ނަތީޖާ ހާމަކުރުން ލަސްވެ، ޑިމޮކްރެޓްސްގެ އެތެރޭ އިންތިޚާބު ހޫނުވެއްޖެ

ދަ ޑިމޮކްރެޓްސްގެ އެތެރޭގެ އިންތިޚާބު މިއަދު ބާއްވާފައިވާއިރު ނަތީޖާ ލަސްވާތީ ބައެއް މެންބަރުން ދަނީ ކަންބޮޑުވުން ފާޅުކުރަމުން -- ފޮޓޯ/ ދަ ޑިމޮކްރެޓްސް

"ދަ ޑިމޮކްރެޓްސް"ގެ އެންމެ ފުރަތަމަ އެތެރޭގެ އިންތިޚާބުގެ ނަތީޖާ ލަސްވުމާ ގުޅިގެން އެ ޕާޓީއަށް ނިސްބަތްވާ ބައެއް މެންބަރުން ނުރުހުން ފާޅުކުރަން ފަށައިފިއެވެ.

އެންމެ ފަހުން ރާއްޖޭގައި ރެޖިސްޓްރީ ކޮށްގެން އުފެއްދި ސިޔާސީ ޕާޓީ، ޑިމޮކްރެޓްސްގެ އެތެރޭގެ އިންތިޚާބު ރާއްޖޭގެ ހުރިހާ ރަށެއްގައި ފަށާފައި ވަނީ، މިއަދު ހެނދުނު 10 ޖެހިއިރުއެވެ. އަދި އިންތިޚާބު ކުރިއަށް ގޮސްފައި ވަނީ ހަވީރު ހަތަރަކާ ހަމައަށެވެ.

ނަމަވެސް ވޯޓު ފޮށިތައް ބަންދުކުރިތާ އެތައް އިރެއްވީ ފަހުން ވެސް ވަގުތީ ނަތީޖާ އިއުލާނުކޮށްފައެއް ނުވެއެވެ. އެ ޕާޓީން މިރޭ 9:41ގައި އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ، ވަގުތީ ނަތީޖާ މާދަމާގެ ވަގުތެއްގައި އިއުލާނުކުރާނެ ކަމަށެވެ.

އެއާއެކު އެ ޕާޓީގެ މެންބަރުން ވަނީ ސޯޝަލް މީޑިއާގައި ނުރުހުން ފާޅުކުރަން ފަށައިފައެވެ.

ޑިމޮކްރެޓުންގެ އެތެރޭގެ އިންތިޚާބުގައި ޕާޓީގެ ރައީސާއި ނައިބު ރައީސް ހިމެނޭހެން 35 މަގާމަކަށް މީހުން އިންތިޚާބު ކުރާއިރު އެ ޕާޓީގެ ރައީސްގެ މަގާމަށް ވާދަކުރައްވަނީ އެސްޓީއޯގެ ކުރީގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރު މުހައްމަދު ރަޝާދާއި އެ ޕާޓީގެ އިންޓަރިމް ޗެއާގެ މަގާމުގައި ހުންނެވި ހަސަން ލަތީފެވެ.

އެ ޕާޓީގައި އިސްކޮށް ހަރަކާތްތެރިވާ އެކްޓިވިސްޓެއް ކަމަށްވާ ޝައްމޫން ޖަލީލް (ލޫކަސް) އެކްސްގައި ކުރި ޕޯސްޓެއްގައި ވަނީ، ނަތީޖާ އަވަސްކުރުމަށް ގޮވައިލާފައެވެ.

އެ ޕާޓީގެ ރައީސްކަމަށް ވާދަކުރެއްވި ހަސަން ލަތީފް ވަނީ މީގެ އިރުކޮޅެއް ކުރިން "ވޯޓު ފޮށިތަކުގެ ނަތީޖާ ޝީޓުތަކުން ދައްކަނީ ބޮޑު ތަފާތަކުން މި އިންތިޚާބު ކާމިޔާބު ވެއްޖެކަމަށް" ވިދާޅުވެ އެކްސްގައި ޕޯސްޓެއް ވެސް ކުރައްވާފައެވެ.

"މިއަދު މުޅި ރާއްޖޭގައި އެ ހިންގުނީ މުހިއްމު ސިޔާސީ ހަރަކާތެއް. ދެން އޮތީ ހަގީގީ މަސައްކަތް ފަށައިގަތުން. ހުރިހާ މެންބަރުންނަށް މަރުހަބާ އާއި ޝުކުރު ދަންނަވަން،" ހަސަން ލަތީފް ވިދާޅުވިއެވެ.

ޑިމޮކްރެޓްސްގެ ރައީސްގެ މަގާމަށް ވާދަކުރެއްވި އެސްޓީއޯގެ ކުރީގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރު މުހައްމަދު ރަޝާދު -- ފޮޓޯ/ އެކްސް

ޑިމޮކްރެޓްސްގެ އެހެން މެންބަރެއް އަދި މިދިޔަ ސަރުކާރުގެ ހެލްތު މިނިސްޓްރީގެ ސީނިއާ އެގްޒެކެޓިވް ޑިރެކްޓަރުގެ މަގާމު ފުރުއްވި އަހްމަދު އަންވަރު (ސިމްވާ) އެކްސްގައި ވިދާޅުވީ، ރިޔާސީ އިންތިޚާބު ބޭއްވި ދުވަހުގެރޭ 9:00ގެ ވަގުތީ ނަތީޖާ ލިބުނު ކަމަށެވެ. އެހެންކަމުން ޕާޓީގެ އެތެރޭގެ އިންތިޚާބުގެ ވަގުތީ ނަތީޖާ މިހާ ލަސްވުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށާއި މިރޭ ވަގުތީ ނަތީޖާ އިއުލާން ކުރަންޖެހޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އޭގެ އިތުރުން ވެސް ދަ ޑިމޮކްރެޓްސްގެ ގިނަ އަދަދެއްގެ މެންބަރުން ދަނީ މިރޭ ނަތީޖާ އިއުލާން ކުރަން ހުރަހެއް ނެތް ކަމަށް ބުނަމުންނެވެ.

އެމްޑީޕީއާއެކު އުފެދުނު ޚިޔާލު ތަފަތުވުންތަކަށް ފަހު ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ތާއީދު ކުރައްވާ މަޖިލިސް މެމްބަރުންތަކެއް އިސްވެ އުފެއްދެވި ޑިމޮކްރެޓްސް އުފެއްދުމުގެ ހުއްދަ އިލެކްޝަންސް ކޮމިޝަނުން ދީފައި ވަނީ، މިއަހަރު މެއި މަހުގެ 24 ވަނަ ދުވަހުއެވެ.

comment ކޮމެންޓް