އަރުހަމްގެ މަރު: ކުށް ސާބިތުނުވި ތިން މީހުންގެ މައްސަލަ އަލުން ބަލަން އަންގައިފި

އަރުހަމްގެ މަރުގެ މައްސަލައިގައި ދައުވާކުރި މަންސޫރު ޔޫސުފް (ކ)، އާތިފް ރަޝީދު (މ) އަދި މުހައްމަދު ސުފުޔާން (ވ) --

ލޮރެންޒޯ ޕާކުގައި 2012 ވަނަ އަހަރު، ހއ. ހޯރަފުށީ ނޫރީގޭ މުހައްމަދު އަރުހަމް، މަރާލި މައްސަލައިގައި ދައުވާކުރި މީހުންގެ ތެރެއިން ތިން މީހެއްގެ މައްޗަށް ކުށް ސާބިތުނުވި މައްސަލަ އަލުން ބަލަން ހައިކޯޓުން ކްރިމިނަލް ކޯޓަށް މިއަދު އަންގައިފިއެވެ.

އެ މައްސަލައިގައި ގަސްތުގައި މީހަކު މެރުމުގެ ދައުވާ ދައުލަތުން އުފުލީ ލ. މާވަށް އެވާބްލޫގޭ މުހައްމަދު ވިސާމާއި އެ ރަށު އަސަަރީގޭ މަންސޫރު ޔޫސުފާއި ގދ. ގައްދޫ ގުންޒަރު މުހައްމަދު ސުފުޔާންގެ އިތުރުން މއ. ސީނަރީވިއު، އާތިފް ރަޝީދުގެ މައްޗަށެވެ.

އެ މައްސަލައިގައި 2016 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު ކްރިމިނަލް ކޯޓުން ނިންމީ ދައުވާ ސާބިތުވަނީ ވިސާމްގެ މައްޗަށް އެކަނި ކަމަށެވެ. އަދި އޭނާ މަރަން ހުކުމްކުރިއެވެ. ނަމަވެސް ކޯޓުން ނިންމީ ބާކީ ތިން މީހުންގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށެވެ.

އެ ތިން މީހުންނަށް ކުށް ސާބިތުނުވާ ކަމަށް ކުރި ހުކުމް ދައުލަތުން ހައި ކޯޓުގައި އިސްތިއުނާފު ކުރުމުން އަޑުއެހުންތައް ނިންމާލުމަށް ފަހު މިއަދު އޮތީ ހުކުމް ކުރުމެވެ.

އެ މައްސަލައިގެ އިސްތިއުނާފުގައި ދައުލަތުން މައިގަނޑު ގޮތެއްގައި ފާހަގަކޮށްފައި ވަނީ ދަށު ކޯޓުން ވިސާމްގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ނިންމާފައި ވަނީ ހެކިންގެ ހެކި ބަހަށް ރިއާޔަތްކޮށް ކަމަށްވާއިރު، ހަމަ އެ ހެކިންގެ ހެކި ބަހުން މަންސޫރާއި ސުފުޔާނާއި އާތިފްގެ އަމަލުތައް އެނގެން އޮތް އިރު ހުކުމުގައި އެކަމަށް ރިއާޔަތްކޮށްފައިނުވާ ކަމަށެވެ.

އެ މައްސަލައިގައި ހުށަހަޅާއިފައިވާ ވީޑިއޯ ރިޕޯޓާއި އިތުރު ހެއްކާއި ގަރީނާއިން ވެސް، އަރުހަމްގެ މަރުގައި އެމީހުންގެ ބައިވެރިވުން އެނގެން އޮތް ކަމަށް ދައުލަތުން ބުނެ، ހައިކޯޓުގައި އެދިފައި ވަނީ އެ މީހުންގެ މައްޗަށް ވެސް ކުށް ސާބިތުވާ ކަމަށް ކަނޑައަޅައިދިނުމަށެވެ.

ދައުލަތުން ހުށަހެޅި ހެއްކާއި ގަރީނާގެ ތެރޭގައި ފަސް ސިއްރު ހެކިންނާއި ވީޑިއޯ އެނެލިސިސް ރިޕޯޓާއި ސީސީޓީވީ ފުޓެޖު ވެސް ހިމެނެއެވެ. އެ ހެކިވަރިން ވަނީ، އަރުހަމް މަރާލި ތަން އެކި ހިސާބުތަކުން ފެނިފައިވާ ކަމަށާއި އެކަމުގައި ސުފުޔާނާއި މަންސޫރާއި އާތިފްގެ ބައިވެރިވުން ފެނުނު ކަމަށް ހެކިބަސް ދީފައެވެ.

ހަމައެއާއެކު، ޝަރީއަތަށް ހުށަހަޅާފައިވާ ވީޑީއޯއަކުން ސުފުޔާނާއި މަންސޫރު ދެނެގަނެވި، ހާދިސާ ހިނގި ރޭ ފަތިހު އެ ދެ މީހުން ފިހާރައަކުން ދެ ވަޅި ގަތް މަންޒަރު ފެނިފައިވާ ކަމަށް އަޑުއެހުންތަކުގައި ބުނެފައިވެއެވެ.

މީގެ އިތުރުން އަރުހަމް މަރާލި ރޭ، އާތިފް ހިމެނޭހެން ހަ މީހަކު ސުފުޔާނާއި މަންސޫރާއެކު ހަރަކާތްތެރިވެފައިވާކަން ދެނެގަނެވިފައިވާ ކަމަށް ދައުލަތުން ޝަރީއަތުގައި ބުނެފައިވެއެވެ.

އެ މައްސަލައިގެ ރިޔާސަތުގައި އިންނެވި ފަނޑިޔާރު ހުސައިން މަޒީދު ވިދާޅުވީ އެ ތިން މީހުންގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ކަނޑައަޅާފައި ވަނީ މި މައްސަލައިގައި ދައުވާ ލިބޭ ތިން މީހުންގެ މައްޗަށް ދައުވާ ސާބިތުވާ ވަރަށް ކާފީ ހެކި ލިބިފައި ނުވާ ކަމަށް ބުނެ ކަމަށެވެ.

ނަމަވެސް، އެ ތިން މީހުންގެ މައްޗަށް ކޮށްފައިވާ ތުހުމަތާ ގުޅިގެން އެއްވެސް އެހެން ނުކުތާއެއްގައި ދަށު ކޯޓުގެ ފަނޑިޔާރު، އެއްވެސް ކަމެއް ފާހަގަކުރައްވައި އެއްވެސް ކަމަކަށް ރިއާޔަތް ކުރައްވާފައި ނުވާ ކަމަށް ފަނޑިޔާރު ވިދާޅުވިއެވެ.

"އަދި އެ ތިން މީހުން އެ ކުށުގައި ބައިވެރިވި ކަމަށް ސާބިތުކުރުމަށް ގިނަ އަދަދެއްގެ ހެކި ގަރީނާ ދައުލަތުގެ ފަރާތުން ހުށަހަޅާފައިވާއިރު އެ ތިން މީހުންނާ ގުޅޭ ވާގިޔާ ކަށަވަރު ކުރުމުގެ ގޮތުން ހެއްކަށް ރިއާޔަތް ކުރެވުނު ގޮތެއް، ހެކި ވަޒަން ކުރި ގޮތެއް އަދި މި ނިންމުމަށް ވާސިލުވި ގާނޫނީ ސަބަބެއް އެ ރިޕޯޓުން އެނގޭކަށް ނެތް،" ފަނޑިޔާރު ވިދާޅުވިއެވެ.

"ދައުވާ ސާބިތު ކުރުމަށް ހެކި ގަރީނާ ހުށަހެޅިފައިވާ ހާލަތުގައި ހަމައެކަނި ސާބިތުވާ މިންވަރަށް ކާފީ ހެކި ހުށަހެޅިފައިނުވާ ކަމަށް ފަނޑިޔާރު ބުނެލާ ބުނެލުމަކުން ނުފުދޭ."

ފަނޑިޔާރު ވިދާޅުވީ، އިންސާފުވެރި ޝަރީއަތެއް ކުރުމަށް ޓަކައި ހެކި ގަރީނާއަށް ރިއާޔަތްކޮށް، ހެކި ވަޒަންކޮށް, މައްސަލައިގެ ވާގިޔާ ކަށަވަރުކޮށް ގާނޫނު ތަދުބީރު ކުރަން ޖެހޭނެ ކަމަށެވެ. ނަމަވެސް މި މައްސަލައިގައި ކްރިމިނަލް ކޯޓުން އެކަންކަން ކޮށްފައިނުވާ ކަމަށް ފަނޑިޔާރު ވިދާޅުވިއެވެ.

އެހެންވެ، މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ އިއްތިފާގުން ވަނީ، އެ ތިން މީހުންގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުގެ ހުކުމުގައި ބުނެފައިވާ ބައި ބާތިލުކޮށް، ހައިކޯޓުން ފާހަގަކުރި ކަންތައްތަކަށް ރިއާޔަތްކޮށް މައްސަލަ އަލުން ބަލަން އަންގައިފައެވެ.

އެ މައްސަލަ ބެއްލެވި ބެންޗުގައި ފަނޑިޔާރު މަޒީދުގެ އިތުރުން ތިއްބެވީ ފަނޑިޔާރު މުހައްމަދު ފައިސަލާއި ފަނޑިޔާރު މުހައްމަދު ނިޔާޒެވެ.

comment ކޮމެންޓް