ހުސްވެފައިވާ ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް ކަމަށް އެމްޑީޕީގެ ފަރާތުން ވާދަ ކުރުމަށް ތިން މެންބަރަކު ޝައުގުވެރިކަން ފާޅުކުރައްވައިފިއެވެ.
އިތުބާރުނެތް ކަމުގެ ވޯޓް މިއަދަށް އެޖެންޑާ ކޮށްފައި ވަނިކޮށް، ޖަވާބުދާރީ ވުމުގެ ފުރުސަތުގެ ތެރެއިން މަޖިލީހުގެ ނައިބު ރައީސް ކަމުން އީވާ އަބްދުﷲ ވަނީ އިސްތިއުފާ ދެއްވައިފައެވެ.
އެއާއެކު މަޖިލީހުގެ ނައިބު ރައީސެއް އިންތިޚާބު ކުރުމަށް މެންބަރުންގެ މެދުގައި ވޯޓްލުން މިރޭ ބާއްވަން ވަނީ ނިންމައިފައެވެ.
މަޖިލީހުގެ މެޖޯރިޓީ އޮތް އެމްޑީޕީގެ މެންބަރުންގެ ތެރެއިން ނައިބު ރައީސް ކަމަށް ޝައުގުވެރިކަން ބައެއް މެންބަރުން އަންނަނީ ފާޅު ކުުރައްވަމުންނެވެ.
އެމްޑީޕީއަށް ނިސްބަތްވާ މަޖިލިސް މެންބަރަކު "ސަން" އަށް ވިދާޅުވިގޮތުގައި މިހާތަނަށް ޝައުގުވެރިކަން ފާޅުކޮށްފައިވަނީ ހޯރަފުށީ ދާއިރާގެ މެންބަރު އަޙްމަދު ސަލީމާއި އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމްގެ އިތުރުން ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރުއެވެ.
ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސައިން ވެސް ޝައުގުވެރިކަން ފާޅު ކުރައްވާ ކަމަށް ވާހަކަ ދެކެވޭ ކަމަށާއި ނަމަވެސް އެކަން ޔަގީން ނުވާ ކަމަށް މެންބަރު ވިދާޅުވިއެވެ.
މަޖިލީހުގެ ނައިބު ރައީސްކަމަށް އެމްޑީޕީއިން ވާދަ ކުރާނެ މެންބަރަކު ކަނޑައެޅުމަށް މިއަދު 11:45 ގައި އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕްގެ ބައްދަލުވުމެއް ބާއްވަން ވަނީ ނިންމައިފައެވެ.