ކާޖޮލްއާއި އަޖޭގެ ލޯބީގެ ފޮނި ހަނދާންތަކެއް 'އިޝްޤް'ގައި

މީގެ 26 އަހަރު ކުރިން ސިނަމާތަކަށް އައި ރީތި ލޯބީގެ ހެއްވާ މަޖާ ފިލްމު "އިޝްޤް"އަކީ ފިލްމީ ތަރިން ކަމަށްވާ އަޖޭ އާއި ކާޖޮލްގެ ލޯބީގެ ޙަޔާތުގެ ވަރަށް ފޮނި ހަނދާންތަކެއް ގެނުވާ ފިލްމެއްކަމަށް އެކްޓަރު ބުނެފިއެވެ.

ފިލްމު "އިޝްޤް" ރިލީޒްކުރިތާ 26 އަހަރު ފުރުން ފާހަގަކޮށް ފިލްމުގެ ހިތްގައިމު ޕޯސްޓަރެއް ބެލުންތެރިންނާ ހިއްސާކުރަމުން ކާޖޮލް ބުނީ ސުވިޒަލޭންޑުގައި ކުރިއަށް ދިޔަ ޝެޑިއުލްގެ ދުވަސްތައް ހަނދާނުން ފުހެލަން ދަތި ކަމަށެވެ.

ކާޖޮލްއާއި އަޖޭ، ޖޫހީ އަދި އާމިރު ޚާންއާ އެކު ނަގާފައިވާ ހިތްގައިމު ފޮޓޯއަށް ރައްދު ދެމުން އަޖޭ ކާޖޮލް ގާތު އަހާފައި ވަނީ، މި ފިލްމަކީ އެކްޓަރު ކާޖޮލް ގާތުން ކައިވެންޏަށް އެހި ފިލްމުތޯއެވެ. އެ ވެސް ކާޖޮލްގެ އަމިއްލަ އަނގޮޓި އަތުގައި އަޅުވައިދީގެން ކަމަށް ބުނެ އަޖޭ ވަނީ ކާޖޮލްގެ ޕޯސްޓަށް ރައްދު ދީފައެވެ.

ފިލްމު "އިޝްޤް" އަކީ ކާޖޮލް އާއި އަޖޭގެ ލޯބީގެ ގުޅުން އެންމެ ބޮޑަށް ފައްކާވި ދުވަސްވަރުގެ ފިލްމެކެވެ. ފިލްމު "ދިލް"، "ރާޖާ" އަދި "މަން"ފަދަ ރީތި ލޯބީގެ ފިލްމުތައް އުފައްދާފައިވާ ޑައިރެކްޓަރު އިންދަރު ކުމާރުގެ "އިޝްޤް" ވެފައިވަނީ 1997 ވަނަ އަހަރު ރިލީޒްކުރެވުނު ފިލްމުތަކުގެ ތެރެއިން ބޮކްސް އޮފީހުގައި އެންމެ ބޮޑު ކާމިޔާބީއެއް ހޯދި ފިލްމަށެވެ.

އަޖޭ އާއި ކާޖޮލް ދެ ކުދިން ކަމަށްވާ ނިސާ ދޭވްގަން އަދި ޔުގް ދޭވްގަން އާއެކު

އަޖޭ އާއި ކާޖޮލްއަކީ ނުވަދިހައިގެ އަހަރުތަކުގައި އެކީގައި ވަރަށް ގިނަ ފިލްމު ކުޅުނު ދެ ތަރިންނެވެ. އޭގެ ތެރޭގައި ރީތި ފިލްމުތައް ކަމަށްވާ "ޕިޔާރު ތޯ ހޯނާ ހިތާ"، "ދިލް ކިޔާ ކަރޭ" އަދި "ހަލްޗަލް" ހިމެނެއެވެ.

ދިގު މުއްދަތަކަށް ލޯބީގެ ގޮތުން ގުޅިގެން އުޅުމަށް ފަހު ދެ ތަރިން ކައިވެނި ކުރީ 1999 ވަނަ އަހަރެވެ. ކައިވެންޏަށް ފަހު ކާޖޮލް ވަނީ އަޖޭގެ އަމިއްލަ ފިލްމު ކުންފުނީގެ ބައެއް ފިލްމުތަކުގައި ވެސް މަސައްކަތް ކޮށްފައެވެ.

ކާޖޮލް އެންމެ ފަހުން ބެލުންތެރިންނަށް ފެނިފައި ވަނީ ޑިޒްނީ ހޮޓް ސްޓާއިން ގެނެސްދިން ވެބް ސީރީސް "ދަ ޓްރަޔަލް"ގައެވެ. އަޖޭ އާއި ކާޖޮލް އެންމެ ފަހުން އެކީގައި ކުޅެފައި ވަނީ 2020ވަނަ އަހަރު ރިލީޒްކުރި ފިލްމު "ތަންހާޖީ" އިންނެވެ.

comment ކޮމެންޓް