1.8 މިލިއަން ފަލަސްތީނު މީހުންގެ ގެދޮރު ވަނީ ގެއްލިފައި: އދ

އިސްރާއީލުގެ ހަމަލާތަކުން ސުންނާފަތިކޮށްލާފައިވާ ޣައްޒާގެ މީހުން ދިރިއުޅުނު ސަރަޙައްދެއް --- ފޮޓޯ/ދަ ޓެލެގްރާފް

ޔަހޫދީ އިސްރާއީލުން ހިސާރުކޮށްފައިވާ ފަލަސްތީނުގައި ޣައްޒާގައި ގެދޮރު ގެއްލިފައިވާ 1.8 މިލިއަން މީހުން އެބަތިބި ކަމަށް އދ ގެ އޮފީސް ފޯ ދަ ކޯޑިނޭޝަން އޮފް ހިއުމަނިޓޭރިއަން އެފެއާޒް (އޯސީއެޗްއޭ)އިން ބުނެފިއެވެ. މިއީ ޣައްޒާގެ އާބާދީގެ ގާތްގަނޑަކަށް 80 އިންސައްތައެވެ.

އޯސީއެޗްއޭގެ ތަފާސްހިސާބުތަކަށް ބަލާއިރު އދ ގެ ފަލަސްތީނު ރެފިއުޖީ އޭޖެންސީ (ޔޫއެންއާރުޑަބްލިއުއޭ)ގެ 156 މުއައްސަސާއެއްގައި ގާތްގަނޑަކަށް 1.1 މިލިއަން މީހުން ގެދޮރު ގެއްލިފައިވާ މީހުން ރަޖިސްޓްރީކޮށްފައިވާއިރު، އޭގެ ތެރެއިން 946،000 މީހުން ނުވަތަ ގާތްގަނޑަކަށް 86 އިންސައްތަ މީހުން އެ އިދާރާގެ 99 ހިޔާގައި ދިރިއުޅެއެވެ. ފަލަސްތީނުގެ ގެދޮރު ގެއްލިފައިވާ އިތުރު 191،000 މީހުން 124 ޕަބްލިކް ސްކޫލާއި ހޮސްޕިޓަލްތަކާއި ވެޑިން ހޯލްތަކާއި އޮފީސްތަކާއި އިޖުތިމާއީ މަރުކަޒުތަކުގައި ތިބިއިރު، ބާކީ ތިބި މީހުން ދިރިއުޅެމުންދަނީ އެ މީހުންގެ އާއިލާ މީހުން ކައިރީގައެވެ.

ބައެއް މީހުން އެ މީހުންގެ އާއިލާތަކާ އެކު ދިރިއުޅޭއިރު، އަނެއް ބަޔަކު އެ މީހުންގެ އަމިއްލަ ގެއަށް އެނބުރި ގޮސްފައިވާ ކަމަށާއި މިއާ އެކު ޣައްޒާއިން ގެދޮރު ގެއްލިފައިވާ މީހުންގެ ސައްހަ އަދަދު ލިބިފައިނުވާ ކަމަށް ވެސް އޯސީއެޗްއޭ ބުނެއެވެ.

ނަމަވެސް އެ މީހުން މިހާރު އަންނަނީ ޔޫއެންއާރްޑަބްލިޔުއޭގައި ރަޖިސްޓާ ވަމުން ކަމަށް އޯސީއެޗްއޭއިން ބުނެއެވެ.

ބޮމުގެ ހަމަލާތަކަށްވުރެ ޣައްޒާގެ ސިއްހީ ނިޒާމު ހަލާކުވެ، ދިރިއުޅުމުގެ ހާލަތު ދަށްވުމުގެ ސަބަބުން ބަލިތައް ފެތުރި، ބަލިތަކުގެ ސަބަބުން މަރުވާ މީހުން އިތުރުވެދާނެ ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިޔުއެޗްއޯ)ގެ ޑިރެކްޓަރު ޖެނެރަލް ޓެޑްރޯސް އަދަނޮމް މިދިޔަ ހަފުތާގައި ވަނީ ވިދާޅުވެފައެވެ.

ޓެޑްރޯސް އިތުރަށް ވިދާޅުވި ގޮތުގައި ޣައްޒާގައި ނޭވާލާ ނިޒާމަށްޖެހޭ ބަލިތަކުގެ 111،000 ކޭސް، ބޭރަށްހިންގުގެ 75،000 ކޭސް، ހަމުގެ މައްސަލައިގެ 24،000 ކޭސް، އަދި ހަންގަޑަށް ޖެހޭ އިތުރު ބައްޔެއްގެ 12،000 ކޭސް ރިކޯޑްކޮށްފައިވެއެވެ.

comment ކޮމެންޓް