އުޖޫރަތައް ކުޑަވުމުގެ ސަބަބުން މަސައްކަތްކުރާނެ ޤާބިލު މުވައްޒަފުން ނުލިބޭކަމުގެ ކަންބޮޑުވުން ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ)ގެ ރައީސް މުޙައްމަދު ނާސިޙު މިއަދު ފާޅުކުރައްވައިފިއެވެ.
ދިވެހި ސިވިލް ސާވިސް ދުވަހުގެ މުނާސަބަތުގައި އެ ކޮމިޝަންގެ ރައީސް ނެރުއްވި ބަޔާނެއްގައި ވަނީ އުޖޫރައިގެ ހަމަހަމަކަން ނެތުމުގެ ކަންބޮޑުވުން ފާޅުކުރައްވައިފައެވެ.
އޭނާ ވިދާޅުވީ, ސިވިލް ސާވިސްގެ ގިނަ ދާއިރާތަކެއްގައި މަސައްކަތްކުރާ މުވައްޒަފުންނަށް އަދިވެސް މުސާރަ ބޮޑު ނުވާ ކަމަށެވެ. އެގޮތަށް, އުޖޫރައިގެ ހަމަހަމަކަން ޤާއިމު ނުވާތީ، ސިވިލް ސާވިސްގެ ދާއިރާތަކަށް ޤާބިލު މީހުން ލިބުމުގައި ދަތިތަކެއް ތަހައްމަލުކުރަންޖެހޭކަން އޭނާ ފާހަގަކުރެއްވިއެވެ. އަދި، މިހާރު ވެސް ވަޒީފާގައި ތިބި މުވައްޒަފުންނަށް އެކަމުގެ ސަބަބުން މާޔޫސްކަމާއި ކުރިމަތިލާން ޖެހޭ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
"އުޖޫރައިގެ ހަމަހަމަކަން ގާއިމުނުވެ ހޭދަވާ ކޮންމެ ދުވަަހަކީ ސިވިލް ސާވިސްގެ ދާއިރާތަކަށް ގާބިލު މީހުން ލިބުމުގެ ދަތިކަން ތަހަންމަލުކުރަންޖެހޭ އަދި ޚިދުމަތުގައި މިހާރު ވެސް ދެމިތިބި މި ފަދަ މުވައްޒަފުންނަށް ނުތަނަވަސްކަމާއި މާޔޫސްކަމާ ކުރިމަތިލާން ޖެހިފައިވާ ދުވަހެއްކަން ފާހަގަކުރަން،" އޭނާ ވިދާޅުވިއެވެ.
ނާސިޙް ވަނީ ހުރިހާ ފަންތިތަކާއި ގިންތިތަކެއްގައި ވެސް މަސައްކަތްކުރާ މުވައްޒަފުންނަަށް އުޖޫރައިގެ ކުރިއެރުން ލިބިދިނުމާއި އުޖޫރައިގެ ހަމަހަމަކަން ގާއިމުކުރުމުގެ މަސައްކަތް ވީ އެންމެ އަވަހަކަށް ނިންމަވައިދެއްވުމަށް ސަރުކާރަށް އިލްތިމާސްކޮށްފައެވެ.
ބައެއް ދާއިރާތަކަށް މުސާރަ ބޮޑުނުވި ނަމަވެސް ތައުލީމީ ދާއިރާއާއި ސިއްޚީ ދާއިރާއަށް މުސާރަ ބޮޑުވެފައިވާކަން އޭނާގެ ބަޔާނުގައި ފާހަގަކުރައްވާފައިވެއެވެ. އަދި، ސިވިލް ސާވިސްއަކީ ދިވެހި މަސައްކަތްތެރިންގެ ބޮޑު ބައެއް ހިއްސާކުރާ މުއައްސަސާއެއްކަން ވެސް އޭނާ ވަނީ ފާހަގަކުރައްވައިފައެވެ.
އޭނާ ވިދާޅުވީ ސިވިލް ސާވިސްއަކީ ސަރުކާރުގެ ސިޔާސަތުތައް ތަންފީޒުކުރަން ކުރަންޖެހޭ ހުރިހާ މަސައްކަތެއްކޮށް ރައްޔިތުންނަށް ޚިދުމަތްކުރަން އޮތް މުއައްސަސާއެއް ކަމަށެވެ. އެގޮތުން ރައްޔިތުން ބަލައިގަންނާނެ ފަދަ ގޮތަކަށް ޚިދުމަތްދީ، ދެފުށް ފެންނަ ގޮތަށް މައްސަލަ ހައްލުކުރުމަކީ މުހިއްމު ކަމެއްކަން އޭނާ ވަނީ ފާހަގަކުރައްވައިފައެވެ.