ދިވެހި ޔުނިވާސިޓީތަކުން ހަދާ ދިރާސާތަކުގެ ކޮލިޓީ ރަނގަޅު ކުރަން ޖެހޭ ކަމަށާއި އެއީ ގައުމީ ލެވެލްގައި ހައްލު ކުރަން އިސްކަންދޭން ޖެހޭ މައްސަލައެއް ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު މިއަދު ވިދާޅުވެއްޖެއެވެ.
އިސްލާމިކް ޔުނިވަސިޓީ އޮފް މޯލްޑިވްސް (އައިޔޫއެމް)އިން ބާއްވާ އިލްމީ ކުރިއެރުމާބެހޭ ބައިނަލްއަގުވާމީ މަހާސިންތާ (އައިސީއައިއޭ)ގެ ކޮންފަރެންސް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރު ވިދާޅުވީ، 1988 ވަނަ އަހަރާ ހަމައަށް ޕަބްލިޝް ކޮށްފައި ހުރީ ދިހަ ވަރަކަށް ދިރާސާ ކަމަށެވެ. އަދި 2016 އާއި 2017 އާ ހަމައަށް 100އާ ގާތް ކުރާ އަދަދަކަށް ދިރާސާތައް ޕަބްލިޝް ކޮށްފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
އައިޔޫއެމްއާއި ގައުމީ ޔުނިވާސިޓީ (އެމްއެންޔޫ) އިން ކުރާ މަސައްކަތާއި މަތީ ތައުލީމަށް އިސްކަން ދޭ މިންވަރު ބޮޑުވުމާ އެކު ދިރާސާތައް ޕަބްލިޝްވާ މިންވަރު މިހާރު އިތުރުވެފައިވާ ކަމަށާއި އެއީ އުފާކުރާ ކަމެއް ކަމަށް މިނިސްޓަރު ޝަފީއު ވިދާޅުވެފައިވެއެވެ.
އިތުރަށް މިނިސްޓަރު ވިދާޅުވީ، 2000 ވަނަ އަހަރު ޕަބްލިޝް ކޮށްފައި ހުރި ދިރާސާތައް ސައިޓޭޝަން ކޮށްފައި ހުރީ ވަރަށް ދަށްކޮށް ކަމަށެވެ.
އަދި މިދިޔަ އަހަރު ނިމުނުއިރު 205 ސައިންޓިފިކް ޕޭޕަރު ޕަބްލިޝް ކުރި ކަމަށާއި އޭގެ ތެރެއިން ގިނަ ޕޭޕަރުތަކަށް ސައިޓް ނުކުރެވި ހުރިކަން މިނިސްޓަރު ވަނީ ފާހަގަކުރައްވާފައެެވެ.
އެހެންވީމާ ރިސާޗާތައް ޚާއްސަކޮށް ޔުނިވާސިޓީތަކުން ވަރަށް ބޮޑު އިސްކަމެއް ދޭންޖެހޭ ކުއަންޓިޓީއާއެކުގައި ރިސާޗްތަކުގެ ކޮލިޓީ ރަނގަޅުވުން. ރިސާޗްތަކުގެ ކޮލިޓީ ޕޭޕާސްތަކުގެ ކޮލިޓީ ޕަބްލިކޭޝަންސްތަކުގެ ކޮލިޓީ މަތިނުކުރެވޭ ކަމުގައި ވަނީނަމަ އަދި ޕަބްލިކޭޝަނެއް އައި ކަމުގައި ވިޔަސްމެ އުފެއްދުންތެރި އިލްމީ ދިރާސާވެރިން އެ އެއްޗެއްސަކަށް ހަވާލާއެއް ނުދޭނެ. އެހެންވީމާ މިހާރު އަޅުގަނޑުމެން އެޑްރެސް ކުރަން ޖެހޭ އިޝޫއެއް ކަމަށް އަޅުގަނޑު ދެކެން ގައުމީ ލެވެލްގައި މި އިޝޫއަކީ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު
މިނިސްޓަރު ވިދާޅުވީ ޕަބްލިޝް ކޮށްފައި ހުރި ދިރާސާތަކަށް ބަލާއިރު އޭގެ ތެރެއިން 18.9 ޕަސެންޓަކީ ސައިންސްގެ ދާއިރާގެ ދިރާސާތައް ކަމަށެވެ. ހިސާބުގެ ދާއިރާގައި ޕަބްލިޝް ކޮށްފައި ހުރީ 0.4 ޕަސެންޓު ދިރާސާތައް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި 3.5 ޕަސެންޓު ދިރާސާތައް ޕަބްލިޝް ކޮށްފައި ހުރީ އިންޖިނިއަރިންގެ ދާއިރާއިން ކަމަށް އޭނާ ވިދާޅުވިއެވެ.
ގައުމީ ލެވެލްގައި އުފެއްދުންތެރިކަން އިތުރުކުރުމަށް އިންޖިނިއަރިންނާއި ހިސާބުގެ އިތުރުން ސައިންސްގެ ދާއިރާއިން ދިރާސާތައް ހަދާ މިންވަރު އިތުރު ކުރަން ޖެހޭ ކަން މިނިސްޓަރު ވަނީ ފާހަގަކުރައްވާފައެވެ.
މިނިސްޓަރު ވިދާޅުވީ، ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ މެނިފެސްޓޯގައި ބަޔާންކޮށްފައިވާ ނެޝަނަލް ރިސާޗް ފަންޑު ގާއިމުކުރެވިގެން ދިޔުމުން އެ މައްސަލަތަކަށް ހައްލެއް ލިބޭނެ ކަމަށެވެ.