އަމީނީ މަގުގެ ނުނިމި އޮތް ބައިގައި ތާރު އަޅަން ފަށަނީ

އަމީނީ މަގުގައި ތާރު އެޅުމުގެ މަސައްކަތް ކުރަނީ-- ފޮޓޯ/ކޮންސްޓްރަކްޝަން މިނިސްޓްރީ

ޒަމާނީ ފެންވަރަށް ތަރައްގީކުރަން ފަށައި މަސައްކަތް ހުއްޓިފައި އޮތް އަމީނީ މަގުގެ ނުނިމި ހުރި މަސައްކަތްތައް ފަށަން ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ)އިން ތައްޔާރުވަމުން އަންނަކަމަށް ކޮންސްޓްރަކްޝަން މިނިސްޓްރީން މިއަދު ބުނެފިއެވެ.

އަމީނީ މަގުގެ މަސައްކަތް ހުއްޓުނީ ނިމިދިޔަ ރިޔާސީ އިންތިޚާބާ އެއްކޮށެވެ.

ސެގްމަންޓުތަކަކަށް ބަހައިލައިގެން އަމީނީ މަގު ތަރައްގީކުރުމުގެ މަސައްކަތް ކުރަމުން އައިރު މިހާރު ނުނިމި އޮތީ ފަހު ދެ ސެގެމެންޓުކަމަށްވާ، ސެގްމަންޓް 12 އަދި 13ގެ މަސައްކަތެވެ.

އެ މަސައްކަތް އަލުން ފަށަން ތައްޔާރުވަމުން އަންނަކަން ހާމަކޮށް، ކޮންސްޓްރަކްޝަން މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، އަމީނީ މަގު ހެދުމުގެ މަޝްރޫއާ ގުޅޭގޮތުން އެ މިނިސްޓްރީ އާއި އާރްޑީސީގެ އިތުރުން ކަމާ ގުޅުންހުރި ފަރާތްތަކާއެކު މިއަދު ބައްދަލުވުމެއް ބޭއްވިކަމަށެވެ.

އެ މިނިސްޓްރީން ބުނީ އެ ބައްދަލުވުއްމުގައި މަޝްވަރާ ކުރީ ބާރު ދުވެލީގައި މަސައްކލަތް ކޮށް ނިންމައިލުމަށްކަމަށެވެ.

އަދި އެ މަސައްކަތްކުރަން ފެށުމުން މަގު ބޭނުންކުރާ މީހުންނަށް ދިމާވެދާނެ ދަތިތައް ހައްލުކުރުމާއި ގުޅޭގޮތުން ވެސް ބައްދަލުވުމުގައި މަޝްވަރާ ކުރިކަމަށް އެ މިނިސްޓްރީން ބުންޏެވެ.

އެގޮތުން، އަމީނީމަގުގެ ޓްރެފިކް ފްލޯއަށާއި، ބަސް ދަތުރުތައް ކުރުމުގައި ދިމާވާނެ ދަތިތައް ހައްލުކުރުމާ ގުޅޭގޮތުން ވެސް މަޝްވަރާތައް ކުރިއަށް ގެންދެވުނުކަމަށް މިނިސްޓްރީން ބުންޏެވެ.

. އެ މަޝްރޫއުގެ ދަށުން މިހާރު ނިންމައިލެވިފައިވަނީ ސެގްމަންޓު 11އާ ހަމައަށެވެ. އެއީ އިއްޒުންދީން މަގާ ހަމައަށެވެ.

ކުރީ ސަރުކާރުގެ ޕްލޭނިން މިނިސްޓްރީން އަމީނީ މަގުގެ މަސައްކަތް އާރްޑީސީއާ ހަވާލުކުރީ މިދިޔަ އަހަރުގެ ޖުލައި މަހުގެ ތިންވަނަ ދުވަހެވެ. އަމަލީ މަސައްކަތް ފެށުނީ ޖެހިގެން އައި އޯގަސްޓުގައެވެ. މި ޕްރޮޖެކްޓް ހަވާލުކުރީ 84.4 މިލިއަން ރުފިޔާއަށެވެ.

comment ކޮމެންޓް