ފަސް މިލިއަން ގަސް އިންދުމަށް ޕާކިސްތާނުން ރާއްޖެއަށް އެހީތެރިވެ ދެނީ

ރައީސް މުއިއްޒު ޕާކިސްތާނުގެ ބޮޑު ވަޒީރާ ބައްދަލުކުރެއްވުން-- ފޮޓޯ/ރައީސް އޮފީސް

ރާއްޖޭގައި ފަސް މިލިއަން ގަސް އިންދުމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު ވެވަޑައިގެންފައިވާ ވައުދު ފުއްދުމަށް އެހީތެރިވެ ދިނުމަށް ޕާކިސްތާނުން ނިންމައިފިއެވެ.

ރައީސް މުއިއްޒު, މިއަދު ވަނީ ޕާކިސްތާނުގެ ބޮޑުވަޒީރު އަންވާރުލް ހައްގު ކާކަރުއާ ބައްދަލު ކުރައްވައިފައެވެ.

ރައީސް، ޕާކިސްތާނުގެ ބޮޑުވަޒީރާ ބައްދަލުކުރެއްވީ، ޔޫއޭއީގައި މިހާރު ކުރިއަށް ދާ ކޮޕް28 ސަމިޓުގެ ހަވާސާގައި ގައުމުތަކުގެ ވެރިންނާއެކު ކުރިއަށް ގެންދަވާ ބައްދަލުކުރެއްވުންތަކުގެ ތެރެއިންނެވެ.

މި ބައްދަލުވުމުގައި ޕާކިސްތާނުގެ ބޮޑުވަޒީރު ވަނީ ރާއްޖޭގެ ރައީސްކަމުގެ މަގާމާ ހަވާލުވެވަޑައިގަތުމުން ރައީސް މުއިއްޒަށް މަރުހަބާ ވިދާޅުވެ، ރާއްޖެ އާއި ޕާކިސްތާނާ ދެމެދުގައި އޮތް ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭގޮތުން މަޝްވަރާ ކުރައްވައިފައެވެ.

މީގެއިތުރުން، ދެ ލީޑަރުން ވެސް ވަނީ ދެފަރާތުގެ މަސްލަހަތާއި ހިއްސާކުރާ އަގުތަކާއި އެއްބާރުލުން ދިނުމަށް ބޭނުންވާ ދާއިރާތަކާ ގުޅޭގޮތުން މަޝްވާރާ ކުރައްވައިފައެވެ.

ކޮޕް28 ސަމިޓުގެ ހަވާސާގައި ގައުމުތަކުގެ ވެރިންނާއެކު ކުރިއަށް ގެންދަވާ ބައްދަލުކުރެއްވުންތަކުގެ ތެރެއިން ރައީސް އިއްޔެ ވަނީ އިންޑިޔާގެ ބޮޑުވަޒީރު މޯދީއާ ވެސް ބައްދަލުކުރައްވައިފައެވެ. އަދި، ދެ ގައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭގޮތުން މަޝްވަރާ ކުރެއްވިއެވެ. ގިނަ ދާއިރާތަކުން ގުޅުން އިތުރަށް ބަދަހިކުރުމަށް ޓަކައި ކޯ ގްރޫޕެއް އުފައްދަން އެ ބައްދަލުވުމުގައި ނިންމެވިއެވެ.

ކޮޕް28ގެ ބައްދަލުވުމުގެ ތެރެއިން އެހެން ގައުމުތަކުގެ އިސްވެރިންނާ ވެސް ރައީސް ގެންދަވަނީ ބައްދަލު ކުރައްވަމުންނެވެ.

comment ކޮމެންޓް