މާބޮޑު ކާމިޔާބީއެއް ނުލިބުނު، އަކްޝޭގެ ފިލްމު ނެޓްފްލިކްސްއަށް

ފިލްމު "މިޝަން ރާނީގަންޖް"ގެ ޕޯސްޓަރެއް

ބޮކްސް އޮފީހުގައި މާބޮޑު ކުރިއެރުމެއް ނުލިބުނު އަކްޝޭ ކުމާރުގެ ފިލްމު "މިޝަން ރާނީގަންޖް" ނެޓްފްލިކްސްގައި ޕްރިމިއާ ކޮށްފިއެވެ.

މި އަހަރުގެ އޮކްޓޯބަރު މަހު ސިނަމާ ތަކުގައި އެޅުވި މި ފިލްމަކީ، ޕްރޮޑިއުސަރު ވަޝޫ ބަގްނާނީއާއި ދަރިފުޅު ޖެކީ ބަގްނާނީ ގުޅިގެން ގެނެސްދިން ފިލްމެކެވެ.

އަކްޝޭ ކުމާރުގެ އިތުރުން ބަތަލާ ޕަރިނީތީ ޗޯޕްރާ އަދި ބޮޑު ކާސްޓެއް ފެނިގެންދާ މި ފިލްމަކީ، 1989ވަނަ އަހަރު އިންޑިއާގެ މައިނެއްގެ ތެރޭ ތާށިވި ބަޔަކު ސަލާމަތް ކުރުމަށް ހިންގި ޙާދިސާއަށް ބިނާކޮށް އުފައްދާފައިވާ ފިލްމެކެވެ. މި ފިލްމު އުފައްދަން ޖުމްލަ 55 ކްރޯޑް ރުޕީސް ޚަރަދުކުރި ނަމަވެސް ބޮކްސް އޮފީހުގައި ފިލްމަށް ލިބުނީ އެންމެ 45 ކްރޯޑް ރުޕީސްއެވެ.

ފިލްމަށް ބެލުންތެރިންގެ ތަޢުރީފު ލިބުނު ނަމަވެސް ސިނަމާއަށް ފިލްމު ބަލަން ދިޔަ މީހުންގެ އަދަދު ވަރަށް ވެސް މަދެވެ. ބޮކްސް އޮފީހުގައި ފިލްމަށް މާބޮޑު ކުރިއެރުމެއް ނުލިބުނު އެންމެ ބޮޑު އެއް ސަބަބަކީ ފިލްމުގައި ގެނެސްދިން ހާދިސާއާ ބެހޭ މަޢުލޫމާތު އާއްމުންނަށް މާބޮޑަށް ނޭނގުމުން ކަމަށް ލީޑް އެކްޓަރު އަކްޝޭ ކުމާރު ވަނީ ބުނެފައެވެ.

އަކްޝޭ މި ފިލްމުގައި ކުޅެފައި ވަނީ މައިންގެ ޙާދިސާގައި ތާށިވި މީހުން ސަލާމަތް ކުރަން ހަރަކާތްތެރިވި ޖަސްވަންތު ސިންގް ގިލްގެ ރޯލެވެ.

ފިލްމު 'މިޝަން ރާނީގަންޖް"ގެ މަންޒަރެއްގައި އަކްޝޭ ކުމާރު ބަތަލާ ޕަރިނީތީ އާއެކު
މި އަހަރު ރިލީޒްވި އަކްޝޭގެ ފިލްމުތަކުގެ ތެރެއިން މި ދިޔަ އޮގަސްޓް މަހު ރިލީޒްވި "އޯމައިގޯޑް"އަށް ބޮކްސް އޮފީހުގެ 100 ކްރޯޑް ކްލަބުން ޖާގަ ލިބުނު އިރު މި އަހަރު ރިލީޒްވި ފިލްމު "ސެލްފީ"އަށް ކުރިމަތިލާން ޖެހުނީ ނާކާމިޔާބީ އާއެވެ.

އަކްޝޭގެ ހަ ފިލްމެއް އަންނަ އަހަރު ރިލީޒްކުރުމަށް ތައްޔާރު ވަމުން އަންނައިރު މި ފިލްމުތަކުގެ ތެރެއިން ފިލްމު "ބަޅޭ މިޔާން ޗޯޓޭ މިޔާން"އަކީ އެކްޓަރުގެ ސަޕޯޓަރުން އެންމެ ބޮޑަށް އިންތިޒާރު ކުރަމުން އަންނަ އެއް ފިލްމެވެ.

comment ކޮމެންޓް