ފިލިޕީންސްގެ ދެކުނުގައިވާ މިންދަނާއޯއަށް ބާރުގަދަ ބިންހެލުމެއް އަތުވެއްޖެއެވެ.
ރޭ ޕިލިޕީންސް ގަޑިން 10:30 ހާއިރު އައި އެ ބިންހެލުމާއި ގުޅިގެން އެ ޤައުމުގެ އައްސޭރިފަށުގައިވާ ސަރަޙައްދުތަކަށް ސުނާމީއެއް އަރާފާނެ ކަމުގެ އިންޒާރު ދިން ނަމަވެސް، އެމެރިކާގެ ސުނާމީ އިންޒާރުދޭ މަރުކަޒުން ފަހުން ވަނީ އެ އިންޒާރު އުވާލާފައެވެ.
މިންދަނާއޯއަށް އައިސްފައިވާ ބިންހެލުން ރެކޯޑު ކުރެވިފައި ވަނީ ރިކްޓާ މިންގަނޑުން 7.5ގެ ބާރުމިނުގައެވެ.
ސުނާމީގެ އިންޒާރުދޭ މަރުކަޒުން އިންޒާރު އުވާލި ނަމަވެސް ފިލިޕީންސްގެ ބިންހެލުންތަކާ ބެހޭ އިދާރާ [ފިލިޕީންސް ސީސްމޮލޮޖީ އޭޖެންސީ (ފިވޮލްކްސު) ން ވަނީ މިއަދު ހެނދުނާ ހަމައަށް އިންޒާރު ދަމަހައްޓާފައެވެ.
ޔޫރަޕިޔަން-މެޑިޓެރޭނިޔަން ސީސްމޮލޮޖިކަލް ސެންޓާ (އީ.އެމް.އެސް.ސީ)ން ބުނެފައިގާ ގޮތުގައި 7.5ގެ ބާރުގަދަ ބިންހެލުން އައިސްފައި ވަނީ ބިމުގެ ފަށަލައިން ފެށިގެން 32 ކިލޯމީޓަރު ފުނަށެވެ.
ބިން ހެލުން އައުމާއެކު، ރާޅު އެރުން އެތަކެއް ގަޑިއިރަކަށް ދިގުލައިގެން ދާނެ ކަމަށް ބެލެވޭ ކަމުގައި ވެސް އެ އިދާރާއިން ބުންޏެވެ. ސުނާމީތަކާ ގުޅޭ އިންޒާރުދޭ އެމެރިކާގެ އިދާރާއިން ވެސް ވަނީ ތިން މީޓަރު އުސް ރާޅުތައް ފިލިޕީންސްގެ ސަރަޙައްދުތަކަށް އަރާނެ ކަމުގެ އިންޒާރު ދީފައެވެ. އެ ބިންހެލުމާއި ގުޅިގެން ފިލިޕީންސްގެ އިތުރުން ޖަޕާނުގެ އައްސޭރި ފަށުގައިވާ ސަރަޙައްދުތަކަށްވެސް ތިން މީޓަރު އުސް ރާޅުތައް އަރާނެ ކަމުގެ އިންޒާރު ވަނީ ދީފައެވެ. އޭގެއިތުރުން އިންޑޮނޭޝިއާ، ޕަލާއު އަދި މެލޭޝިއާގެ ބައެއް ސަރަހައްދުތަކަށްވެސް ބިންހެލުމުގެ އަސަރު ކޮށްފާނެކަމަށް އިންޒާރު ދީފައިވެއެވެ.
ބިންހެލުމާއި ގުޅިގެން އެއްވެސް މީހަކަށް ގެއްލުން ލިބިފައިވާ ކަމަކަށް މިހާތަނަށް ރިޕޯޓުކޮށްފައެއްނުވެއެވެ.
މިންދަނާއޯ ރޭ އައިސްފައިވާ ބިންހެލުން އައިސްފައި ވަނީ މީގެ ދެ ހަފްތާ ކުރިންވެސް އެ ސަރަހައްދަށް ބިން ހެލުމެއް އައިސްފައިވަނިކޮށެވެ. އެ ބިންހެލުމުގެ ބާރުމިން ރެކޯޑުކުރެވިފައި ވަނީ ރިކްޓަރ މިންގަޑުން 6.7 ގައެވެ. ބިންހެލުމުގެ ސަބަބުން ނުވަ މީހުން މަރުވެ، ފިލިޕީންސްގެ ޝޮޕިން މޯލެއްގެ ފުރާޅުވެސް ވެއްޓިފައިވެއެވެ.