ޖަޕާނު ސަރުކާރުން ޚަރަދުކުރާ ޖޭޑީއެސް ސްކޮލާޝިޕަށް ކުރިމަތިލުމުގެ މުއްދަތު އިތުރުކޮށްފި

ސްކޮލަޝިޕުގެ ދަށުން ރާއްޖޭގެ ދަރިވަރުން ތަކެއް ޖަޕާނުގައި--

ޖަޕާނު ސަރުކާރުގެ ހިލޭ އެހީގެ ދަށުން ދޭ ދަ ޕްރޮޖެކްޓް ފޯ ހިއުމަން ރިސޯސް ޑިވެލޮޕްމަންޓު ސްކޮލަޝިޕް (ޖޭޑީއެސް) ސްކޮލަޝިޕްތަކަށް ކުރިމަތިލުމުގެ މުއްދަތު އިތުރުކޮށްފިއެވެ.

މިނިސްޓްރީ އޮފް ހަޔާ އެޑިއުކޭޝަނުން ބުނީ މި ސްކޮލަޝިޕަށް ކުރިމަތި ލުމުގެ މުއްދަތު އިތުރުކުރީ މި މަހުގެ 24 ވަނަ ދުވަހުގެ 16:00ގެ ނިޔަލަށް ކަމަށެވެ. އެންމެ ފުރަތަމަ މި ސްކޮލަޝިޕަށް ކުރިމަތި ލުމުގެ ފުރުސަތު ހުޅުވާލައިފައި އޮތީ މިދިޔަ އާދީއްތަ ދުވަހުގެ ނިޔަލަށެވެ.

މި ސްކޮލަޝިޕުގެ ދަށުން ރާއްޖޭގެ ހަ ދަރިވަރަކަށް ޖަޕާނު ސަރުކާރުގެ އެހީގައި މުޅިން ހިލޭ މާސްޓާސް ޑިގްރީއަށް ކިޔެވުމުގެ ފުރުސަތު ލިބޭނެއެވެ. ކޮންމެ ޔުނިވާސިޓީ އަކުންވެސް މި ސްކޮލަޝިޕުގައި ފުރުސަތު ލިބެނީ ދެ ދަރިވަރަކަށެވެ.

ދަރިވަރުންގެ ކިޔެވުމުގެ ހުރިހާ ޚަރަދަކާއި، ދަތުރުފަތުރުގެ ހަރަދުތަކާއި، ޖަޕާނުގައި ދިރިއުޅުމާއި، އެނބުރި ރާއްޖެ އައުމުގެ ހުރިހާ ހަރަދެއްވެސް މި ސްކޮލަޝިޕުގައި، އެ ގައުމުގެ ސަރުކާރުން ދޭނެއެވެ.

މިއީ 2020 ވަނަ އަހަރު، ސަރުކާރުގެ އިދާރީ ހިންގުމަށް ބޭނުންވާ އިންސާނީ ވަސީލަތް އިތުރަށް ތަރައްގީކުރުމަށް އެހީތެރިވެދިނުމުގެ ގޮތުން ޖަޕާނު ސަރުކާރުން ފެށި ސްކޮލަޝިޕެކެވެ.

މި ސްކޮލަޝިޕުގައި މިހާތަނަށް ރާއްޖެއިން 16 ދަރިވަރުން ބައިވެރިވެ، ޖަޕާނަށް ކިޔަވަން ފޮނުވައިފައިވެއެވެ. އަދި މިހާތަނަށް ހަތް ދަރިވަރަކު ވަނީ ކިޔެވުން ނިންމުމަށް ފަހު އެނބުރި ރާއްޖެ އައިސްފައެވެ.

މި ސްކޮލަޝިޕުގައި ބައިވެރިވެވޭނީ، 2024 ވަނަ އަހަރުގެ އޭޕްރިލް މަހުގެ ފުރަތަމަ ދުވަހަށް 22 އަހަރު ފުރޭ އަދި 39 އަހަރު ނުފުރޭ މީހުންނަށެވެ. އަދި މި ސްކޮލަޝިޕަށް އެދި ހުށަހަޅާ މީހުންނަކީ، ދިވެހި ސަރުކާރުން ބަލައިގަންނަ ބެޗްލާސް ޑިގްރީއެއް އޮންނަ ސިވިލް ސާވިސްގައި މަސައްކަތް ކުރާ މުވައްޒަފުންނާއި މިނިވަން މުވައްސަސާތަކުގެ ދާއިމީ މުވައްޒަފުންނާއި ކޯޓުތަކާއި ކޯޓުތަކާ ގުޅުން ހުރި އިދާރާތަކުގެ ދާއިމީ މުވައްޒަފުންނަށް ވާން ޖެހެއެވެ. އަދި އެ މީހުންނަކީ މަދުވެގެން ދެ އަހަރުގެ މަސައްކަތުގެ ތަޖުރިބާ ހުރި، އަދި ފުލް ޓައިމްކޮށް މިހާރު މަސައްކަތް ކުރާ މުވައްޒަފަކަށް ވާން ޖެހެއެވެ.

ސްކޮލަޝިޕާ ގުޅޭ އިތުރު މައުލޫމާތު ހަޔާ އެޑިއުކޭޝަންގެ ވެބްސައިޓުން ލިބެން ހުންނާނެ ކަމަށް އެ މިނިސްޓްރީން ބުނެއެވެ.

comment ކޮމެންޓް