ކުރިއަށް އޮތް މާލޭ ސިޓީ ކައުންސިލްގެ މޭޔަރު ކަމުގެ އިންތިޚާބުގައި އެމްޑީޕީއިން ވާދަ ކުރަން އާދަމް އާޒިމް އެކަނި ހުށަހެޅުމުން ޕްރައިމަރީއަކާ ނުލައި އޭނާއަށް ޓިކެޓް ލިބިއްޖެއެވެ.
މާލެ ސިޓީ ކައުންސިލްގައި ހުސްވެފައިވާ މަގާމްތަކަށް ޝައުގުވެރިކަންފާޅު ކުރުމަށް އެމްޑީޕީން ހުޅުވާލި މުއްދަތުގައި ކުރިމަތިލާފައިވަނީ ކޮންމެ ދާއިރާއަކަށްވެސް އެއް ކެންޑިޑޭޓް ކަމަށް އެ ޕާޓީން ބުނެއެވެ.
އެމްޑީޕީން ބުނީ އެހެންކަމުން ޕްރައިމެރީއަކާ ނުލާ އެ މީހުންނަށް ޕާޓީ ޓިކެޓް ހަވާާލުކުރަން ނިންމާފައިވާ ކަމަށެވެ.
ޝައުޤުވެރިކަން ފާޅުކުރި ކެންޑިޑޭޓުންގެ ނަންތައް:
މާލޭގެ މޭޔަރު
އާދަމް ޢާޒިމް – މ. ސީނުކަރަންކާގެ / މާލެ
މެދު ހެންވޭރު ދާއިރާ
އަޙްމަދު ރިޝްވާން ރަޝީދު – ހ. ވޭމައުތު / މާލެ
ހެންވޭރު ދެކުނު ދާއިރާ
ޙައްވާ ނިޙްލާ – ހ. ތަރަބޫޒުގެ / މާލެ
މާފަންނު ދެކުނު ދާއިރާ
އަޙްމަދު ޢިމްރާން – މ. ފަޅުމަތީގެ / މާލެ
މާލޭ މޭޔަރު ކަމަށް އެމްޑީޕީގެ ޓިކެޓް ހޯއްދަވަން މަސައްކަތް ކުރައްވާނެކަން ކުރީގެ ޔޫތު މިނިސްޓަރު އަޙްމަދު މަހުލޫފް ކުރިން އިއުލާން ކުރެއްވިއެވެ. ނަމަވެސް ފަހުން އެކަމަކާ ނޫޅުއްވައެވެ.
މާލޭގެ މޭޔަރުގެ މަގާމު ހުސްވީ ކުރިން އެ މަގާމުގައި ހުންނެވި ރައީސް ޑރ. މުޙައްމަދު މުއިއްޒު ރައީސް ކަމަށް އިންތިޚާބުވެވަޑައިގަތުމާއެކު މި މަހުގެ 17ވަނަ ދުވަހު ރައީސްކަމުގެ ހުވައި ކުރައްވަން މަގާމުން އިސްތިއުފާ ދެއްވުމުންނެވެ. ސިޓީ ކައުންސިލްގެ އިތުރު މަގާމުތައް ހުސްވީ ސަރުކާރުގެ އިސް ވަޒީފާތަކާ ގުޅުމަށް ބައެއް ކައުންސިލަރުން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.
މާލެ މޭޔަރުކަމުގެ މަގާމަށް ކުރިމަތި ލައްވާނެކަން މިހާތަނަށް އިއުލާނުކުރައްވައިފައިވާ ބޭފުޅުންގެ ތެރޭގައި މާލޭ ސިޓީގެ ކައުންސިލް މެމްބަރު ސައިފް ފާތިހާއި، ކުރީގެ ބަންޑާރަ ނައިބު އައިޝަތު އާޒިމާ ޝުކޫރުގެ އިތުރުން ކުރީގެ ކޮމިޝަނާ އޮފް ޕޮލިސް ހުސެއިން ވަހީދު ހިމެނެއެވެ.