ދެ ދުވަސް ތެރޭ އޭސީސީއަށް ގެދޮރުވެރިން ޕޯޓަލަށް އެކްސެސް ދެވޭނެ: ޑރ. ހައިދަރު

މިނިސްޓަރު ޑރ. އަލީ ހައިދަރު އަހްމަދާއި މިނިސްޓްރީގެ ބޭފުޅުން ޕެޓިޝަން ކޮމިޓީގައި ވާހަކަދައްކަވަނީ-- ފޮޓޯ/ މަޖިލިސް

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީީސީ)އިން އަންގާފައިވާ ގޮތަށް ގެދޮރުވެރިޔާ ސްކީމުގެ ދަށުން މިނިސްޓްރީން ކުރި މަސައްކަތްތައް ފެންނަހެން ކުރިއަށް އޮތް ދެ ދުވަސްތެރޭ އެ ކޮމިޝަނަށް ޕޯޓަލް އެކްސެސް ދެވޭނެ ކަމަށް ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު މިއަދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގައި މިއަދު ބޭއްވި ޕެޓިޝަން ކޮމިޓީގައި ވާހަކަދައްކަވަމުން މިނިސްޓަރު މި ފަދައިން ވިދާޅުވީ އޭސީސީއަށް ޕޯޓަލް އެކްސެސް އަދިވެސް ނުލިބި އޮތް އޮތުމުން އެކަމާ ސުވާލުކުރުމުންނެވެ.

އެގޮތުން ކެލާ ދާއިރާގެ މެންބަރު އިބްރާހީމް ޝަރީފް ވަނީ ހަފުތާއެއް ފަހުން ޕޯޓަލްގެ އެކްސެސް ދެއްވާނެ ކަމަށް ވިދާޅުވުމަށްފަހު އަނެއްކާ ވެސް އިތުރު ހަފްތާއެއް ވާނެ ކަމަށް މިނިސްޓަރު ވިދާޅުވިކަމަށެވެ.

އެހެންވެ، އެ ޕޯޓަލްގެ އެކްސެސް ދިނުން ލަސްވަނީ ކީއްވެތޯ ޝަރީފް ސުވާލުކުރެއްވިއެވެ. އަދި އެ ކަން ނުވުމުގެ ސަބަބުން އޭސީސީއަށް އެ މައްސަލަ ބެލުން ލަސްވެފައިވާކަމަށް ވެސް ޝަރީފް ފާހަގަކުރެއްވިއެވެ.

ޕެޓިޝަން ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގެ ތެރެއިން-- ފޮޓޯ/ މަޖިލިސް

އެ ސުވާލަށް ޖަވާބުދެއްވަމުން މިނިސްޓަރު ހައިދަރު ވިދާޅުވީ އެކްސެސް ދިނުން ލަސްކުރުމުގެ އެއްވެސް ނިޔަތެއް ނުގެންގުޅުއްވާ ކަމަށެވެ. ކުރިއަށް އޮތް ދެ ދުވަހެއްގެ ތެރޭ އެ ކަން ވާނެކަމަށް ވިދާޅުވިއެވެ.

"ފައިނޭންޝިއަލީ ކުރަން ޖެހޭ ބައެއް ކަންކަން ކުރުމުގަ ލަސްތަކެއް މިއުޅެނީ. މި ހަފުތާތެރޭ އެކަން ވާނެ. ކުރިއަށް އޮތް ދެ ދުވަސް ތެރޭ އެކްސެސް ދެވޭނެ ކަމަށް މި ބަލަނީ،" މިނިސްޓަރު ހައިދަރު ވިދާޅުވިއެވެ.

ފުލެޓު ލިސްޓާ މެދު ގިނަ ބަޔަކު ނުރުހުންވެ، ޕްލޭނިން މިނިސްޓްރީގެ އޮފީހަށް އެއްވެ އިހުތިޖާޖުކުރި ފަހުން، ފްލެޓު ދިނުމުގެ މަސައްކަތްތައް ހުއްޓައިލުމަށް އޭސީސީން މިދިޔަ މަހުގެ ފަހެއްގައި އެންގިއެވެ. އެ ކޮމިޝަންގެ ތަހުގީގު ތެރެއިން، ޕްލޭނިން މިނިސްޓްރީއަށް ގޮސް ވެސް މަސައްކަތްތަކެއް ކުރިއެވެ.

އެއާެެކު އޭސީސީން ވަނީ ގެދޮރުވެރިޔާ ސްކީމުގެ ދަށުން މިނިސްޓްރީއަށް ހުށަހެޅި ހުރިހާ ފޯމުތަކާއި އެ ފޯމުތަކާއެކު ހުރި ހުރިހާ ލިޔުންތަކާއި، އެކަމުގައި އެ މިނިސްޓްރީން ކޮށްފައިވާ މަސައްކަތް ފެންނާނެހެން އެ ކޮމިޝަނަށް ޕޯޓަލްގެ އެކްސެސް ދިނުމަށް އަންގައިފައެވެ.

ފޯމްތައް އިވެލުއޭޓް ކުރުމުގައި ކަނޑައަޅާފައިވާ އުސޫލާ ޚިލާފަށް ބައެއް ފަރާތްތަކަށް ޕޮއިންޓު ދީފައިވާކަމަށާއި ބައެއް ފަރާތްތަކުން ހުށަހަޅައިފައިވާ މައުލޫމާތުގެ ސައްހަކަން ޔަގީންކުރެވެން ހުރި ހާލަތްތަކުގައި އެ ކަން ކޮށްފައިނުވާކަން ކޮމިޝަނުގެ ތަހުގީގަށް ފާހަގަކުރެވިފައިވާކަަމަށް އޭސީސީން ވަނީ މީގެ ކުރިން ބުނެފައެވެ.

comment ކޮމެންޓް