Dhiraagu
Ooredoo

ސްކޭމްގެ މައްސަލަތަކުން މި އަހަރު ތިން ލައްކަ ރުފިޔާ ރިކަވާކޮށްފި

ސްކޭމްގެ މައްސަލަތަކުން މި އަހަރު 300000 އާއި ގާތްކުރާ ފައިސާ ރިކަވާކުރެވިއްޖެ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ސްކޭމްގެ މައްސަލަތަކުގައި ގެއްލުނު ފައިސާގެ ތެރެއިން މި އަހަރު ތިން ލައްކަ ރުފިޔާއާ ގާތްކުރާ އަދަދެއްގެ ފައިސާ ރިކަވާކުރެވިފައި ވާކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެފިއެވެ.

ADK GENERAl

އެސްއެސް ޓީވީގެ ބާރު ހަތަރެއް ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން ފުލުހުންގެ އެންޓި ސްކޭމް ސެންޓަރުގައި މަސައްކަތް ކުރައްވާ, ޕޮލިސް ސީނިއާ ސާޖެންޓް އަބްދުﷲ ޝަހުނީޒް ވިދާޅުވީ ސްކޭމްގެ މައްސަލަތަކުގެ ތަހުގީގުތައް ކުރިއަށް ގެންދަނީ ވަރަށް ބޮޑަށް ސެންޓްރަލައިޒް ކޮށްގެން ކަމަށެވެ.

އެގޮތުން މިދިޔަ މާޗް މަހުގެ 17 ވަނަ ދުވަހު އެ މަސައްކަތް ފެށިފައި ވާކަމަށާއި ރިކަވަރީ މަސައްކަތަށް މިކަމުގެ ސަބަބުން ބޮޑު ކުރިއެރުމެއް ލިބިފައި ވާކަމަށް އޭނާ ވިދާޅުވިއެވެ.

2025 ވަނަ އަހަރުގައި ތިން ލައްކައާ ކައިރިކުރާ ވަރަށް ފައިސާ ރިކަވާކުރެވިފައި ވާކަން ފާހަގަކޮށްލަން. ހަމައެގޮތަށް މިދިޔަ އަހަރު، ސެންޓަރު ވަކި ސެންޓަރެއްގެ ގޮތުގަ ފަންގްޝަންކުރަން ފެށިފަހުން ދެލައްކަ އެއްހައި ރުފިޔާ ރިކަވާ ކުރެވިފައި ވާކަން ފާހަގަކޮށްލަން. ސީނިއާ ސާޖަންޓް އަބްދުﷲ ޝަހުނީޒް

ޝަހުނީޒް ވިދާޅުވީ ނޭނގި ނަމަވެސް ސްކޭމްގެ ފައިސާ ދައުރުކުރުމުގައި އާންމު ރައްޔިތުންގެ ވަރަށް ބޮޑު ބައިވެރިވުމެއް އޮންނަ ކަމަށެވެ. މިކަމުގެ ސަބަބުން ތަހުގީގު ކުރަމުންދާއިރު ގިނަ ދަތިތަކާ ކުރިމަތިވާކަން އޭނާ ފާހަގަ ކުރެއްވެވިއެވެ. އޭނާ ވިދާޅުވީ ގޮތްނޭނގޭ ފައިސާ ގާތްތިމާގެ މީހެއް ނުވަތަ ރައްޓެއްސަކު ޖަމާކުރި ނަމަވެސް, ބޭންކު ނުވަތަ ފުލުހުން މެދުވެރިކޮށް ވެރިފަރާތާ ހަވާލުކުރުމަށް އިސްކަން ދޭން އެދޭ ކަމަށެވެ.

ސްކޭމްކޮށްގެން ހޯދާ ފައިސާ ޖަމާކުރާ ބޭންކް އެކައުންޓު ވަގުުތުން ފްރީޒުކުރުމުގެ ބާރު މިހާރު ގާނޫނީ ގޮތުން ފުލުހުންނަށް ވަނީ ލިބިފައެވެ. ޖިނާއީ އިޖުރާއަތުގެ ގާނޫނަށް ގެނައި އިސްލާހާއާއެކު، ބޭންކް އެކައުންޓުތަކުގައި ހުންނަ ފައިސާ ހިފެހެއްޓުމާއި އެ ފައިސާއިން މުއާމަލާތްކުރުން ހުއްޓުވުމުގެ ބާރު ދިވެހި ފުލުހުންނަށް ވަނީ ދީފައެވެ.

ސްކޭމްގެ މައްސަލަތައް ރިޕޯޓުކުރަން ފުލުހުން މިހާރު ވަނީ ޚާއްސަ ކޯލް ސެންޓަރެއް ވެސް ގާއިމުކޮށްފައެވެ. އެގޮތުން ސްކޭމެއްގައި ޖެހޭ ހާލަތެއްގައި، ނެޝެނަލް އެމެޖެންސީ ނަމްބަރު 119 އަދި އެންޓި ސްކޭމް ހޮޓްލައިން 125 (އެކްސްޓެންޝަން 2020)ގެ އިތުރުން އެންޓި ސްކޭމް ސެންޓަރުގެ އީމެއިލްމެދުވެރިކޮށް ރާއްޖެއާއި ރާއްޖެއިން ބޭރުގެ ސްކޭމާ ގުޅުންހުރި މައްސަލަތައް ރިޕޯޓުކުރެވޭނެ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

Redstar
comment ކޮމެންޓް