ކާމިޔާބު މެޖިކް ފެސްޓިވަލް ނިންމާލައިފި

މެޖިކް ފެސްޓިވަލްގެ ތެރެއިން --

ރާއްޖޭގައި މުޅިން އަލަށް ބޭއްވި އިންޓަނޭޝަނަލް މެޖިކް ފެސްޓިވަލް ނިންމާލައިފިއެވެ.

މިދިޔަ ހުކުރު ދުވަހު ފެށި އެ ފެސްޓިވަލްގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އަމްޖަދު "ސަން"އަށް ވިދާޅުވީ، އުއްމީދުކުރި ގޮތަށް އެ ޝޯތައް ވަރަށް ކާމިޔާބުކަމާއެކު ކުރިއަށްގެންދެވުނު ކަމަށެވެ. އަދި އާންމުންގެ ފަރާތުން ބޮޑު ތަރުހީބެއް އެ އިވެންޓަށް ލިބިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

އަމްޖަދު ވިދާޅުވީ، މިފަދަ ބައިނަލްއަގުވާމީ ފެސްޓިވަލްއެއް ބޭއްވުމުން ރާއްޖޭގެ ޓުއަރިޒަމް އިންޑަސްޓްރީ އެހެން ގައުމުތަކަށް އިޝްތިހާރު ވާނެ ކަމަށެވެ. އެގޮތުން، ބޭރުގެ ދިހަ ގައުމަކުން މެޖިޝަނުން މި ފެސްޓިވަލްގައި ބައިވެރިވުމަށް ރާއްޖެއަށް އައިސްފައިވާކަން އޭނާ ފާހަގަ ކުރެއްވިއެވެ.

މިއީ، މެޖިކް ފެސްޓިވަލްއަށް ޝައުގުވެރިވާ ކުޑަކުދިންނާއި ބޮޑެތި މީހުންނަށް މިކަހަލަ ޝޯއެއް ބަލާލަން ލިބުނު ރަނގަޅު ފުރުސަތެއް ކަމަށް އަމްޖަދު ވިދާޅުވިއެވެ.

މީގެއިތުރުން، އިތުރަށް ޓިކެޓް ހޯދުމަށް ވެސް މީހުން އެދުނު ކަމަށާއި އެހެންނަމަވެސް ޖާގަ ނެތުމުން ޓިކެޓް ނުދެވުނު ކަމަށް އޭނާ ވިދާޅުވިއެވެ. އެހެންކަމުން، އަންނަ އަހަރު ބޮޑު ޖާގައެއްގައި އެ ޝޯ ކުރިއަށް ގެންދެވޭނެ ކަމަށް އުއްމީދުކުރައްވާ ކަމަށް އޭނާ ވިދާޅުވިއެވެ.

މި ހަރަކާތުން ވަނަވަނައަށް ދިޔަ ފަރާތްތަކަށް ފައިސާގެ އިނާމާއި، ޓްރޮފީ ވަނީ ދީފައެވެ.

ގުޅޭ ޓެގު
comment ކޮމެންޓް