ ފިރިހެނުންނެވެ. އަދި 49 ޕަސެންޓަކީ އަންހެނުންނެވެ.

އޭގެ ތެރޭގައި ހިމެނުނީ ރާއްޖޭގެ އުތުރުން ބައިވެރިވި 18 ޕަސެންޓް މީހުންނާއި، މެދު ރާއްޖެ ތެރެއިން ބައިވެރިވި 17 ޕަސެންޓް މީހުންނާއި ދެކުނުން ބައިވެރިވި 22 ޕަސެންޓް މީހުންގެ އިތުރުން މާލޭ ސަރަހައްދުން ބައިވެރިވި 43 ޕަސެންޓް މީހުންނެވެ.

އެ ދިރާސާގައި ބައިވެރިވި 56 ޕަސެންޓް މީހުން ގަބޫލުކުރާ ގޮތުގައި ކޮރަޕްޝަނަކީ ރާއްޖެއަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލައެވެ. އަދި ކޮރަޕްޝަން ނައްތާލުމަށް އޭސީސީއަށް އިތުބާރު އޮތް މިންވަރާ ގުޅޭ ގޮތުން ސުވާލުކުރުމުން 53 ޕަސެންޓް މީހުން ބުނެފައިވަނީ އެ މަސައްކަތުގައި ކޮމިޝަނަށް ކާމިޔާބު ލިބިފައިވާ ކަމަށެވެ. ނަމަވެސް 47 ޕަސެންޓް މީހުން ބުނެފައިވަނީ އެކަމުގައި ކޮމިޝަން ކާމިޔާބެއް ނޫން ކަމަށެވެ.

ހަމައެއާއެކު، ރައްޔިތުންގެ މައްސަލަތައް ހައްލުކޮށްދިނުމަށް ދައުލަތަށް ބަރޯސާވެވޭ ކަމަށް ބުނެފައިވަނީ ދިރާސާގައި ބައިވެރިވި މީހުންގެ ތެރެއިން 33 ޕަސެންޓް މީހުންނެވެ.

އެ ދިރާސާގައި ބައިވެރިވި 64 ޕަސެންޓް މީހުން ގަބޫލުކުރާ ގޮތުގައި ފާއިތުވެދިޔަ ތިން އަހަރު ކޮރަޕްޝަނުގެ އަމަލުތައް ވަނީ އިތުރުވެފައެވެ. އަދި ކޮރަޕްޝަން އާންމުވާން މެދުވެރިވާ ސަބަބުތައް ކަމަށް އެ މީހުން ބުނަނީ:

  • މީހުންގެ ކިބައިގައި ނަޒާހާތްތެރިކަމާއި އަހުލާގީ ސުލޫކުގެ ފެންވަރު ދަށްވުން
  • އިދާރާތަކުގެ ހަރުދަނާކަން ކުޑަވުން
  • ގާނޫނާއި ގަވާއިދުތަކުގައި ހުރި މައްސަލަތައް

ރާއްޖޭގައި ރައްޔިތުންގެ މަންދޫބުންގެ ގޮތުގައި އިންތިޚާބުކުރާ ފަރާތްތަކާއި ސިޔާސީންގެ މެދުގައި އެންމެ ގިނައިން ހިންގާ ކޮރަޕްޝަނުގެ އަމަލުތައް ކަމަށް ފާހަގަކޮށްފައިވަނީ:

  • ގާބިލިއްޔަތު ކަމަށް ބެލުމެއް ނެތި މުވައްޒަފުންނަށް ވަޒީފާގެ ކުރިއެރުން ދިނުން
  • ކޮންޓްރެކްޓް އެވޯޑް ކުރުމުގައި އަމިއްލަ މަސްލަހަތު އިސްކޮށް، ގާތް ފަރާތްތަކަށް ޕްރޮޖެކްޓު ހޯދައިދިނުން
  • ވަކި ފަރާތަކަށް ފައިދާ ހޯދައިދިނުމަށް ހަދިޔާއާއި ރިޝްވަތު ބަލައިގަތުން

ދައުލަތުގެ މުވައްޒަފުންނާއި ސިވިލް ސާވިސް މުވައްޒަފުންގެ މެދުގައި އެންމެ ގިނައިން ހިންގަނީ:

  • ގާތް ފަރުދީ ގުޅުން އޮންނަ ފަރާތްތަކަށް ޚިދުމަތް ދިނުން އަވަސް ކުރުން
  • ވަޒީފާއަށް މުވައްޒަފުން ނެގުމާއި ވަކިކުރުމާއި ޕްރޮމޯޝަން ދިނުމުގައި ނުފޫޒު ފޯރުވުން
  • ވަކި ފަރާތަކަށް ކޮންޓްރެކްޓް އެވޯޑް ކުރުމުގައި ނުފޫޒު ފޯރުވުން

ގާނޫނު ތަންފީޒު ކުރުމުގެ ދާއިރާ އާއި ޖުޑީޝަރީގެ މުވައްޒަފުންގެ މެދުގައި އެންމެ ގިނައިން ހިންގަނީ:

  • ޖިނާއީ މައްސަލަތަކުގައި ހައި ޕްރޮފައިލް މީހާގެ މައްސަލައާއި ދެރަ ނިކަމެތި މީހާގެ މައްސަލަ ނިންމުމުގައި ތަފާތު ކުރުން
  • އެ ފަރާތްތަކަށް ލިބިދީފައިވާ ގާނޫނީ ބާރުގެ ބޭނުންކޮށްގެން، ތުހުމަތު ކުރެވޭ މީހުންގެ ކުށުގައި ނުބެދި ސަލާމަތްކޮށްދިނުމަށް މަސައްކަތް ކުރުން
  • ޕްރޮސިކިއުޝަން މަރުހަލާ ނިންމިޔަ ނުދިނުމަށް ނުފޫޒު ފޯރުވުން

މިނިވަން މުއައްސަސާތަކުގައި އެންމެ ގިނައިން ހިންގަނީ:

  • ނުފޫޒުން މުވައްޒަފުން ހޮވުމާއި ވަޒީފާއިން ވަކި ކުރުމާއި ޕްރޮމޯޝަން ދިނުން
  • ދައުލަތުގެ މުދާ އަމިއްލަ ބޭނުންތަކަށް ބޭނުންކުރުން

ދައުލަތުގެ އަދި ދައުލަތް ހިއްސާވާ ކުންފުނިތަކުގައި ހިންގާ ކޮރަޕްޝަނުގެ ކުށްތަކަކީ:

  • ނުފޫޒުން މުވައްޒަފުން ހޮވުމާއި ވަޒީފާއިން ވަކި ކުރުމާއި ޕްރޮމޯޝަން ދިނުން
  • ރިޝްވަތާއި ހަދިޔާ ބަލައިގަނެ، ކޮންޓްރެކްޓުތައް ވަކި ބަޔަކަށް ފައިދާވާ ގޮތަށް ހަވާލުކުރުން
  • ދައުލަތުގެ މުދާ އަމިއްލަ މަންފާއަށް ބޭނުންކުރުން

ދައުލަތުގެ އިދާރާތަކުގެ ތެރެއިން ކޮރަޕްޝަން އެންމެ ބޮޑަށް އަށަގެންފައިވާ ކަމަށް އާންމުން ދެކެނީ ރައްޔިތުންގެ މަޖިލީހާއި ދައުލަތުގެ އަދި ދައުލަތް ހިއްސާވާ ކުންފުނިތަކުގައެވެ. އެއީ ދިރާސާގައި ބައިވެރިވި 75 ޕަސެންޓް މީހުން ދެކޭ ގޮތެވެ.

މީގެ އިތުރުން އާންމުންނަށް ކޮރަޕްޝަނުގެ ކުށެއް ކުރާކަން ފެނިފައިވާ ނިސްބަތަށް ބަލާއިރު:

  • ވަކި ކެންޑިޑޭޓަކަށް ނުވަތަ ޕާޓީއަކަށް ވޯޓުލުމަށް އެދި ފައިސާ އާއި ހަދިޔާ ބަލައިގެންފައިވާތަން ފެނިފައިވޭ - 65 ޕަސެންޓް މީހުން
  • ދައުލަތުގެ އިދާރާތަކުން ޚިދުމަތް ހޯދުމުގައި ރައްޓެހި އަދި ތިމާގެ ކަމުގެ ގުޅުމުން ގުޅިފައިތިބި މީހުން މެދުވެރިކޮށް ޚިދުމަތް އަވަސް ކުރުމަށް މަސައްކަތް ކޮށްފައިވާކަން އެނގޭ - 58 ޕަސެންޓް މީހުން
  • ކޯޓުތަކަށް ނުފޫޒު ފޯރުވުމުގައި ރައްޓެހި އަދި ތިމާގެ ކަމުގެ ގުޅުމުން ގުޅިފައިތިބި މީހުން މެދުވެރިކޮށް އަދި ރިޝްވަތު ދޭކަން އެނގޭ - 40 ޕަސެންޓް މީހުން
  • ރިޝްވަތު ދީގެން ކޮންޓްރެކްޓް ކާމިޔާބުކޮށްފައިވާކަން އެނގޭ - 40 ޕަސެންޓް މީހުން
comment ކޮމެންޓް