ބައްސާމްގެ ޕާސްޕޯޓު ހިފަހައްޓައިފި

ފެބްރުއަރީ 19، 2020: 19 އެފްއޭއެމް އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ބައްސާމް ވާހަކަ ދައްކަވަނީ-- ސަން ފޮޓޯ/ އަހްމަދު ސައީދު

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ފައިސާ ނަހަމަ ގޮތުގައި ބޭނުން ކުރުމުގެ ތުހުމަތު ކުރެވޭ މައްސަލައިގައި އެ އެސޯސިއޭޝަންގެ ރައީސް ބައްސާމް އަދީލް ޖަލީލުގެ ޕާސްޕޯޓު ހިފަހައްޓައިފިއެވެ.

ޕީޖީ އޮފީހުން ވަނީ "ސަން"އަށް އެކަން ކަށަވަރުކޮށްދީފައެވެ.

ބައްސާމްގެ ޕާސްޕޯޓު ހިފަހައްޓަން ކޯޓުގައި އެދިފައި ވަނީ ފުލުހުންނެވެ.

ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ)ން މީގެ ކުރިން ބުނެފައި ވަނީ އެ މައްސަލައާ ގުޅިގެން ކުރިއަށްގެންދާ ތަހުގީގުގައި އެންމެ ބޮޑަށް ކުށުގެ ތުހުމަތު ކުރެވެނީ ބައްސާމަށް ކަމަށެވެ.

އަދި އެ އޮފީހުން އަންގައިގެން ބަލަމުންދާ އެ މައްސަލައިގައި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އާއި ފުލުހުންގެ ފަރާތުން މައުލޫމާތު ލިބިފައިވާ ކަމަށް ވެސް ބުނެފައިވެއެވެ.

އެފްްއޭއެމްއާ ގުޅޭ ފައިސާގެ މައްސަލަތަކެއް ތަހުގީގުކުރުމަށް ފުލުހުން "އެފްއޭއެމް ހައުސް" އިމާރާތަށް އެންމެ ފުރަތަމަ ވަނީ އޮކްޓޯބަރު މަހުގެ 23 ވަނަ ދުވަހުއެވެ.

ފުލުހުން އެފްއޭއެމް ހައުސްގެ ތެރެއަށް ވަދެފައިވާ އިރު، އެފްއޭއެމަށް ވަނީ ކޮރަޕްޝަންގެ ގިނަ ތުހުމަތުތަކެއް ކުރެވިފައެވެ.

އެގޮތުން ފުޓުބޯޅައިގެ ބައެއް ހިންގުންތެރިން ވަނީ އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލު އިސްވެ ހުންނަވައި ކޮރަޕްޝަންގެ އަމަލުތައް ހިންގަވަމުން ގެންދަވާ ކަމަށް ތުހުމަތުކޮށްފައެވެ. އޭގެ އިތުރުން އެފްއޭއެމްގައި ދަރަނީގެ މައްސަލަތައް ވެސް ގިނައެވެ.

އެފްއޭއެމަށް ގަވާއިދުން ލީގު ހިންގޭ ގޮތް ނުވުމުން އެކަމުގެ އަސަރު ގައުމީ ޓީމުން ވެސް ފެނެއެވެ. ދެކުނު އޭޝިއާގެ ދެވަނައަށް އެންމެ ވަރުގަދަ ޓީމުގެ ގޮތުގައި އޮތުމަށްފަހު، މިހާރު ނޭޕާލް އަދި ބަންގުލަދޭޝް ފަދަ ޓީމުތަކާ ދެކޮޅަށް ނަތީޖާތައް ނެރުމަށް ވަނީ އުނދަގޫތަކާ ކުރިމަތިލާން ޖެހިފައެވެ.

އެ މައްސަލާގައި ކޯޓު އަމުރެއްގެ ދަށުން މިހާރު ބައްސާމްގެ ޕާސްޕޯޓު ހިފަހައްޓާފައިވާއިރު، އެފްއޭއެމް ހިންގުމުގައި އިސްކޮށް ތިބި މީހުންގެ މައްޗަށް ކުރަނީ، އެ އެސޯސިއޭޝަނަށް ފީފާއިން ފޮނުވާ ފައިސާ ރާއްޖޭގެ ގާނޫނުތަކާއި ގަވާއިދުތަކާ ޚިލާފަށް އެކި ކަންކަމަށް ބޭނުން ކުރުމުގެ ތުހުމަތެވެ.

ޕީޖީން ބުނީ ފައިސާއާ ގުޅުން ހުރި މިފަދަ ތަހުގީގުތަކުގައި ބޭންކް ކާޑުތަކުން މީހުން ކުރާ މުއާމަލާތްތައް މެދުވެރިކޮށް، ތަހުގީގަށް މުހިންމު މައުލޫމާތު ލިބޭ ކަމަށެވެ.

އެގޮތުން ތުހުމަތު ކުރެވޭ މީހުން ކުރާ ދަތުރުތަކުގައި ކާޑު ބޭނުންކޮށްފައި ވުމުން، އެ މީހުން ދިޔަ ހޮޓެލްތަކާއި ޝޮޕިން މޯލްތައް އެނގެން އޮތް ކަމަށް ބުނެފައިވެއެވެ. ނަމަވެސް އެފްއޭމްގެ މައްސަލައިގައި ދައުވާ ކުރުމުގެ ކުރިން އިތުރަށް ހޯދަން ޖެހޭ މައުލޫމާތު ހުރިކަން ޕީޖީން ފާހަގަކުރިއެވެ.

މި މައްސަލައާ ގުޅިގެން ބައްސާމް ވިދާޅުވެފައި ވަނީ ތަހުގީގު ނިމުމުން، އެ މައްސަލައިގައި ވާހަކަދައްކަވާނެ ކަމަށެވެ.

comment ކޮމެންޓް