ޕެސްޓު މިނިވަންވި ހުކުމް އިސްތިއުނާފުކޮށްފި

ޕެސްޓް -- ފޮޓޯ/ ސިމްބޮލިކް ރެކޯޑްސް

މަޝްހޫރު ރެޕްލަވަކިޔުންތެރިޔާ އިސްމާއިލް އިފްހާމް މުހައްމަދު (ޕެސްޓު)ގެ މައްޗަށް ދައުލަތުން އުފުލި މަސްތުވާތަކެތި ޓުރެފިކް ކުރުމުގެ ދައުވާތައް ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ކުރި ހުކުމް، ދައުލަތުން ހައިކޯޓުގައި އިސްތިއުނާފުކޮށްފައެވެ.

މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ހިންގި އޮޕަރޭޝަނެއްގައި ޕެސްޓް ހައްޔަރުކޮށްފައިވަނީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ 13 ވަނަ ދުވަހުއެވެ. އެ ދުވަހު ޕެސްޓު ހިމެނޭހެން ހަތަރު މީހަކު ހައްޔަރުކޮށް ދައުވާ އުފުލިއެވެ. އެއީ ޕެސްޓުގެ އިތުރުން،

  • މުހައްމަދު ސުއައިދު، ލ. ގަން -ތުނޑި، އަބަދަށްއުފާ
  • އަހުމަދު ޝަމްއޫން، ލ. ގަން - ތުނޑި، ހަނދުވަރީހިޔާ
  • އަހުމަދު ހުޝާމް، ލ. ގަން - ތުނޑި، ރޯޝަންހިޔާ

އެ މައްސަލައިގައި މިދިޔަ އޮގަސްޓު މަހުގެ 24 ވަނަ ދުވަހު ކްރިމިނަލް ކޯޓުން ކުރި ހުކުމުގައި ވަނީ ޕެސްޓު ހިމެނޭހެން ދެން ދައުވާ ކުރި، ހަތަރު މީހުންގެ މައްޗަށް ވެސް ދައުވާތައް ސާބިތުނުވާ ކަމަށް ހުކުމްކޮށްފައެވެ.

އެ މައްސަލަ ބަލައިގަތުމާ މެދު ހައިކޯޓުން އަދި ގޮތެއް ނިންމައިފައެއް ނުވެއެވެ.

ޕެސްޓް ހައްޔަރުކުރި އިރު އޭނާގެ އަތުން ވެސް މަސްތުވާތަކެތި ފެނުނު ކަމަށް ފުލުހުން ވަނީ ބުނެފައެވެ. ޖީބުގައި އޮތް ވޮލެޓް ތެރެއިން މަސްތުވާތަކެތި އަޅާފައިހުރި ހަތަރު ޕެކެޓް ފެނުނު ނަމަވެސް އެ ތަކެތި ޓްރެފިކިންގެ މިންގަނޑަށް ނާރާ ކަމަށް މައްސަލަ ނިންމަމުން ކްރިމިނަލް ކޯޓުގައި މައްސަލަ ބެއްލެވި ގާޒީ ހުސައިން ފާއިޒް ރަޝާދު ވިދާޅުވިއެވެ.

ދެ ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި ފެނުނު އެ މައްސަލައިގައި އެންމެ ގިނަ އަދަދެއްގެ މަސްތުވާތަކެތި ފެނިފައިވަނީ ޕެސްޓާއި އޭނާގެ އެކުވެރިން އުޅުނު ކަމަށް ބުނާ އެޕާޓްމެންޓުންނެވެ. ނަމަވެސް، އެ ތަކެތިން އޭނާގެ ފިންގާ ޕްރިންޓް ފެނިފައި ނުވާއިރު، ފިންގާ ޕްރިންޓް ފެނިފައިވަނީ އެ ތަނުގައި ހުރި އެންމެ ފޮއްޓަކުން ކަމަށް ދައުލަތުން އޮތީ ބުނެފައެވެ.

އެ ފޮށިން ވެސް ފެނިފައިވަނީ ޕެސްޓްގެ އެންމެ އިނގިއްޔެއްގެ ފިންގާ ޕްރިންޓެވެ. އަދި، އެ ގެ އަކީ ޕެސްޓް ނޫން އެހެން މީހުން ވެސް ދިރިއުޅޭ އަދި ވަދެ ނިކުމެ އުޅޭ ގެއެއް ކަމަށް ދިފާއުން ވަނީ ބުނެފައެވެ. އެހެންކަމުން އެ ފޮށީގައި އެހެން މީހުންގެ ފިންގާ ޕްރިންޓް ހުރިއިރު ފުލުހުން އެއީ ކޮންބައެއްކަން ހޯދަން މަސައްކަތް ކޮށްފައިނުވާ ކަމަށް ވެސް ދިފާއުން ވަނީ ބުނެފައެވެ.

ޓްރެފިކިންގެ މިންގަނޑަށް ދެން ޑުރަގު ފެނިފައިވަނީ އެ ގެއިން ނެރެގެން ބޯޓަކަށް އެރުވި ފަންކާއެއްގެ ތެރެއިންނެވެ. ނަމަވެސް އެ ފަންކާ ފުލުހުން ގޮސް ނަގާފައިވަނީ ބޯޓަށް އެރުވިތާ 24 ގަޑިއިރު ފަހުން ކަން އެނގޭ ކަމަށް ވަނީ ބުނެފައެވެ. އެހެން ކަމުން އެ ފަންކާއަށް އެހެން ބަޔަކަށް އެކްސެސްވުމުގެ ފުރުސަތު އޮތް ކަމަށް ވެސް ގާޒީ ވަނީ ވިދާޅުވެފައެވެ.

އެހެންކަމުން ދައުލަތުން ހުށަހަޅާފަައިވާ ހެއްކާއި، ގަރީނާއިން ޕެސްޓް އާއި އޭނާގެ އެކުވެރިންގެ މައްޗަށް އެ މައްސަލަތައް އެއްވެސް ޝައްކެއް ނެތް މިންވަރަށް ސާބިތުނުވާ ކަމަށް ގާޒީ ވަނީ ނިންމަވައިފައެވެ.

comment ކޮމެންޓް