އެމެރިކާއިން ތިން އަސްކަރީ މަތިންބޯޓުގައި ޣައްޒާއަށް އެހީ ފޯރުކޮށްދެނީ

ހަަމަލާތައް މެދުކަނޑާލާފައި އޮތް މުއްދަތުގައި ޣައްޒާގެ މެދުތެރޭގައި އޮންނަ ދީ އަލް ބަލާހް ކައިރީގައި ފަލަސްތީނު މީހުން މަޑުކޮށްލައިގެން. ފޮޓޯ/އަލް އަހްރަމް އޮންލައިން

ޣައްޒާއަށް އިންސާނީ އެހީ ފޯރުކޮށްދިނުމުގެ ގޮތުން އަންގާރަ ދުވަހުން ފެށިގެން އެމެރިކާއިން ތިން އަސްކަރީ މަތިންދާބޯޓުގައި އެހީ މިސްރަށް ގެންދަން ފަށައިފައިވާ ކަމަށް އެމެރިކާގެ އޮފިޝަލުން ބުނެފިއެވެ.

އެމެރިކާއިން ޣައްޒާއަށް އެހީ ފޯރުކޮށްދޭން ފަށާފައި މިވަނީ ޔަހޫދީ އިސްރާއީލާއި ފަލަސްތީނުގެ މިނިވަން ކަމަށް މަސައްކަތްކުރާ ހަމާސް ޖަމާއަތާ ދެމެދު އޮކްޓޫބަރު މަހުގެ 7 ވަނަ ދުވަހުން ފެށިގެން ކުރަމުންދާ ހަނގުރާމައިގައި ހަ ދުވަހުގެ މުއްދަތަށް ހަމަލާތައް މެދުކަނޑާލާފައި އޮތް ވަގުތެއްގައެވެ. ހަމަލާތައް މެދުކަނޑާލަން ދެ ފަރާތުން ވެފައިވާ އެއްބަސްވުމުގެ ދަށުން ޣައްޒާއަށް ގިނަ އަދަދެއްގެ އިންސާނީ އެހީ ފޯރުކޮށްދިނުމަށް ވަނީ އެއްބަސްވެފައެވެ.

ކާބޯތަކެއްޗާއި ސިއްހީ ފަރުވާދިނުމަށް ބޭނުންވާ ސާމާނާއި ފިނި މޫސުމަށް ބޭނުންވާނެ ސާމާނު ހިފައިގެން މިސްރަށް ދާ މި ބޯޓުތަކަކީ އޮކްޓޫބަރުގައި ހަނގުރާމަ ފެށިފަހުން އެމެރިކާގެ އަސްކަރިއްޔާއިން ޣައްޒާއަށް އެހީ ފޯރުކޮށްދިނުމުގެ ގޮތުން ފޮނުވާ ފުރަތަމަ ބޯޓުތަކެވެ.

އެހީ ހިފައިގެން ބޯޓުތައް އެމެރިކާއިން ފޮނުވަން ފަށާފައި މިވަނީ ހަމަލާތައް ޣައްޒާއަށް އެހީ ފޯރުކޮށްދިނުމުގެ ގޮތުން ހަމަލާތައް މެދުކަނޑާލާފައި އޮންނަ މުއްދަތު އިތުރުކުރަން މަސައްކަތް ކުރާނެ ކަމަށް އެމެރިކާގެ ރައީސް ޖޯ ބައިޑެން ވިދާޅުވިތާ އެއްދުވަސް ފަހުންނެވެ.

މިސްރަށް ގެންދާ އެމެރިކާގެ އެހީ މިސްރާއި ޣައްޒާ ގުޅޭ ރަފަޙް ބޯޑަރު މެދުވެރިކޮށް ޣައްޒާއަށް ފޯރުކޮށްދޭނެ ކަމަށްވެސް އެމެރިކާގެ އޮފިޝަލުންނާ ހަވާލާދީ އަހްރަމް އޮންލައިނުން ބުނެއެވެ.

ހަމަލާތައް މެދުކަނޑާލާފައި އޮތް ހަތަރު ދުވަސް ތެރޭގައި އެހީގެ އަށް ޓްރަކް ޣައްޒާއަށް ވަދެފައިވާ ކަމަށް އެމެރިކާގެ އޮފިޝަލުން ބުނެއެވެ.

އެމެރިކާގެ ތާއީދާއި ވާގިވެރިކަމާއެކު އިސްރާއީލުން ހަނގުރާމަ ކުރިއަށްގެންދިޔައިރު، ފަލަސްތީނުގެ އާންމުންނަށް ގެއްލުން ނުވާނެހެން ހަނގުރާމަ ކުރިއަށް ގެންދަން ބައިޑެން ވަނީ އިސްރާއީލަށް ގޮވައިލައްވާފައެވެ.

ހަމަލަތައް މިވަގުތަށް މެދުކަނޑާލާފައި އޮތް ނަމަވެސް މުއްދަތު ހަމަވުމާއެކު އިސްރާއީލުން ހަނގުރާމަ އަނެއްކާވެސް ފަށާނެ ކަމަށާއި ނަމަވެސް ކުރިން ހަމަލާދިން ގޮތަށް ފަލަސްތީނުގެ އާންމުންނަށް ހަމަލާދީ ގެދޮރު ދޫކޮށްދިއުމަށް މަޖުބޫރު ނުކުރުމަށް އިސްރާއީލަށް ބައިޑެން އިންޒާރުދެއްވާފައިވާ ކަމަށް އެމެރިކާގެ އޮފިޝަލުން ބުނެއެވެ.

comment ކޮމެންޓް