މޮރިޝަސްއަށް ޗާގޯސް ނުދޭން އަނެއްކާވެސް އިނގިރޭސިވިލާތުން ނިންމަނީ

ޗާގޯސް -- ފޮޓޯ: ގެޓީ

ރާއްޖޭގެ ދެކުނުން އޮންނަ ޗާގޯސްގެ ރަށްތަކުގެ ސިޔާދަތީ ބާރު މޮރިޝަސްއަށް ދިނުމުގެ ވިސްނުން އިނގިރޭސި ވިލާތުގެ ސަރުކާރުން ދޫކޮށްލައިފި ކަމަށް އެގައުމުގެ ނޫހަކުން ރިޕޯޓުކޮށްފިއެވެ.

އިނިގިރޭސި ވިލާތުގެ ނޫހެއް ކަމަށްވާ ޓެލެގްރާފްގައި ރިޕޯޓުކޮށްފައިވާގޮތުން އެގައުމުގެ ޚާރިޖީ އޮފީހުން އޮތީ، މޮރިޝަސްއަށް ޗާގޯސްގެ 60 ރަށެއްގެ ސިޔާދަތީ ބާރު ދިން ނަމަވެސް، އެ ސަރަހައްދުގައި ހަދާފައިވާ އަސްކަރީ މަރުކަޒުގެ ކޮންޓްރޯލް އިނގިރޭސިންނަށް ލިބޭނެ އެއްބަސްވުމެއް އެކުލަވައިލައިފައެވެ.

ނަމަވެސް މިދިޔަ އޮގަސްޓު މަހު އެގައުމުގެ ސެކްރެޓަރީ އޮފް ސްޓޭޓް ފޯ ޑިފެންސްގެ މަގާމަށް އައްޔަންކޮށްފައިވާ ގްރާންޓް ޝަޕްސްވަނީ، ޑެޕިއުޓީ ޕްރައިމް މިނިސްޓަރު އޮލިވާ ޑައުޑެންއާއެކު ފޮރިން ސެކްރެޓަރީ އަރިހަށް ވަޑައިގެން އެފަދަ އެއްބަސްވުމެއް ނުހެދުމަށް ލަފާދީފައި ކަމަށް ދަ ޓެލެގްރާފްގައިވެއެވެ. އަދި އެ ތިން ބޭފުޅުން ވެސް މިހާރު ގަބޫލުކުރައްވަނީ ޗާގޯސްގެ ރަށްތަކުގެ ސިޔާދަތީ ބާރު މޮރިޝަސްއަށް ދިނުން ރަނގަޅު ނޫން ކަމަށް، ކަމަށް އެ ނޫހުގައިވެއެވެ.

އެ ތިން ބޭފުޅުން އެގޮތަށް ގަބޫލުކުރައްވަނީ، އެފަދަ އެއްބަސްވުމެއް ހަދައިފި ނަމަ އިނގިރޭސިވިލާތާއި އެމެރިކާއާ ދެމެދު އޮތް "ޚާއްޞަ ގުޅުމަށް" ބުރޫ އަރައި، މި ސަރަހައްދުގައި އޮތް އެ ގައުމުގެ ދިފާއީ މަސްލަހަތަށް ވެސް ފުށޫ އަރާފާނެތީ ކަމަށް އެ ނޫހުގައިވެއެވެ.

އިނގިރޭސި ޑިފެންސް މިނިސްޓްރީގެ މަސްދަރަކާ ހަވާލާދީ ޓެލެގްރާފްގައިވާ ގޮތުން، ޗާގޯސް މައްސަލައިގައި އެމެރިކާއިން ރުހުން ނުދޭ އެއްބަސްވުމަކަށް އިނގިރޭސިން އަމަލެއް ނުކުރާނެއެވެ.

މޮރިޝަސްއަށް ޗާގޯސް ނުދޭން މީގެ ކުރިން އިނގިރޭސިވިލާތުން ނިންމާފައިވާ ނިންމުން ބަދަލުކޮށް އިނގިރޭސި ސަރުކާރުން މިދިޔަ އަހަރު ފަހުކޮޅު މޮރިޝަސްގެ ސަރުކާރާ އެކު މަޝްވަރާތައް ވެސް ފެށިއެވެ.

އިިނގިރޭސިން ޗާގޯސްގެ ރަށްތަކަށް ވެރިވެގަތީ 1965 ވަނަ އަހަރު މޮރިޝަސް އެ ގައުމުގެ އިސްތިއުމާރުގެ ދަށުގައި އޮތްއިރުއެވެ. އެގޮތުން އެ ރަށްތަކުގެ ތެރެއިން އިނގިރޭސިން ވަނީ ޑިއެގޯ ގާސިއާގައި އެމެރިކާގެ އަސްކަރީ މަރުކަޒެއް ގާއިމުކޮށް ހިންގުމަށް 2036ގެ ނިޔަލަށް ކުއްޔަށް ދީފައެވެ.

ނަމަވެސް 2019ގައި މޮރިޝަސްއިން ޗާގޯސްގެ މައްޗަށް ސިޔާދަތީ ބާރު ހޯދުމަށް އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސްގައި ކުރި ދައުވާ މޮރިޝަސްއާ އެއްކޮޅަށް ނިމި އެ ކޯޓުން ވަނީ ޗާގޯސް މޮރިޝަސްއާ ހަވާލުކުރުމަށް އިނގިރޭސިވިލާތަށް އަންގައިފައެވެ.

ޗާގޯސްގެ ރަށްތައް --- ފޮޓޯ: ޓެލެގްރާފް

އެ ރަށްތަށް އަނބުރާ މޮރިޝަސްއަށް ދިނުމަށް އިނގިރޭސިވިލާތުގެ ކިބައިން އދ.އިން ވެސް ވަނީ ތަކުރާރުކޮށް އެދިފައިވެއެވެ.

ޗާގޯސްގެ ސިޔާދަތީ ބާރު މޮރިޝަސްއަށް ލިބޭ ކަމަށް ބައިނަލްއަގުވާމީ ކޯޓުން ނިންމި ނިންމުމާއެކު، ޗާގޯސް އާއި ރާއްޖެއާ ދެމެދު އޮތް ކަނޑުގެ އިން ވަކިކުރުމަށް އިޓްލޮސްއަށް ހުށަހެޅި މައްސަލާގައި އެ ކޯޓުން ވެސް ވަނީ އެ އިންޓަނޭޝަނަލް ކޯޓު އޮފް ޖަސްޓިސް ނިންމުން ދަމަހައްޓާފައެވެ.

އަދި މޮރިޝަސް އާއި ރާއްޖެއާ ދެމެދު ފުށުއަރާ 95،000 އަކަ ކިލޯމީޓަރުގެ ސަރަހައްދެއް ވަނީ ބައިކޮށްފައެވެ.

އިޓްލޮސްގެ ނިންމުން އިސްތިއުނާފު ކުރުމަކީ މި ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު ވެވަޑައިގެންނެވި އެއް ވައުދެވެ.

comment ކޮމެންޓް