ވެެރިރަށް މާލޭގެ މޭޔަރުކަމަށް އެމްޑީޕީ ޕްރައިމަރީގައި ވާދަކުރަނީ، މާލެ ހިތްފަސޭހަ ތަނަކަށް ބަދަލުކުރުމުގެ ޕްލޭނަކާއެކުކަމަށް އެމްޓީސީސީގެ ކުރީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.
އޭނާ މި ފަދައިން ވިދާޅުވީ، މޭޔަރުކަމަށް އެމްޑީޕީ ޕްރައިމަރީގައި ވާދަކުރަން ފޯމު ހުށަހެޅުއްވުމަށްފަހު ނޫސްވެރިންނާ ވާހަކަދައްކަވަމުންނެވެ.
އާޒިމް ވިދާޅުވީ، އެމްޑީޕީން މަސައްކަތް ކުރާނީ މިިހާރު އޮތް ހާލަތުން އެހެން ހާލަތަކަށް މާލެ ގެންދިއުމަށް ޓަކައި ކަމަށެވެ. އަދި އޭނާއާ ހަވާލުކުރެވުނު ހުރިހާ މަސައްކަތެއް ވެސް ކޮށްފައި ހުންނާނީ ހާލަތު ބަދަލުކުރުމުގެ ވިސްނުން ގެންްގުޅުއްވައިގެންކަމަށް އާޒިމް ވިދާޅުވިއެވެ.
އެގޮތުން މޭޔަރުކަމަށް ކުރިމަތިލައްވަން ނިންމަވައި އެކަމަށް މަސައްކަތް ފެށުމަކީ އެކަމުގެ ފިޔަވަޅެއްކަމަށް ވެސް އާޒިމް ވިދާޅުވިއެވެ.
އޭނާ ވިދާޅޫވީ، މާލޭގެ މޭޔަރުކަން އޭނާއަށް ކުރަން ލިބޭނީ ދެ އަހަރާ ކުޑަ ދުވަސް ކޮޅަކަށް ކަމަށެވެ. ނަމަވެސް، އެ ދުވަސްތަކުގެ ތެރޭގައި ވެސް ހާލަތު އެނގިގެން މަސައްކަތްކޮށްފިނަމަ ތަފާތު ދެއްކޭނެ ކަމަށް އާޒިމް ވިދާޅުވިއެވެ.
މީގެ އިތުރުން، އޭނާ ވިދާޅުވީ ރައްޔިތުންނަށް އޮޅުވައިލައިގެން އޭނާ މޭޔަރުކަމާ ހަވާލުނުވާނެ ކަމަށެވެ. އެގޮތުން ދެ އަހަރާއި ބައިގެ މުއްދަތުގައި ކުރެވޭނެ ކަންކަން ހުންނާނެކަމަށާއި ރައްޔިތުންނަށް އެ ކަންކަން ސާފުކޮށްދޭނެކަމަށް އާޒިމް ވިދާޅުވިއެވެ.
"މިސާލަކަށް 10ބުރީގެ އިމާރާތެއް އަޅަންޏާ އެބަ ނަގާ 18 މަސް. އަޅުގަނޑު މިހާރު ބުނަންވީ އެއް ހަފުތާ ތެރޭގައި އިމާރާތް ނިންމާނަމޭ. އެއި ދޮގެއް. އެގޮތަށް ދޮގު ހަދައިގެން ބަޔަކު ވެރިކަމަށް އައިސްގެން އެބަ އުޅޭ. އެކަމަކު އަޅުގަނޑުމެން ހަގީގަތަށް ބުނާނީ، 10 ބުރީގެ އިމާރާތް އަޅަން ނަގާނެއޭ 18 ވަރަކަށް މަސްދުވަސް،" އާޒިމް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، މާލޭ މޭޔަރުގެ މަގާމަށް ހޮވިވަޑައިގެންފިނަމަ ރައްޔިތުންގެ އަޑު އައްސަވާނެ ކަމަށެވެ. އަދި މަސައްކަތް ކުރައްވާނީ ގުޅިގެން ކަމަށާއި ރައްޔިތުންނާ ގަވާއިދުން ބައްދަލުކުރައްވާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
މާލޭގެ މޭޔަރުގެ މަގާމު ހުސްވީ ކުރިން އެ މަގާމުގައި ހުންނެވި ރައީސް ޑރ. މުޙައްމަދު މުއިއްޒު ރައީސް ކަމަށް އިންތިޚާބުވެވަޑައިގަތުމާއެކު މި މަހުގެ 17ވަނަ ދުވަހު ރައީސްކަމުގެ ހުވައި ކުރައްވަން މަގާމުން އިސްތިއުފާ ދެއްވުމުންނެވެ.
މާލެ މޭޔަރުކަމުގެ މަގާމަށް ކުރިމަތި ލައްވާނެކަން މިހާތަނަށް އިއުލާނުކުރައްވައިފައިވާ ބޭފުޅުންގެ ތެރޭގައި ކުރީގެ ޔޫތު މިނިސްޓަރު އަހްމަދު މަހުލޫޕާއި މާލޭ ސިޓީގެ ކައުންސިލް މެމްބަރު ސައިފް ފާތިހާއި، ކުރީގެ ބަންޑާރަ ނައިބު އައިޝަތު އާޒިމާ ޝުކޫރުގެ އިތުރުން ކުރީގެ ކޮމިޝަނާ އޮފް ޕޮލިސް ހުސެއިން ވަހީދު ހިމެނެއެވެ.