ޔަހޫދީ އިސްރާއީލުން ޣައްޒާއަށް ދިން ހަމަލާތަކުގައި ޒަޚަމްވެފައިވާ 1000 ކުޑަކުދިންނަށް ފަރުވާ ދިނުމަށް މިސްރުގެ ސިއްހަތާއި އާބާދީއާ ބެހޭ ވުޒާރާއިން ނިންމައިފިއެވެ.
މިސްރުގެ ސިއްހީ ވުޒާރާއިން ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުން މި ފިޔަވަޅަކީ މިސްރުގެ ސަރުކާރާއި މަދަނީ ޖަމިއްޔާތަކާއި އަމިއްލަ ފަރާތްތަކުގެ އެއްބާރުލުމާއި އެއްބައިވަންތަކަން ދައްކުވައިދޭ ފިޔަވަޅެކެވެ.
މި އިސްނެގުމުގެ މަގުސަދަކީ ޣައްޒާގައި އަނިޔާވި މީހުންނަށް ހާއްސަކޮށް ކުޑަކުދިންނަށް ފަރުވާ ދިނުމަށް އެހީތެރިވުން ކަމަށް ސިއްހީ ވުޒާރާގެ ތަރުޖަމާނު ހުސާމް އަބްދުލްޣައްފާރު ވިދާޅުވިއެވެ.
މިސްރުން މިހާރު ވެސް ވަނީ ޣައްޒާއިން ޒަޚަމްވި ފަލަސްތީނުގެ 575 މީހުންނަށް ފަރުވާއަށް ދީފައެވެ. އޭގެ ތެރޭގައި ގިނައީ ކުޑަކުދިންނާއި އަންހެނުންނެވެ.
ޣައްޒާ ސިޓީގެ އަލް ޝިފާ ހޮސްޕިޓަލަށް އިސްރާއީލުން ބޮން އެޅުމުގެ ސަބަބުން، އެ ހޮސްޕިޓަލްގައި ފަރުވާދެމުންދިޔަ ދުވަސްނުފުރާ ވިހާފައިޗާ 28 ތުއްތު ކުއްޖަކަށް ވެސް މިސްރުން އަންނަނީ ފަރުވާ ދެމުންނެވެ.
ޒަޚަމްވެފައިވާ މީހުން އުފުލުމަށް އެހީތެރިވުމުގެ ގޮތުން މިސްރުގެ ސިއްހީ ވުޒާރާއިން ވަނީ ޣައްޒާއާއި މިސްރު ގުޅޭ ރަފަޙް ބޯޑަރު ކައިރީ ހުރިހާ ވަސީލަތްތަކަކާ އެކު 150 އެމްބިއުލާންސް ވެސް ބާއްވާފައި ކަމަށް އެ ވުޒާރާގެ ތަރުޖަމާނު ވިދާޅުވިއެވެ.
ތެޔޮ ލިބުން ދަތިވުމުގެ ސަބަބުން ޣައްޒާގެ 35 ހޮސްޕިޓަލުގެ ތެރެއިން 26 ހޮސްޕިޓަލެއް މި ވަގުތު ޚިދުމަތް ނުދެވި ހުއްޓިފައި އޮތުމުން އިސްރާއީލުގެ އަނިޔާވެރިކަމުގައި ޒަޚަމްވި ފަލަސްތީނުގެ 50،000 އެއްހާ މީހުންނަށް ލިބޭ ތަކުލީފު އިތުރު ވެފައިވާ ކަމަށް ފަލަސްތީނުގެ ސިއްހީ ވުޒާރާއިން ހާމަކުރެއެވެ.
ޔަހޫދީ އިސްރާއީލުން ފަލަސްތީނުގެ ޣައްޒާއަށް އަމާޒުކޮށްދިން ހަމަލާތަކުގައި 15000 އެއްހާ މީހުން ޝަހީދުކޮށްލާފައިވާއިރު، އެތައް ބަޔަކު ވަނީ ޒަޚަމްވެފައެވެ. އިސްރާއީލާއި ފަލަސްތީނުގެ މިނިވަން ކަމަށް މަސައްކަތްކުރާ ހަމާސް ޖަމާއަތާއި ދެމެދު ހިނގަމުންދާ ހަނގުރާމައިގައި މިދިޔަ ހުކުރު ދުވަހުން ފެށިގެން ވަނީ ހަމަލާތައް މެދުކަނޑައިލާފައެވެ.