ކޮތަޅު ފީއަށް ގެންނަ އިސްލާހުގެ ބިލު މުޅި މަޖިލީހުގެ ސަބް ކޮމިޓީއަށް ފޮނުވައިފި

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން --- ފޮޓޯ/ މަޖިލިސް

ޕްލާސްޓިކް ކޮތަޅުން ބޮޑު ފީއެއް ނަގާ މައްސަލަ ހައްލުކުރަން ސަރުކާރުގެ ފަރާތުން ކުނި މެނޭޖްކުރުމުގެ ގާނޫނަށް ހުށަހެޅި އިސްލާހުގެ ބިލު މުޅި މަޖިލީހުގެ ސަބް ކޮމިޓީއަށް ފޮނުވަން މިއަދުގެ މުޅި މަޖިލީހުގެ ކޮމިޓީގައި ފާސްކޮށްފިއެވެ.

ސަރުކާރުގެ ފަރާތުން ކޮމަންޑޫ ދާއިރާގެ މެންބަރު މުހައްމަދު ރާޝިދު ހުށަހަޅުއްވާފައިވާ ކުނި މެނޭޖުކުރުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު ފާސްކޮށް، މުޅި މަޖިލީހުގެ ކޮމިޓީއަށް ފޮނުވީ މިދިޔަ މަހުގެ 16 ވަނަ ދުވަހުއެވެ.

މިއަދު ބޭއްވި މުޅި މަޖިލީހުގެ ކޮމިޓީގައި ދުވާފަރު ދާއިރާގެ މެންބަރު އިސްމާއިލް އަހުމަދު ވަނީ ހަތް މެންބަރުން އެކުލެވޭ ސަބް ކޮމިޓީއަކަށް އެ މައްސަލަ ފޮނުވުމަށް ހުށަހަޅުއްވާފައެވެ. އެއާއެކު ދާންދޫ ދާއިރާގެ މެންބަރު ޔައުގޫބް އަބްދުﷲ ވަނީ އެ ހުށަހެޅުމަށް ތާއީދުކުރައްވާފައެވެ.

އެގޮތުން އެ ކޮމިޓީއަށް ހުށަހެޅުއްވި ނަންތަކަކީ:

  1. އެންވަޔަރަމަންޓް ކޮމިޓީން ހޯރަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް
  2. އެންވަޔަރަމަންޓް ކޮމިޓީން ދާންދޫ ދާއިރާގެ މެންބަރު ޔައުގޫބް އަބްދުﷲ
  3. އިޖްތިމާއީ ކޮމިޓީން މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހީމް ރަޝީދު
  4. މާލިއްޔަތު ކޮމިޓީން ފުވައްމުލަކު މެދު ދާއިރާގެ މެންބަރު ހުސެއިން މުހައްމަދު ދީދީ
  5. މާލިއްޔަތު ކޮމިޓީން ކުޅުދުއްފުށީ އުތުރު ދާއިރާގެ މެންބަރު ޔާސިރު އަބްދުއްލަތީފް
  6. އިގްތިސާދީ ކޮމިޓީން ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ނާޒިރު
  7. އިގްތިސާދީ ކޮމިޓީން ނިލަންދޫ ދާއިރާގެ މެމްބަރު އަބްދުލް މުހުސިން ހަމީދު

މުޅި މަޖިލީހުގެ ކޮމިޓީގައި ނެގި ވޯޓުން 26 މެންބަރުންގެ އިއްތިފާގުން ސަބް ކޮމިޓީއަށް އެ މައްސަލަ ފޮނުވުމަށް ފާސްކޮށް، 28 މެންބަރުންގެ އިއްތިފާގުން ވަނީ ކޮމިޓީ މެންބަރުންގެ ނަންތައް ފާސްކޮށްފައެވެ.

އެއަށްފަހު ކޮމިޓީ ނިންމާލާފައި ވަނީ ސަބް ކޮމިޓީއަށް އެ މައްސަލަ ދިރާސާކުރުމަށް ހުށަހަޅާފައެވެ.

މި ބިލު ދިރާސާކުރުމަށް މިހާރު ކޮމިޓީއަށް ފޮނުވާފައިވާ އިރު، އެ ބިލުގެ ބަހުސްގައި މީގެ ކުރިން، މަޖިލީހުގެ އެންވަޔަރަމެންޓް ކޮމިޓީގެ މުގައްރިރު އަދި ހޯރަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް ވަނީ ކޮތަޅު ފީ، ދެ ރުފިޔާއިން 50 ލާރިއަށް ކުޑަ ކުރުމަށް ހުށަހަޅުއްވައިފައެވެ.

ގާނޫނު އޮތް ގޮތުން ޓެކްސް މައިގަނޑު ގޮތެއްގައި ދައްކަން ޖެހެނީ އެންމެ ނިކަމެތި އެންމެ އާދައިގެ ރައްޔިތުންނަށް ވުމަކީ އެކަށީގެންވާ ކަމެއް ކަމެއް ކަމަށް ވިދާޅުވެ ޕްލާސްޓިކް ކޮތަޅުން ފީއެއް ނަގަން ފެށީ ތަކެތީގެ އަގު ވަރަށް ބޮޑަށް އުފުލުނު ދަނޑިވަޅެއްގައި ކަމަށް މީގެ ކުރިން މެންބަރު ސަލީމް ވަނީ ވިދާޅުވެފައެވެ. އެހެންކަމުން އޭގެ ތަކުލީފު ރައްޔިތުންނަށް ވަރަށް ބޮޑަށް އިހުސާސް ކުރެވުނު ކަމަށް ސަލީމް ވިދާޅުވިއެވެ.

ދެހާސް ތިރީހުގެ ނިޔަލަށް ޒީރޯ ޕްލާސްޓިކް ގައުމަކަށް ރާއްޖެ ހެދުމަކީ ސަރުކާރުގެ އަމާޒެެކެވެ. އަދި 2023 ވަނަ އަހަރުގެ ކުރީން، "ސިންގަލް-ޔޫސް ޕްލާސްޓިކް" ނުވަތަ އެއް ފަހަރު ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކްގެ މައްސަލައަށް ހައްލެއް ހޯދުމަކީވެސް ސަރުކާރުގެ މުހިއްމު އަމާޒެކެވެ.

comment ކޮމެންޓް