ފަސްޓްލޭޑީގެ ވަޒީފާ ހަމަޖައްސާ ގޮތް ބެލުމަށް ސީއެސްސީ މަޖިލީހަށް ހާޒިރުކުރަނީ

ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު -- ފޮޓޯ/ ރައީސް އޮފީސް

ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ)ގައި ފްލެކްސިބަލް އުސޫލުން މަސައްކަތްކުރެއްވޭނެ ގޮތެއް އޮތްތޯ ބަލަމުން އަންނަކަމަށް ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ)އިން ބުނެފައިވާތީ، އެކަމާ ގުޅުންހުރި ގިނަ ޝަކުވާތަކެއް ލިބޭ ކަމަށް ބުނެ، އެ ކޮމިޝަން ރައްޔިތުންގެ މަޖިލީހަށް ހާޒިރުކުރަން މިއަދު ނިންމައިފިއެވެ.

މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި ދާންދޫ ދާއިރާގެ އެމްޑީޕީގެ މެންބަރު ޔައުގޫބް އަބްދުﷲ ވިދާޅުވީ، ފަސްޓްލޭޑީ އެމްއެފްޑީއޭގެ ވަޒީފާގައި ހުންނަވަން ބޭނުންފުޅުވާތީ އެކަމަނާއަށް ވަކި މަގާމެއް އުފައްދައި އެ ވަޒީފާ އަދާކުރެވޭ މާހައުލެއް ގާއިމު ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ބުނެ ސިވިލް ސާވިސްގެ ވަރަށް ގިނަ މުވައްޒަފުން ޝަކުވާ ކުރަމުންދާ ކަމަށެވެ.

އެހެންވެ، އެކަމާ ގުޅިގެން ސީއެސްސީގެ މެންބަރުންނާ ބައްދަލުކުރުމަށް ކޮމިޓީއަށް ފެންނަ ނަމަ އެ މަސައްކަތައިގެން ކުރިއަށްދިޔުމާ ބެހޭ ގޮތުން ޚިޔާލު ހޯދުމަށް އެ ޝަކުވާތައް ހިއްސާކުރެއްވީ ކަމަށް ޔައުގޫބް ވިދާޅުވިއެވެ.

އޭނާގެ ވާހަކައަށް ތާއިދު ކުރައްވައި، ބާރަށު ދާއިރާގެ އެމްޑީޕީ މެންބަރު އަހުމަދު އަބްދުﷲ ވިދާޅުވީ ފަސްޓްލޭޑީއަށް ވަޒީފާ އަދާކުރެވޭނެ ފްލެކްސިބަލް އުސޫލެއް ހަމަޖައްސައިދިނުމަކީ ސިވިލް ސާވިސްގެ އެކި މަގާމުތަކުގައި ތިބި މުވައްޒަފުންގެ ވަރަށް ބޮޑު ކަންބޮޑުވުމެއް ކަމަށެވެ. އޭގެ ސަބަބުން އެ މުވައްޒަފުންނަށް ނިކަމެތި ކަމެއް ލިބިދާނެ ކަމަށް އެ މީހުން ބުނަމުން އަންނަ ކަމަށް އޭނާ ވިދާޅުވިއެވެ.

"އެ ކަންބޮޑުވުމަކީ އެއީ އަޅުގަނޑުމެން ކޮމިޓީން، ހަމަ ހަގީގަތުގައި ވެސް އެއީ ކިހިނެއް ހިނގާ ކަމެއްތޯ ބަލައި، އެކަމާ މެދުގައި، އެ ނިންމުން ނިންމާ ނޫނީ އެ ކުރިއަށްގެންދެވޭ ގޮތް އެއީ ހަގީގަތުގައި ގާނޫނީ އިމުގެ ތެރެއިން، ގާނޫނާ އެއްގޮތަށް ހިނގާ ކަމެއްތޯ ބަލައިލުމަކީ އަޅުގަނޑަށް ހީވަނީ ހަމަ ރަނގަޅު ކަމެއް ހެން،" އޭނާ ވިދާޅުވިއެވެ.

އަހުމަދު އަބްދުﷲ ވިދާޅުވީ އެކަމަށް ޓަކައި ސީއެސްސީ މެންބަރުން ހާޒިރުކޮށްގެން ނުވަތަ ލިޔުމުން ވެސް މައުލޫމާތު ހޯދި ދާނެ ކަމަށެވެ.

އެއާއެކު، ރިޔާސަތުގައި އިންނެވި އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް ވިދާޅުވީ އެ ޝަކުވާތައް ފާހަގަކުރެވުމުން އޭނާ މެސެޖަކުން ސީއެސްސީއާ އެ ވާހަކަ ހިއްސާކުރެއްވި ކަމަށެވެ. އަދި އެ ކޮމިޝަނުން ލިބިފައިވާ ޖަވާބަކީ "ނޯޓެޑް" ކަމަށް ވެސް އޭނާ ހިއްސާކުރެއްވިއެވެ.

އެއަށްފަހު ޔައުގޫބް ވިދާޅުވީ އެ މަސައްކަތް އަވަސް ވާނީ ލިޔުމުން ޖަވާބެއް ހޯދުމަށް ވުރެ، ސީއެސްސީގެ މެންބަރުންނާ ބައްދަލުކޮށްގެން މަޝްވަރާ ކުރުމުން ކަމަށެވެ.

މުޅިން ވެސް އެމްޑީޕީގެ މެންބަރުން ހާޒިރުވެ ތިއްބެވި އެ ހުށަހެޅުން އިއްތިފާގުން ފާސްކުރިއެވެ. އަދި ކޮމިޓީގެ ބައްދަލުވުމެއް ދެން އެންމެ އަވަހަށް ބޭއްވޭނީ އަންނަ ހޯމަ ދުވަހު ކަމަށާއި އެ ދުވަހަށް ސީއެސްސީ ހާޒިރުކުރެވެން އޮތްތޯ ބައްލަވާނެ ކަމަށް ރޮޒައިނާ ވިދާޅުވިއެވެ.

މެޑަމް ސާޖިދާއަކީ އެމްއެފްޑީއޭގެ ސީނިއާ ސައިންޓިފިކް އޮފިސަރެކެވެ.

ސީއެސްސީން މީގެ ކުރިން ބުނީ، ފަސްޓް ލޭޑީއަކަށް ވެވަަޑައިގަތުމަށްފަހު މެޑަމް ސާޖިދާ އަދައިކުރައްވަމުން އައި ވަޒީފާ ފްލެކްސިބަލް އުސޫލަކުން އަދައިކުރެވޭނެ ގޮތެއް ހަމަޖައްސައިދެއްވުމަށް އެކަމަނާ އެދިވަޑައިގަތް ކަމަށެވެ. އެއީ ފަސްޓްލޭޑީއަކަށް ވެވަަޑައިގަތުމާއެކު އިތުރު ބައެއް ޒިންމާތައް އަދާކުރައްވަން ޖެހިވަޑައިގަތުމުން އެ ކަމަނާއަށް ކުރިންހެން ފުލްޓައިމްކޮށް ވަޒީފާގައި ދެމިހުންނެވުމަށް އުޒުރުވެރިވެވަޑައިގަންނަވާތީ ކަމަށް ވިދާޅުވި ކަމަށް، ސީއެސްސީން ބުންޏެވެ.

https://sun.mv/185350

އެހެންވެ، މިވަގުތު ޗުއްޓީގައި ހުންނެވި ސާޖިދާ އަލުން މަސައްކަތަށް ނުކުމެވަޑައިގަންނަވަންވާ ތަނަށް، އެ ކަމަނާއަށް އެމްއެފްޑީއޭގައި މަސައްކަތް ކުރެއްވޭނެ އިންތިޒާމެއް ހަމަޖައްސާނެކަމަށް ސީއެސްސީން ބުނެފައިވެއެވެ.

މީގެ ކުރިން ދެއްވި ބައެއް އިންޓަވިއުތަކުގައި މެޑަމް ސާޖިދާވަނީ ސިވިލް ސާވިސް ވަޒީފާގައި ދެމި ހުންނަވައި ޚިދުމަތްކުރައްވަން ބޭނުންވެވަޑައިގަންނަވާކަމަށް ވިދާޅުވެފައެވެ. އެ ކަމަނާ ސިއްހީ ދާއިރާގައި ޚިދުމަތް ކުރައްވަމުން އަންނަތާ ގިނަ ދުވަސްތަކެއްވަނީ ވެފައެވެ.

comment ކޮމެންޓް