ހިޔާ ފްލެޓްގެ ފިނިޝިންގެ ޚަރަދަށް ދެލައްކަ ރުފިޔާ ދޭނެ: ފަޒުލް

ފަޒުލް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ކެމްޕެއިން ތެރޭ ވިދާޅުވި ފަދައިން، ހިޔާ ފްލެޓްގެ ފިނިޝިންއަށް ޚަރަދު ކުރި ފައިސާގެ ތެރެއިން ދެ ލައްކަ ރުފިޔާ ހިޔާ ފްލެޓްގައި އުޅޭ ރައްޔިތުންނަށް ދޭނެކަމަށް އާބަންކޯގެ މެނޭޖިން ޑިރެކްޓަރު ފަޒުލް ރަޝީދު ވިދާޅުވެއްޖެއެވެ.

ފަޒުލް މިފަދައިން ވިދާޅުވީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ. އޭނާ މިހެން ވިދާޅުވި އިރު، އެ ފައިސާ ހިޔާ ފްލެޓްގައި ދިރިއުޅޭ ރައްޔިތުންނަށް ނުދޭން ރައީސް ނިންމަވާފައި ވާކަމަށް ބުނެ ވާހަކަތަކެއް ދަނީ ފަތުރަމުންނެވެ.

އެކަމާ ބެހޭ ގޮތުން އިތުރު ތަފްސީލް ހޯދުމަށް ފަޒުލްއަށް ގުޅުމުން ފޯނަށް ޖަވާބުދެއްވާފައި ނުވާތީ، ތަފްސީލް ލިބިފައެއްނުވެއެވެ.

ރިޔާސީ އިންތިޚާބުގެ ތެރޭގައި ހުޅުމާލޭގައި ބޭއްވި ހަރަކާތެއްގައި ޑރ. މުއިއްޒު ވިދާޅުވީ، ހިޔާ ފްލެޓްގެ ފިނިޝިންގެ ޚަރަދުން ދެ ލައްކަ ރުފިޔާ ދޭނީ އާބަންކޯއިން ލޯނެއް ނަގައިގެން ކަމަށެވެ.

އެއީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ސަރުކާރުގައި ވެސް ނިންމަވާފައިވާ ގޮތެއް ކަމަށް ޑރ. މުއިއްޒު ވިދާޅުވިއެވެ.

މީގެ އިތުރުން، ހިޔާ ޓަވަރުތަކުން ކޮންމެ ޓަވަރަކަށް ދެ ލިފްޓު އިތުރުކޮށްދޭނެ ކަމަށް ވެސް އިންތިޚާބީ ރައީސްގެ ހައިސިއްޔަތުން ރައީސް މުއިއްޒު، ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ރައްޔިތުންނާ ބައްދަލު ކުރައްވާ ވިދާޅުވެފައިވެއެވެ. އެމަނިކުފާނު ވިދާޅުވީ، އޭގެ ތެރެއިން އެއް ލިފްޓު ގާއިމްކުރާނީ ސްޓްރެޗާ އެރުވޭ ވަރުގެ ޖާގައާ އެކު ކަމަށެވެ.

comment ކޮމެންޓް