ޓްރީޓޮޕް ހޮސްޕިޓަލުން އެމްއާރުއައި ޚިދުމަތް ފޯރުކޮށްދިނުމގައި މިހާރަށްވުރެ ފަސޭހަކޮށްދިނުމުގެ ގޮތުން އެންމެ ފަހުގެ އަޑުމަޑު އައު އެމްއާރުއައި މެޝިނަކުން ޚިދުމަތް ދޭން ފަށައިފިއެވެ.
މި ކަމާ ގުޅިގެން ޓްރީޓޮޕް ހޮސްޕިޓަލުން ބުނީ އާ މެޝިނަކީ އެންމެ ފަހުގެ ޓެކްނޮލޮޖީ ހިމެނޭ މެޝިނެއްކަމަށެވެ. އެހެންކަމުން ސްކޭން ކުރަން އޮންނަ އިރު ހިތްހަމަޖެހޭ އަޑުތައް އަހާލައި، ރީތި މަންޒަރުތައް ވެސް ބަލައިލެވޭނެ ކަމަށް ހޮސްޕިޓަލުން ބުންޏެވެ.
އެގޮތުން ހޮސްޕިޓަލުގެ ސީއީއޯ އާދިލް މޫސާ ވިދާޅުވީ، މެޝިނުގެ އެންމެ ބޮޑު މަގްސަދަކީ ބަލި މީހުންނަށް ހިތްހަމަޖެހޭ ޚިދުމަތެއް ފޯރުކޮށްދިނުން ކަމަށެވެ.
އަދި އުންމީދަކީ އާ މެޝިނާއެކު އެމްއާރުއައި ހެދުމަށް ކިޔުގައި ތިބެންޖެހޭ ވަގުތު މަދުވުން ކަމަށް ވެސް އާދިލް ވިދާޅުވިއެވެ.
![](http://s3-ap-southeast-1.amazonaws.com/sun.assets/uploads/l_170135537032e9vo.jpg)
ޒަމާނީ ޓެކްނޮލޮޖީ ހިމެނޭ އާ އެމްއާރްއައި މެޝިން--- ފޮޓޯ: ޓްރީޓޮޕް ހޮސްޕިޓަލް
އާދިލް އިތުރަށް ފާހަގަކުރެއްވި ގޮތުގައި އާ އެމްއާރުއައި މެޝިނުގެ ފޮޓޯ ކޮލެޓީ ރަނގަޅުވުމުން ބަލިމީހާގެ ޙާލަތާއި އާއި ޑޮކްޓަރުން ކުރައްވާ ޑައިގްނޯސްގެ ސައްހަކަން އިތުރަށް ކަށަވަރުވާނެކަމަށެވެ.
އެމްއާރުއައި މެޝިނުގެ ސަބަބުން ލިބޭ ޚިދުމަތްތަކުގެ ތެރޭގައި:
- އެމްއާރުއައި ކާޑިއެކް
- އެމްއާރްއައި ޓްރެކްޓޯގްރަފީ
- އެމްއާރްއައި ފަންކްޝަނަލް
- އެމްއާރްއައި ޕެރިފެރަލް އެންޖިއޯގްރާމް
- އެމްއާރްއައި ލިވާ އަޔަން ކޮންޓިފިކޭޝަން
- އެމްއާރްއައި ފީޓަލް
- އެމްއާރްއައި ޑީފެކޯގްރާމް
- އެމްއާރްއައި އޯޓޯގްރާމް
- އެމްއާރްއައި ކާޓިލޭޖް މެޕިން
- އެމްއާރްއައި ހޯލްބޮޑީ
ހަމައެއާއެކު ވޯލް ޕްރޮޖެކްޝަންތަކާއި ރީތި އެންބިއަންޓް ތީމްތައް ހުންނަ ބަލިމީހުންނަށް އަޑާއި ހިތްގައިމު މަންޒަރުތައް ބޭނުންކޮށްގެން ފަރުވާ ދިނުމަކީ ކްލަސްޓްރޯފޯބިއާ މަދުކުރުމަށް އެހީތެރިވެދޭނެ ކަމެއް ކަމަށް އެ ހޮސްޕިޓަލުން ވަނީ ބުނެފައެވެ.