އަލުން ހަމަލާތައް ފެށިފަހުން ޣައްޒާއަށް ފުރަތަމަ ފަހަރަށް އެހީ ފޯރުކޮށްދީފި

ހަމަލާތައް މެދުކަނޑާލާފައި އޮތް މުއްދަތުގައި އިންސާނީ އެހީ ހިފައިގެން ޣައްޒާއަށް ދިޔަ ޓްރަކްތަކެއް. ފޮޓޯ/ޑަބްލިޔުއެފްވައިއައި

ހަފުތާއެއްހައި ދުވަހުގެ މެދުކެނޑުމަކަށްފަހު، އިސްރާއީލުން ޣައްޒާއަށް ދެމުން އައި ހަމަލާތައް އަލުން ފެށިފަހުން ޣައްޒާއަށް ފުރަތަމަ ފަހަރަށް އެހީގެ ތަކެތި ފޯރުކޮށްދިނުމުގެ ފުރުސަތު ފަހިވެއްޖެއެވެ.

އެގޮތުން ފެނާއި ކާނާއާއި ސިއްހީ ފަރުވާއަށް ބޭނުންވާ ސާމާނުގެ އިތުރުން ބޭސް ހިމެނޭހެން އެހީގެ ސާމާނު ހިފައިގައިން ދިޔަ 50 ޓްރަކް މިހާރު ޣައްޒާއަށް ވަދެފައިވާކަމަށް ފަލަސްތީނު ރެޑް ކްރެސެންޓުން ބުނެއެވެ.

"ފަލަސްތީނުގެ ރެޑް ކްރެސެންޓްގެ ކްރޫންނަށް މިސްރާއި ޣައްޒާ ގުޅޭ ރަފަޙް ބޯޑު ހުރަސްކޮށް މިހާރު ވަނީ އެހީގެ ސާމާނު ލިބިފައި،" ރެޑް ކްރެސެންޓުން އެކްސްގައި އިއްޔެ ކުރި ޕޯސްޓެއްގައި ބުނެފައިވެއެވެ.

އިސްރާއީލުން އަލުން ހަމަލާތައް ދޭން ފެށުމުން ބޮމުގެ ހަމަލާތަކާހެދި ހުކުރު ދުވަހުން ފެށިގެން އެހީގެ ޓްރަކްތަކަށް ޣައްޒާއަށް ވަނުމުގެ ފުރުސަތު ނުލިބި މަޑުކުރަން ޖެހުނެވެ.

އެގޮތުން ހުކުރު ދުވަހުގެ ހަވީރުން ފެށިގެން އެހީގެ އެއްވެސް ޓްރަކެއް އަދި ތެޔޮ ވެސް ޣައްޒާއަށް އެތެރެކުރެވިފައެއް ނުވެއެވެ.

ހަމަލާތައް ބަދަލުކުރުން މެދުކަނޑައިލުމަށް ހެދި އެއްބަސްވުމުގެ މުއްދަތުގެ ތެރޭގައި ކޮންމެ ދުވަހަކު ވެސް ޣައްޒާއަށް 200 އެއްހައި އުޅަނދުގައި އެހީގެ ސާމާނު އެތެރެކޮށްފައިވެއެވެ.

ނަމަވެސް، އެއީ ޣައްޒާގައި ހާލުގައި ޖެހިފައިވާ އެތައް މިލިއަން މީހުންނަށް ބޭނުންވާ މިންވަރަށްވުރެ މަދު އަދަދެއްކަމަށް އެހީ ފޯރުކޮށްދޭ ޖަމާޢަތްތަކުން ބުނެއެވެ.

އަދި އޮކްޓޫބަރު މަހުގެ ހަތްވަނަ ދުވަހު އިސްރާއީލާއި ހަމާސްއާ ދެމެދު ހަނގުރާމަ ފެށުމުގެ ކުރިން ދުވާލަކު 500 ޓްރަކްގެ އެހީ ޣައްޒާއަށް ވަންނަ ކަމަށް އދ. އިން މީގެ ކުރިންވަނީ ބުނެފައެވެ.

ރަފަޙްގެ އިތުރުން އެހެން މަގުތަކުން ވެސް ޣައްޒާއަށް އެހީ ފޯރުކޮށްދިނުމުގެ ގޮތުން ހަނގުރާމައިގެ ކުރިން ރަފަޙް ކައިރީގައި އޮންނަ ކަރެމް އަބޫ ސަލީމް (ކެރެމް ޝަލޮމް) ބޯޑަރު ހުޅުވައިދިނުމަށް އިސްރާއީލުން ކިބައިން އދން އެދެމުން ދިޔަ ނަމަވެސް އިސްރާއީލުން ވަނީ އެކަމަށް ދެކޮޅު ހަދައިފައެވެ.

comment ކޮމެންޓް