ބަހުގެ އެކެޑެމީން ބޭއްވި ގައުމީ ތިން މުބާރާތް އިންސާފުކުރާނެ ފަނޑިޔާރުން ހޯދަނީ

ބަހުގެ އެކެޑެމީން ބޭއްވި ގައުމީ ތިން މުބާރާތުގެ ތެރެއިން -- ފޮޓޯ/ އިންފިނިޓް މޮމެންޓްސް (މުހައްމަދު ޝާތިއު)

ދިވެހި ބަހުގެ އެކެޑަމީން ބޭއްވި ތިން ގައުމީ މުބާރާތެއްގެ ބައިވެރިން ހުށަހަޅައިފައިވާ ހުށަހެޅުންތައް އިންސާފުކޮށްދޭނެ ފަނޑިޔާރުން ހޯދަން އެ އެކެޑަމީން އިއުލާނު ކޮށްފިއެވެ.

މިދިޔަ ހުކުރު ދުވަހާއި ހޮނިހިރު ދުވަހު އެ އެކަޑަމީން ކުރިއަށް ގެންދިޔަ މުބާރާތްތަކަކީ އަލްއުސްތާޛު މުޙައްމަދު ޖަމީލު ދީދީގެ ހަނދާނީ ވާދައިގެ ތައްޓަށް ބާއްވާ މަޒުމޫނު ލިޔުމުގެ 38ވަނަ ގައުމީ މުބާރާތާއި އައްޝައިޚް މަލިމް މޫސާ މާފަތްކަލޭފާނުގެ ހަނދާނީ ވާދައިގެން ތައްޓަށް ބާއްވާ ކުރު ވާހަކަ ލިޔުމުގެ 35ވަނަ ގައުމީ މުބާރާތުގެ އިތުރުން ހުތްއަލިދީދީގެ ވާދައިގެ ތައްޓަށް ބާއްވާ ޅެން ހެދުމުގެ 26ވަނަ ގައުމީ މުބާރާތެވެ.

އެކަޑަމީން އެދިފައިވަނީ ފަނޑިޔާރުކަން ކޮށްދިނުމަށް ޝައުގުވެރިވާ މީހުން ގޫގްލް ފޯމެއް މެދުވެރިކޮށް އެކެޑަމީއަށް އެކަން ލިޔުމުން ހުށަހެޅުއްވުމަށެވެ.

އެކަމަށް އެދި، ފޯމު ހުށަހަޅާއިރު އެ މީހަކީ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއާއި، ވަނަވަރާއި ސެޓްފިކެޓުތަކުގެ ކޮޕީ ވެސް ހުށަހަޅަން އެކަޑަމީން ވަނީ އެދިފައެވެ.

ފޯމު ހުށަހެޅުމުގެ ސުންގަޑިއަކީ އަންނަ ބުދަ ދުވަހުގެ މެންދުރުފަހު 13:00ގެ ކުރިއެވެ. މުބާރާތްތަކަށް އިންސާފުކުރުމުގެ މަސައްކަތް ފެށޭނީ އަންނަ މަހުގެ ތެރޭގައެވެ.

މި މުބާރާތުގައި ރާއްޖޭގެ ހުރިހައި އަތޮޅަކުން ބައިވެރިވެފައިވެއެވެ. އެގޮތުން އަތޮޅުތަކުން މި މުބާރާތުގައި 117 ސުކޫލަކުން ވާދަކުރެއެވެ. އަދި މާލޭ ސަރަހައްދުން 20 ސްކޫލަކުން ބައިވެރިވެފައިވެއެވެ.

ހަމައެއާއެކު އޮފީސްތަކާއި އަމިއްލަ ގޮތުން ވެސް ބައިވެރިން ބައިވެރިވިއެވެ.

comment ކޮމެންޓް