ފްލެޓަށް ޝަރުތު ހަމަނުވި ނަމަވެސް މާކްސް އިތުރުކޮށް، ފްލެޓް ދީފައިވޭ: އޭސީސީ

ފްލެޓް ލިސްޓާ ގުޅިގެން ޕްލޭނިން މިިނިސްޓްރީގައި ކުރި އިހުތިޖާޖުގެ ތެރެއިން --

ގެދޮރުވެރިޔާ ޕޯޓަލްއިން ފްލެޓަށް އެދި ފޯމް ހުށަހެޅި މީހުންނަށް ލިބުނު މާކްސް، އެ ފޯމްތައް އެޕްރޫވް ކުރަން ތިބޭ ދެތިން މީހަކު ބަދަލުކުރިކަން ފާހަގަކުރެވިފައިވާ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން މިއަދު ބުނެފިއެވެ.

ގެދޮރުވެރިޔާ ސްކީމްގެ ދަށުން ދޫކުރާ ފްލެޓުތަކުގެ ދާއިމީ ލިސްޓު ނެރެފައި ވަނިކޮށް، ފްލެޓް ދޫކުރުން އޭސީސީން ހުއްޓުވި މަައްސަލައިގައި އެ ކޮމިޝަންގެ މެންބަރުން މިއަދު ވަނީ ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް ހާޒިރުކޮށްފައެވެ.

އެ ކޮމިޓީގައި އޭސީސީގެ ރައީސް އާދަމް ޝާމިލް ވިދާޅުވީ ފްލެޓްގެ ދާއިމީ ލިސްޓު މިމަހުގެ ހަތަރެއްގައި ފުރަތަމަ ނެރުމުން އެ ކޮމިޝަނަށް 325 މީހުން ޝަކުވާ ހުށަހެޅި ކަމަށެވެ.

އެ ލިސްޓުން މީހުންނަށް ދީފައިވަނީ ރަނގަޅު މާކްސްކަން އެ މީހުންނަށް ކަށަވަރު ކުރެވޭނެ ގޮތެއް ނެތް ކަމަށާއި އެހެންވެ، ޝަކުވާ ހުށަހަޅަން މުއްދަތު ދިނުމަށާއި ޕޮއިންޓު ދީފައިވާ ގޮތް ބެލުމަށް ޓަކައި ފްލެޓު ދިނުން ހުއްޓާލަން އޭސީސީން އެދުނު ކަމަށް އޭނާ ވިދާޅުވިއެވެ.

އެއަށް ފަހު މިމަހުގެ 15ގައި އަނެއްކާވެސް ދާއިމީ ލިސްޓު ނެރުމުން، ކުރީގެ ލިސްޓާއި އޭސީސީން އިސްލާހު ކުރަން އެދުނު ކަންތައްތައް ބެލިއިރު، އެ ކޮމިޝަނުން އެދުނު ގޮތަށް ހައުސިން މިނިސްޓްރީން އެންމެ ފުރިހަމައަށް އަމަލުކޮށްފައިނުވާކަން ފާހަގަވި ކަމަށް ޝާމިލް ވިދާޅުވިއެވެ.

އޭސީސީގެ ނައިބު ރައީސް އަބްދުލްސަލާމް ވިދާޅުވީ ފްލެޓް ދިނުން ހުއްޓުވާލަން އެންގި އިރު ފާހަގަވި ކަންތައްތަކުގެ ތެރޭގައި، ފޯމް ހުށަހެޅުމުން ޕޯޓަލްއިން އޮޓޯއިން މާކްސް ޖެނެރޭޓުވި ނަމަވެސް އެ މާކްސްތައް އެޕްރޫވް ކުރަން ވަކި ބަޔަކު ތިބެ، މާކްސް ބަދަލުކުރާކަން ހިމެނޭ ކަމަށެވެ.

"މިސާލަކަށް ހުށަހަޅާ ލިޔެކިޔުންތަކުން ޝަރުތު ހަމައެއްނުވޭ، އެހެންވެ ސިސްޓަމުން ހަމަ އޮޓޯ ޖެނެރޭޓުވާނެ ޝަރުތު ހަމަނުވާ ކަމަށް، އެހެންވެއްޖެއްޔާމު އެ އެޕްރޫވަލް ލެވެލުން ޝަރުތު ހަމަވާ ކަމަށް ބަދަލުކޮށްފައި އޮންނަ ކަމަށް އަޅުގަނޑުމެންނަށް ފާހަގަވަނީ،" އަބްދުއްސަލާމް ވިދާޅުވިއެވެ.

އެގޮތަށް މާކްސް ބަދަލުކުރުމުގެ ދެ މިސާލެއް ވެސް އޭނާ ފާހަގަކުރެއްވިއެވެ. އެގޮތުން ފޯމް ހުށަހަޅާ ފަރާތަކުން ދަރިއެއް ނެތް ކަމަށް ޖެހި ނަމަވެސް އަދި ނެޝަނަލް ރެޖިސްޓްރޭޝަން ޑިޕާޓްމެންޓްގެ ސިސްޓަމުން ވެސް އެ މީހާގެ ދަރިއެއް ނެތްކަން އެނގެން އޮތް ނަމަވެސް، ދަރިއެއް ހުންނަ ކަމަށް މާކްސް ދީފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ހަމައެއާއެކު، ލިޔެކިޔުންތަކުން މާލޭގައި ދިރިނޫޅޭ މީހެއްކަން ކަނޑައެޅިގެން އެނގޭ އިރުވެސް ޝަރުތު ހަމަވާ ކަމަށް ކަނޑައަޅައި ފްލެޓް ދީފައި ހުރި ކަމަށް އަބްދުއްސަލާމް ވިދާޅުވިއެވެ.

"އެހެންވީމަ މިފަދަ ބަދަލުތައް ވެސް ހުރުމާ އެއްކޮށް އަޅުގަނޑުމެން އޭރު، އަޅުގަނޑުމެން ދާއިމީ ލިސްޓު ނެރުނީމަ ހުރި ކަންތައްތައް އަނެއްކާވެސް ތަހުގީގު ޓީމުން އެއްވެސް ބަދަލުތަކެއް އައިސްފައިވޭތޯ ނޫނީ އަޅުގަނޑުމެން އޭރު ފާހަގަކޮށްފަ ހުރި އެއްވެސް އިސްލާހެއް ގެނެސްފައި ހުރިތޯ ވަރަށް ބޮޑަށް ބެލި އެހެން ނަމަވެސް ވަކި އިސްލާހު ކޮށްފައި ހުރި ކަންތައްތަކެއް ފާހަގަކުރެވިފައި ނުވާތީ އަޅުގަނޑުމެން އެކަންތައްތައް އިތުރަށް ތަހުގީގުކޮށްފައި ބަލަން ވެގެން މި މަޑުޖައްސާލަން އެންގީ،" އޭނާ ވިދާޅުވިއެވެ.

އެ ވާހަކަތަކަށް ބާރު ދެއްވައި ޝާމިލް ވިދާޅުވީ ގެދޮރުވެރިޔާ ޕޯޓަލްއަކީ ވަރަށް ފުރިހަމަ ޕޯޓަލްއެއް ކަމަށެވެ. ނަމަވެސް މާކްސްއަށް ބަދަލު އަންނަނީ އެ ޕޯޓަލްގެ ތެރެއިން އިންސާނުން ބައިވެރިވާ މަރުހަލާތަކުގެ ތެރެއިން ކަމަށެވެ.

އެއީ ފޯމްގެ މައުލޫމާތުގެ ސައްހަކަން ބަލާ "ވެރިފަޔާސް"ގެ މަރުހަލާ އާއި އެ ފޯމްތައް ދެން ބަލައިގަންނަ "އެޕްރޫވަލް" މަރުހަލާ ކަަމަށް އޭނާ ވިދާޅުވިއެވެ. އޭގެ ތެރެއިން ވެރިފަޔާސްގެ ގޮތުގައި ގިނަ ބަޔަކު ތިބޭ އިރު އެޕްރޫވަލްގައި ތިބެނީ ދެތިން މީހަކު ކަމަށް އޭނާ ވިދާޅުވިއެވެ.

"މި ދެ މަރުހަލާގައި ހިނގާފައި ހުރި ކަންތައްތަކަށް ބަލާފަ އަޅުގަނޑުމެންނަށް މި މައްސަލައިގެ ތެރެއަށް އިތުރަށް ފީނަން މަޖުބޫރުވަނީ އެހެންވީމަ އެ ހިސާބުން ހިނގާފަ ހުރިކަމަށް މީހުން އެބަވޭ ތުހުމަތުކޮށްފަ އެލީ މާކްސް ބަދަލުކުރުމާއި އެކަހަލަ ކަންކަން،" ޝާމިލް ވިދާޅުވިއެވެ.

ފްލެޓް ލިބޭ މީހުންގެ ދާއިމީ ލިސްޓު ފުރަތަމަ އިއުލާންކުރިއިރު ބުނެފައިވަނީ، ފުރަތަމަ 4،000 ފްލެޓް ލިބޭ މީހުންގެ ތެރޭގައި ހިމެނެނީ، ތިން ކޮޓަރީގެ އެޕާޓްމެންޓެއް ނަމަ 76 ޕޮއިންޓުން ފެށިގެން މަތިން ލިބޭ މީހުންނާއި ދެ ކޮޓަރީގެ އެޕާޓްމެންޓެއް ނަމަ 73އިން ފެށިގެން މަތިން ޕޮއިންޓް ލިބޭ މީހުންނެވެ.

ޕްލޭނިން މިނިސްޓްރީން ދާއިމީ ފްލެޓު ލިސްޓު ނެރެ ފަހުން ކުރި އިއުލާނުގައި ވަނީ، ތިން ކޮޓަރީގެ އެޕާޓްމެންޓު ފުރަތަމަ ލިބޭ މީހުންގެ ތެރޭގައި 75 ޕޮއިންޓު ލިބުނު ބައެއް މީހުން ވެސް ހިމެނޭނެ ކަމަށް ބުނެފައެވެ. އެގޮތުން 76އިން ފެށިގެން މަތީ ޕޮއިންޓު ލިބުނު މީހުންނަށް ފްލެޓު ދިނުމަށް ފަހު ބާކީވާ ތިން ކޮޓަރީގެ ފްލެޓުތަކަށް، 75 ޕޮއިންޓު ލިބުނު މީހުންގެ މެދުގައި ގުރު ނަގައި ފްލެޓު ދޭނެ ކަމަށް ބުނެފައިވެއެވެ.

comment ކޮމެންޓް