އޭސީސީން މަޖިލީހުގައި ދެއްކީ ވަރަށް ޒިންމާދާރުކަން ކުޑަ ވާހަކައެއް: އަކްރަމް

ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން -- ސަން ފޮޓޯ/ މުހައްމަދު ޝާތިއު

ގެދޮރުވެރިޔާ ޕޯޓަލުން ފްލެޓަށް އެދި ފޯމު ހުށަހެޅި މީހުންނަށް ލިބުނު މާކްސް، އެ ފޯމްތައް އެޕްރޫވް ކުރަން ތިބޭ ދެތިން މީހަކު ބަދަލުކުރިކަމަށް ބުނެ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން މިއަދު މަޖިލީހުގައި ދެއްކީ ވަރަށް ޒިންމާދާރުކަން ކުޑަ ވާހަކަތަކެއްކަމަށް ހައުސިން މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން މިރޭ ވިދާޅުވެއްޖެއެވެ.

އޭސީސީގެ ނައިބު ރައީސް އަބްދުއްސަލާމް މިއަދު ވިދާޅުވީ ފްލެޓް ދިނުން ހުއްޓުވާލަން އެންގިއިރު ފާހަގަވި ކަންކަމުގެ ތެރޭގައި، ފޯމު ހުށަހެޅުމުން ޕޯޓަލުން އޮޓޯއިން މާކްސް ޖެނެރޭޓުވި ނަމަވެސް އެ މާކްސްތައް އެޕްރޫވް ކުރަން ވަކި ބަޔަކު ތިބެ، މާކްސް ބަދަލުކުރިކަން ހިމެނޭކަމަށެވެ.

https://sun.mv/185408

އެގޮތުން ފޯމް ހުށަހަޅާ މީހަކު ދަރިއެއް ނެތްކަމަށް ޖެހި ނަމަވެސް، ނެޝަނަލް ރެޖިސްޓްރޭޝަން ޑިޕާޓްމެންޓްގެ ސިސްޓަމުން ވެސް އެ މީހާގެ ދަރިއެއް ނެތްކަން އެނގެން އޮތް ނަމަވެސް، ދަރިއެއް ހުންނަކަމަށް މާކްސް ދިނުން ފަދަ ކަންކަން ފާހަގަވެފައިވާކަމަށް ސަލާމް ވިދާޅުވިއެވެ.

މި ވާހަކަތައް ދޮގުކުރައްވައި ގެދޮރުވެރިންގެ މަސައްކަތުގައި އިސްކޮށް އެއިރު އުޅުއްވި އަކްރަމް "ސަން"އާ ވާހަކަދައްކަވަމުން ވިދާޅުވީ، ޕޯޓަލްގައި މާކްސް ދޭގޮތާއި އެޕްރޫވްކުރާއިރު މާކްސްއަށް ބަދަލު އަންނަ ގޮތް އޭސީސީގެ މެމްބަރުންނަށް ކުރިން ކިޔަދީފައިވާނެ ކަމަށެވެ. އަދި ނާއިންސާފުން އެއްވެސް މާކްސްއެއް ބަދަލުކޮށްފައި ނުވާނެ ކަމަށް ވިދާޅުވިއެވެ.

އެގޮތުން މާކްސްއަށް ބަދަލު އަންނަ ގޮތުގެ މިސާލެއް ފާހަގަކުރައްވަމުން އަކްރަމް ވިދާޅުވީ، ފްލެޓަށް އެދި ހުށަހެޅި މީހެއްގެ ފޯމުގައި 18 އަހަރުން ދަށުގެ ކުއްޖަކު ހުންނަ ކަމަށް ޖަހާފައި ނެތް ނަމަވެސް ސަރުކާރުގެ ޑީއެންއާރު ޕޯޓަލްއިން އޭނާގެ 18 އަހަރުން ދަށުގެ ކުއްޖަކު ހުންނަ ކަމަށް ދައްކާނަމަ މާކްސް އިތުރުވާނެ ކަމަށެވެ.

"މިއީ ހަމަ ރައްޔިތުންނަށް ރަނގަޅަކަށް ކުރާ ކަމެއް. މި އެއްޗިހި އަޅުގަނޑުމެން ހުންނާނީ ޓެކްނިކަލް ޓީމަށް ކިޔައިދީފަ،" އަކްރަމް ވިދާޅުވިއެވެ.

މާކްސް މަދުވެދާނެ ހާލަތެއް ކިޔައިދީ އަކްރަމް ވިދާޅުވީ، އިތުރަށް މާކްސް ހޯދުމުގެ ނިޔަތުގައި، ތިން މީހުން އެޅޭ އެޕާޓްމަންޓެއްގެ ފާޚާނަ، އެއަށް ވުރެ ގިނަ މީހުން ބޭނުންކުރާ ކަމަށް ލިޔެފައި ހުރެދާނެ ކަމަށެވެ. ނަމަވެސް އެ މައުލޫމާތަކީ ސައްހަ ނޫން މައުލޫމާތެއްކަން ޔަގީންވާނަމަ ޕޯޓަލް ތެރެއިން މާކްސް އުނިކޮށްފައި ހުންނާނެކަމަށް އަކްރަމް ވިދާޅުވިއެވެ

އިތުރަށް ވާހަކަދައްކަވަމުން އަކްރަމް ވިދާޅުވީ ރައްޔިތުންގެ ހިތްތަކުގައި ނުތަވަސްކަން އުފެދޭ ފަދަ ވާހަކަތައް ތަހުގީގު ކުރުމެއް ނެތި ދެއްކުމަކީ ކޮށްގެންވާނެ ކަމެއް ނޫންކަމަށެވެ.

އަދި އޭސީސީގައި ވަނީ ސިޔާސީ ކުލަ ޖެހިފައިކަމަށާއި އެއީ އަމިއްލަ މަންފާއެއް ހޯދުމުގެ ނިޔަތުގައި ދައްކާ ވާހަކަތަކެއްކަމަށް އަކްރަމް ތުހުމަތު ކުރެއްވިއެވެ.

މިއަދު އޮތް މަޖިލީހުގެ ކޮމިޓީ ބައްދަލުވުމުގައި އޭސީސީގެ ރައީސް އާދަމް ޝަމާލް ވިދާޅުވީ، ގެދޮރުވެރިޔާ ޕޯޓަލްއަކީ ވަރަށް ފުރިހަމަ ޕޯޓަލްއެއް ކަމަށެވެ.

ނަމަވެސް މާކްސްއަށް ބަދަލު އަންނަނީ އެ ޕޯޓަލްގެ ތެރެއިން އިންސާނުން ބައިވެރިވާ މަރުހަލާތަކުގެ ތެރެއިން ކަމަށް އޭނާ ވެސް ވިދާޅުވިއެވެ.

ގެދޮރުވެރިންގެ ފްލެޓް ލިސްޓުގެ މައްސަލަ އޮތީ އާންމު ރައްޔިތުންގެ މެދުގައި ވެސް ވަރަށް ބޮޑުވެފައެވެ. ބައެއް ރައްޔިތުންވަނީ ފްލެޓް ލިސްޓު ބާތިލްކުރަން ވެސް ގޮވައިލައިފައެވެ.

ގެދޮރުވެރިންގެ މަސައްކަތް މިހާރަށް ހުއްޓިފައިވާއިރު މި ހަފުތާ ތެރޭ ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރުވަނީ ކުރިއަށް އޮތް 20 ދުވަހުގެ މައްސަލަ ބަލައި ނިމޭނެކަމަށް އޭސީސީން ބުނެފައިވާކަމަށް ވިދާޅުވެފައެވެ.

އެއާއެކު އަލުން ގެދޮރުވެރިންނަށް ލިޔުން ދިނުމުގެ މަސައްކަތް ފެށޭނެކަމަށް ވެސް ވިދާޅުވިއެވެ.

comment ކޮމެންޓް