އޭޝިއަން ސާފިން ޗެމްޕިއަންޝިޕުން ދިވެހި ޓީމުތައް ހޯދި ކާމިޔާބީއަށް ރައީސްގެ މަރުޙަބާ

އޭޝިއަން ސާފިން ޗެމްޕިއަންޝިޕުގައި ރާއްޖެ ތަމްސީލުކުރި ޓީމް--- ފޮޓޯ/ މިނިސްޓްރީ އޮފް ސްޕޯޓްސް ފިޓްނެސް އެންޑް ރިކްރިއޭޝަން

އޭޝިއަން ސާފިން ޗެމްޕިއަންޝިޕްގައި ދިވެހި ޤައުމީ ފިރިހެން ޓީމާއި އަންހެން ޓީމުން ހޯދި ފަޚުރުވެރި ކާމިޔާބީއަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މަރުޙަބާއާއި ތަހުނިޔާ ދަންނަވައިފިއެވެ.

ދިވެހި ޤައުމީ ސާފިން ފިރިހެން ޓީމާއި އަންހެން ޓީމުން ހޯދި ފަޚުރުވެރި ކާމިޔާބީއަށް އެ މަނިކުފާނު ތަހުނިޔާ ދަންނަވާފައިވަނީ އެ މަނިކުފާނުގެ ރަސްމީ އެކައުންޓުން އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.

މި އަހަރަކީ އޭޝިއަން ގޭމްސްގައި ސާފިން ހިމެނުނު ފުރަތަމަ އަހަރެވެ. ދިވެހި ޤައުމީ ސާފިން ފިރިހެން ޓީމާއި އަންހެން ޓީމުން މި ކާމިޔާބީ ހޯދާފައިވަނީ އެ މުބާރާތަށް އެތުލީޓުން ނެގުމަށްޓަކައި މިހާރު ކުރިއަށްދާ އޭޝިއަން ސާފިން ޗެމްޕިއަންޝިޕް މުބާރާތުގައި ވާދަކޮށްގެންނެވެ.

މި މުބާރާތް މި އަހަރު ކުރިއަށްދަނީ ކ. ތުލުސްދޫގައެވެ. މުބާރާތުގައި 20 ޤައުމަކުން 113 އެތުލީޓުން ބައިވެރިވެފައިވާއިރު މިއީ އޭޝިއަން ސާފިން ޗެމްޕިއަންޝިޕް ދިވެހިރާއްޖޭގައި ބާއްވާ ދެވަނަ ފަހަރެވެ.

ތުލުސްދޫގައި ކުރިއަށްދާ މުބާރާތުގައި ވާދަކޮށް އޭޝިއަން ގޭމްސް 2026 ގެ އަންހެން އަދި ފިރިހެން ސާފިން ކެޓަގަރީން ރާއްޖެއިން ވަނީ ޖާގަ ކަށަވަރުވެފައެވެ.

މި ޖާގަ ކަށަވަރުކޮށްފައިވަނީ ދެކުނު އޭޝިއާ ސަރަޙައްދުގެ އެއްވަނަ ދަރަޖައިގައި ކަމަށްވާއިރު ރާއްޖޭގެ ފިރިހެން ޓީމުން ވަނީ އޭޝިއާ ބައްރުގެ ހަތަރުވަނަ ހޯދާފައެވެ.

comment ކޮމެންޓް