ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓައި، މަރުވި ގދ. ހޯޑެއްދޫ، ސްވާން، އަބްދުﷲ ރަޝީދުގެ މަރުގެ މައްސަލަ ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަން (އެންއައިސީ)އިން ބަލައި، އޭނާ މަރުވީ ފުލުހުންގެ އިހުމާލުންކަމަށް ނިންމައި ދައުވާކޮށްދިނުމަށް އެދި ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީސް (ޕީޖީ)އަށް މިއަދު ފޮނުވައިފިއެވެ.
"ސަން"އަށް އެނގިފައިވާ ގޮތުގައި އެންއައީސީގެ ރިޕޯޓުގައި ބުނެފައިވަނީ އަބްދުﷲ ރަޝީދުގެ މަރުވާން މެދުވެރިވީ ފުލުހުންގެ އިހުމާލުންކަމަށެވެ.
އަދި އެ މައްސަލައިގައި އެންއައިސީން ބުނީ އޭނާ މަރުވާން މެދުވެރިވި މައްސަލައިގައި އިހުމާލުގެ ތުހުމަތު ކުރެވެނީ ވަކިވަކި ފުލުހުންނަށް ކަމަށް ވެސް ވަނީ އެނގިފައެވެ.
އަބްދުﷲ ރަޝީދުގެ މަރާ ގުޅިގެން މިދިޔަ އަހަރުގެ ފަހުކޮޅުން ފެށިގެން އެންއައިސީން ތައްޔާރުކުރަން ފެށި ރިޕޯޓު ނިންމައިލެވުނީ އަދިކިރިޔާއެވެ.
މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ 25ވަނަ ދުވަހު އަބްދުﷲ ރަޝީދު މަރުވީ މަސްތުވާތަކެތީގެ މައްސަލައެއްގައި އޭނާ ހައްޔަރު ކުރުމަށް ފަހު ހޯޑެއްދުއިން އެހެން ރަށަކަށް ގެންދިއުމަށް ލޯންޗަކަށް އަރުވާފައި ހުއްޓާ މެޔަށް ތަދެއް އަރައިގެންނެވެ.
ތަދު އެރުމާއެކު ފަރުވާ ދިނުމަށް ފުލުހުންގެ ގާތު އަބްދުﷲ ރަޝީދު އެދުނު ނަމަވެސް އެއީ އެކްޓް ޖެއްސުންކަމަށް ބުނެ ފުލުހުން ފަރުވާ ނުދިން ކަމަށް އޭނާގެ އާއިލާއިން ތުހުމަތުކުރިއެވެ.
އަބްދުﷲ ރަޝީދުގެ ޕޯސްޓްމޯޓަމް ހެދީ އާއިލާގެ ނުރުހުމުގައެވެ. އާއިލާއިން ބުނެފައިވަނީ އޭނާ މަރުވީ ފުލުހުންގެ އިހުމާލުންކަން އެނގެން އެބައޮތް ކަމަށާއި އެހެންކަމުން ޕޯސްޓްމޯޓަމް ހަދަންޖެހޭ ސަބަބެއް ނެތް ކަމަށެވެ.
އާއިލާގެ ނުރުހުމުގައި އަބްދުﷲ ރަޝީދުގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހަދަން އިންޑިއާއަށް ފޮނުވީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ 31ގައެވެ. އަދި ހަށިގަނޑާއެކު ޕޯސްޓްމޯޓަމްގެ ވަގުތީ ނަތީޖާ އާއިލާއަށް ލިބޭނެކަމަށް ފުލުހުން ބުނިކަމަށް އާއިލާއިން ބުނެއެވެ.
ނަމަވެސް، ޕޯސްޓްމޯޓަމްގެ ވަގުތީ ނަތީޖާ ވެސް އާއިލާއަށް ލިބުމުގައި ގިނަ ދަތިތަކެއް ހުއްޓެވެ. ޕޯސްޓްމޯޓަމްގެ ވަގުތީ ނަތީޖާ ހާމަކުރަން ވެސް އެންއައިސީން މީގެ ކުރިން ދެކޮޅު ހެދިއެވެ.