އެގްރިކަލްޗާ މިނިސްޓްރީ ހިންގުން ވަގުތީ ގޮތުން ޣައްސާންއަށް

ޕީޕީއެމްގެ ނައިބު ރައީސް މުޙައްމަދު ޣައްސާން މައުމޫނަށް މިނިސްޓަރުކަމުގެ ފަތްކޮޅު ރައިސް މުއިއްޒު ދެއްވަނީ -- ފޮޓޯ/ ރައީސް އޮފީސް

މި ސަރުކާރުގެ އެގްރިކަލްޗާ އެންޑް އެނިމަލް ވެލްފެއާ މިނިސްޓްރީ ހިންގުމުގެ ޒިންމާ، ރައީސް ޑރ. މުޙައްމަދު މުއިއްޒު ވަގުތީ ގޮތުން ޑިފެންސް މިނިސްޓަރު ޣައްސާން މައުމޫނާ ހަވާލުކުރައްވައިފިއެވެ.

ރައީސް އޮފީހުން މިއަދު ބުނީ، ޣައްސާނާ އެ މިނިސްޓްރީ ހަވާލުކުރެއްވީ މިނިސްޓަރު އާއިޝަތު ރަމީލާ މިދިޔަ މަހުގެ 23ގައި ޗުއްޓީއަކަށް ރާއްޖެއިން ބޭރަށް ވަޑައިގަތުމުން އެކަމަނާ އެނބުރި ވަޑައިގަންނަވަން ދެން ކަމަށެވެ.

ރަމީލާ ވަނީ، ކެންސަރު ބައްޔަށް ފަރުވާ ހޯއްދެވުމަށް ބޭރަށް ވަޑައިގަންނަވާކަން މިދިޔަ ހަފުތާގެ ބުދަ ދުވަހު ސޯޝަލް މީޑިއާ ޕޯސްޓެއް މެދުވެރިކޮށް ހާމަކުރައްވާފައެވެ.

އެ ޕޯސްޓުގައި އޭނާ ވިދާޅުވީ އޭނާއަށް ކެންސަރު ޖެހިފައިވާތީ އެޗްއައިޕީއީސީ ކީމޯ އާއި ރޭޑިއޭޝަންގެ ފަރުވާއަށް ފުރާވަޑައިގަންނަވަނީ ކަމަށެވެ.

ބަލި ހާލަތާ ގުޅޭ އިތުރު ތަފްސީލެއް މިނިސްޓަރު ހާމަ ކުރައްވައިފައެއް ނުވެއެވެ.

ރައީސް މުއިއްޒު، ރަމީލާއަށް އަވަސް ޝިފާއަކަށް އެދިވަޑައިގަންނަވާ ކަމަށާއި އޭނާގެ ހާލަތު ސަރުކާރުން ވަރަށް ގާތުން ބަލަމުންދާ ކަމަށް ވިދާޅުވެފައިވާ ކަމަށް ރައީސް އޮފީހުން ވަނީ މީގެ ކުރިން ބުނެފައެވެ.

ޑރ. ރަމީލާއަކީ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރެވެ. ރަމީލާ ވަނީ ޖެންޑާ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ކަމާއި މޯލްޑިވްސް މެޑިކަލް އެންޑް ޑެންޓަލް ކައުންސިލްގެ ރަޖިސްޓްރާކަން ވެސް ކުރައްވައިފައެވެ.

comment ކޮމެންޓް