'ދަ އާޗީސް'އިން ސުހާނާގެ ލަވަކިޔުމުގެ ހުނަރު ވެސް ފެންނާނެ

ސުހާނާ ޚާން

ބޮލީވުޑްގެ އެކްޓަރު ޝާހްރުކް ޚާންގެ ދަރިފުޅު ސުހާނާ ޚާން ބޮލީވުޑަށް ތަޢާރަފުވާ ފުރަތަމަ ފިލްމުން ސުހާނާ ބެލުންތެރިންނާ ބައްދަލު ކުރާނީ ހަމައެކަނި ފިލްމީ ތަރިއެއްގެ ގޮތުގައެއް ނޫނެވެ. ފިލްމު ކުޅުމުގެ ހުނަރުގެ އިތުރުން މިއުޒިކީ ދާއިރާގައި ވެސް މަސައްކަތް ކުރަން ޝައުގު ހުންނަ ސުހާނާ "ދަ އާޗީޒް"އިން ބެލުންތެރިންނާ ބައްދަލުކުރާނީ ލަވަކިޔުންތެރިއެއްގެ ވެސް ގޮތުގައެވެ.

ސުހާނާ އަކީ އެމެރިކާގެ ނިއުޔޯކްގައި އެކްޓިންގް ދާއިރާއިން ތަޢުލީމު ހާސިލުކުރަމުން ދިޔަ ދުވަސްވަރު ވެސް މިއުޒިކް ތިއޭޓާގައި މަސައްކަތްކޮށްފައިވާ ޒުވާނެކެވެ.

ކުރިއަށް އޮތް ޑިސެމްބަރު މަހުގެ ހަތްވަނަ ދުވަހު ނެޓްފްލިކްސްގައި ޕްރިމިއާކުރާ ފިލްމު "ދަ އާޗީޒް"އަށް ސުހާނާގެ އަޑުން އަޅާފައިވާ ލަވަޔަކީ އެ ފިލްމުގެ 'ޖަބް ތުމް ނާ ތީން' މި ލަވައެވެ. މި ލަވަޔަކީ މަޝްހޫރު މިއުޒިކް ކޮމްޕޯސަރު އަދި ލަވަކިޔުންތެރިޔާ ޝަންކަރް-އެހެސާން-ލޯއި ތައްޔާރު ކޮށްފައިވާ ލަވައެކެވެ.

މި ފިލްމުގެ ޑައިރެކްޓަރު ޒޯޔާ އަޚްތަރު މީގެ ހަފުތާއެއް ކުރިން ދިން އިންޓަވިއުއެއްގައި ވަނީ ސުހާނާ އަކީ ވަރަށް ރީތިކޮށް މިއުޒިކް ކުޅެ ލަވަކިޔާ ހުނަރުވެރި ކުއްޖެއް ކަމަށް ބުނެފައެވެ.

ފިލްމު "ދަ އާޗީޒް"ގެ މަންޒަރެއް --
ފިލްމު "ދަ އާޗީޒް"އިން ސުހާނާއާ އެކު އަމީތާބްގެ ކާފަ ދަރިފުޅު އަގަސްތިޔާ އަދި ކުރީގެ ބަތަލާ ސްރީދޭވީގެ ހަގު ދަރިފުޅު ޚުޝީ ކަޕޫރު ވެސް ބޮލީވުޑަށް ނުކުންނާނެއެވެ.

ސުހާނާގެ ފުރަތަމަ ފިލްމު ބެލުންތެރިންނަށް ދޫކޮށްލަން ތައްޔާރުވެފައިވާއިރު މި ޒުވާނާ ވަނީ ބައްޕަ ޝާހްރުކް ޚާންއާ އެކު ކެރިއަރުގެ ދެވަނަ ފިލްމުގެ މަސައްކަތް ފެށުމަށް ތައްޔާރުވެފައެވެ. މި ފިލްމަކީ ޝާހްރުކް ޚާންގެ އަމިއްލަ ކުންފުނި ރެޑް ޗިލީޒް އާއި ކުޅަދާނަ ޑައިރެކްޓަރު ސިދާތު އާނަންދުގެ ފިލްމު ކުންފުނިން ގުޅިގެން ގެނެސްދޭ ފިލްމެކެވެ.

comment ކޮމެންޓް