ބަލިތަކާ ހެދި ޣައްޒާއިން މަރުވާ މީހުންގެ އަދަދު، ބޮމުގެ ހަމަލާތަކުގައި މަރުވާ އަދަދަށް ވުރެ އިތުރުވެދާނެ

ހަމަލާތައް މެދުކަނޑާލާފައި އޮތް މުއްދަަތުގައި ޣައްޒާގެ އުތުރުން ދެކުނަށް ދާ ފަލަސްތީނުގެ އަންހެނަކު ކުޑަކަކުއްޖަކާއެކު. ފޮޓޯ/އިންޑިޕެންޑެންޓް

ޣައްޒާގެ ސިއްހީ ނިޒާމާއި ސާފުތާހިރުކަމުގެ މައްސަލަ ހައްލުނުކުރެވިއްޖެނަމަ، ބޮމުގެ ހަމަލާތަކުގައި މަރުވާ މީހުންނަށްވުރެ ގިނަ މީހުން ބަލިމަޑުކަމުގެ ސަބަބުން މަރުވެދާނެ ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިޔުއެޗްއޯ)އިން ބުނެފިއެވެ.

އޮކްޓޯބަރު ހަތް ވަނަ ދުވަހު އިސްރާއީލުން ޣައްޒާއަށް ދޭން ފެށި ހަމަލާތަކުގެ ސަބަބުން ފެނާއި ކާނާ އާއި ތެލާއި ސިއްހީ ފަރުވާއަށް ބޭނުންވާ ސާމާނުގެ ދަތިކަން ވެސް ޣައްޒާއަށް އޮތީ ކުރިމަތިވެފައެވެ. ހޮސްޕިޓަލްތަކަށާއި އދ.ގެ ފެސިލިޓީތަކަށް އަމާޒުކޮށް އެކި ވަރުގެ ހަމަލާތައް ދިނުމުގެ ސަބަބުން މުޅި ޣައްޒާ އޮތީ ސުންނާފަތިވެ، ސާފުތާހިރުކަމެއް ނެތް ތަނެއްގެ ގޮތުގައެވެ.

"ޣައްޒާގައި މިހާރު އޮތް ސިއްހީ ނިޒާމަށް އެކަށީގެންވާ ހައްލެއް ނުލިބިއްޖެނަމަ، ބޮން ގޮއްވާލުމަށް ވުރެ ބަލިމަޑުކަމުން މަރުވާ މީހުންގެ އަދަދު އިތުރުވާނެ." ޖެނީވާގައި އަންގާރަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން ޑަބްލިއުއެޗްއޯގެ ތަރުޖަމާނު މާގްރެޓް ހެރިސް ވިދާޅުވިއެވެ.

ޣައްޒާގައި ބޭރަށް ހިންގާ ރޯގާއާއި ގައިންގަޔަށް އަރާ އެހެން ބަލިތައްޖެހޭ މީހުންގެ އަދަދު އިތުރުވަމުން އަންނަ ކަމަށް ވެސް މާގްރެޓް ފާހަގަކުރެއްވިއެވެ.

އުތުރު ޣައްޒާގައި ގެދޮރު ގެއްލިފައިވާ މީހުންގެ ދިރިއުޅުމުގެ ހާލަތާ ބެހޭގޮތުން އދ.އިން އާންމުކޮށްފައިވާ ރިޕޯޓަކާ ހަވާލާދީ މާގްރެޓް ވިދާޅުވީ ޣައްޒާގައި ތިބި އާންމުންނަށް ބޭހާއި އެނޫންވެސް ސިއްހީ ފަރުވާއަށް ބޭނުންވާ ސާމާނު ނުލިބޭއިރު، ވެކްސިން ދެވޭނެ ގޮތެއްވެސް ނެތް ކަމަށެވެ. ރައްކާތެރި ފެނާއި ސާފުތާހިރުކަން އަދި ކާބޯތަކެތިވެސް ނުލިބޭ ކަމަށް މާގްރެޓް ވިދާޅުވިއެވެ.

ޣައްޒާގައި ސާފުތާހިރުކަމުގެ މުހިންމު ހުރިހާ ހިދުމަތްތަކެއް ދިނުން ހުއްޓިފައިއޮތްއިރު، އާންމުންގެ ތެރޭގައި ގައިންގަޔަށް އަރާ ބަލިތައް ފެތުރުން ވަރަށް ބޮޑަށް އިތުރުވުމުގެ ފުރުސަތު އެބަ އޮތެވެ. ފެތުރޭ ބަލިތަކުގެ ތެރޭގައި ކޮލެރާވެސް ހިމެނެއެވެ.

ދެ މިލިއަނަށް ވުރެ ބޮޑު އާބާދީއެއް އޮންނަ ޣައްޒާގެ ދެބައިކުޅަ އެއްބައި މީހުންނަކީ ކުޑަކުދިންނެވެ. އެ ހުރިހާ އެންމެންނަށް ބޯނެ ރައްކާތެރި ފެން ޣައްޒާއިން ހޯދުމަކީވެސް ވުމަށްވުރެ ނުވުން ގާތް ކަމަކަށް އޮތީ ވެފައެވެ.

ބޭރަށް ހިންގުން ޖެހިގެން 44،000 ކޭހާއި، ނޭވާލާ ނިޒާމަށްޖެހޭ ގައިންގަޔަށް އަރާ ބަލީގެ 70،000 ކޭސް ޣައްޒާއިން މިހާތަނަށް ރިޕޯޓުކޮށްފައި އޮތް ނަމަވެސް ބަލިތައް ޖެހިފައިވާ މީހުންގެ އަސްލު އަދަދު އެއަށްވުރެ އިތުރުވާނެ ކަމަށް ޑަބްލިޔުއެޗްއޯއިން ބުނެއެވެ.

ފިނި މޫސުން ފެށި، ވާރޭ ވެހުމާއި ފެން ބޮޑުވުމުގެ ސަބަބުން ޣައްޒާގައި މިހާރު އޮތް ހާލަތު އިތުރަށް ގޯސްވެދާނެ ކަމުގެ ކަންބޮޑުވުންވެސް އެބައޮތް ކަމަށް އދ.ގެ ސިއްހަތާބެހޭ ޖަމިއްޔާއިން ބުނެއެވެ.

comment ކޮމެންޓް